މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަމާހު ރަޝީދުގެ ސަސްޕެންޝަން އުވާލައިފިއެވެ.

ޝަމާހާ ގުޅޭ ކޯޕަރޭޓް ގަވަނަންސާ ގުޅޭ މައްސަލަަތަކެއް އެ ބޯޑަށް ހުށަހަޅާފައިވުމުން ބަލަމުންދާ ކަމަށް ބުނެ، ޕީސީބީން އެންމެ ފުރަތަމަ އޭނާ ސަސްޕެންޑުކުރީ މިދިޔަ މާޗް މަހުގެ 18 ގައެވެ.

އެ މުއްދަތު މާޗް މަހުގެ ނިޔަލަށް ހަމަވުމުން ޝަމާހު ސަސްޕެންޑުކުރި މުއްދަތު މިދިޔަ އާދީއްތަ ދުވަހުގެ ނިޔަލަށް އިތުރުކުރިއެވެ. އެ މުއްދަތު ހަމަވުމުން ޕީސީބީން މިފަހަރު ނިންމީ ޝަމާހުގެ ސަސްޕެންޝަން އުވާލުމަށެވެ. އެއާއެކު މިފްކޯގެ ހިންގުމުގެ ކަންކަން ހަމަޖެއްސުމަށް އުފެއްދި ވަގުތީ ކޮމިޓީ ވެސް ވަނީ މިހާރު އުވާލައިފައެވެ.

ޝަމާހާ ބެހޭ ގޮތުން ޕީސީބީއަށް ހުށަހެޅި ޝަކުވާގެ ލިސްޓު ދިގެވެ. އެގޮތުން ހުށަހެޅި ޝަކުވާތަކުގެ ތެރޭގައި އޭނާގެ އާއިލީ ގުޅުން އޮންނަ ފަރާތްތަކާއި ރައްޓެހިންނަށް ކުންފުނީގެ ވަޒީފާ ދިނުން ފަދަ ބޮޑެތި ތުހުމަތުތައް ހިމެނެއެވެ.

އެގޮތުން ޖުމްލަ 12 ކަމެއް ފާހަގަކޮށް ޝަމާހަށް ޕީސީބީން ފޮނުވި ސިޓީއެއްގައި ބުނީ, މިފްކޯ އާ ގުޅޭ ގޮތުން ގިނަ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށާއި ކޯޕަރޭޓް ގަވަނަންސް ކޯޑާއި ޕީސީބީން ހަދާފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް ކަންކަން ކޮށްފައި ވާކަން ފާހަގަވެފައިވާ ކަމަށެވެ.