ވޯލްޑް އިކޮނޮމިކް ފޯރަމްގެ ހާއްސަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓާ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ.

މިނިސްޓަރު ޒަމީރުގެ މި ދަތުރުފުޅުގައި މުޅި ކޮންފަރެންސްގައި ވެސް މަތީ ފެންވަރުގެ އިވެންޓްތަކާ ސެޝަންތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ އިތުރުން މި ދަތުރުފުޅުގެ ތެރެއިން ސަރުކާރުގެ އިސްވެރިންނާއި، ބައިނަލްއަގްވާމީ ޖަމްއިއްޔާޖަމާއަތްތަކުގެ އިސްވެރިންނާއި، ވިޔަފާރިވެރިންނާއި، އިލްމީ ބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށް ހާރިޖީ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

ވޯލްޑް އިކޮނޮމިކް ފޯރަމްގެ ސްޕެޝަލް މީޓިން އޮން ގްލޯބަލް ކޮލަބަރޭޝަން، ގްރޯތް އެންޑް އެނާޖީ ފޯ ޑިވެލޮޕްމަންޓަކީ ސައުދީ އަރަބިއްޔާ ސަރުކާރާއި ވޯލްޑް އިކޮނޮމިކް ފޯރަމް ގުޅިގެން ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ހުރިހާ ދާއިރާއަކުން 700 އަށް ވުރެ ގިނަ ލީޑަރުން އެއްތަނަކަށް އެއްވެ، ހިއްސާވާ ދުނިޔޭގެ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް މާނަހުރި މަޝްވަރާތަކެއް ކުރިއަށް ގެންދާނެއެވެ.

ވޯލްޑް އިކޮނޮމިކް ފޯރަމްގެ މަގުސަދަކީ ދުނިޔޭގެ އެއްބާރުލުން އުފެއްދުމަށް ޕާޓްނަޝިޕްތައް އުފެއްދުމުގެ އިތުރުން ސަރުކާރުގެ ފަރާތުންނާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ އިސްވެރިންނާ ވިޔަފާރިވެރިންނާ އަދި އިލްމީ ދާއިރާގެ އެހެން ލީޑަރުންނާ ވެސް ގުޅިގެން މަސައްކަތް ކުރުމެވެ.

މި ފޯރަމް ގައި ދުނިޔޭގެ ބާރުގަދަ ގައުމުތަކުގެ ވެރިން ބައިވެރިވެ ވަޑައިގަތުމަސް ހަމަޖެހިފައިވާއިރު މި ފޯރަމްގައި ފަލަސްތީނުގެ ގާޒާ އަށް އިޒްރޭލުން ދެމުންދާ ލާ އިންސާނީ ހަމަލާތަކުގެ ސަބަބުން ގާޒާއަށް ކުރިމަތިވެފައިވާ އެކި އެކި މައްސަލަތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ.