ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅު ކޭސް، އަންގާރަ ދުވަހުން ފެށިގެން މިފްކޯގެ މަސްފިހާރަތަކުން ދޫކުރާ ގޮތަށް ނިންމައިފިއެވެ.
ސަރުކާރުން ހިލޭ ދޭ މަސްދަޅު ކޭސްތައް ދޫކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގައެވެ.
މަސްދަޅު ކޭސް ދޫކުރުމާ ބެހޭ ފަހުގެ އަދާހަމަ ހިއްސާކުރައްވައި ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް 'އެކްސް'ގައި ލިޔުއްވި ގޮތުގައި މާލެ ސަރަހައްދުގައި 48 ހާސް ގޭބިސީއަށް މަސްދަޅު ކޭސް ފޯރުކޮށްދެވިފައިވެއެވެ.
މިރެއާއި މާދަމާ މިހާރު ވެސް މަސްދަޅު ކޭސް ދޫކުރާ 13 ތަނުން މަސްދަޅު ކޭސް ދޫކުރުން ކުރިޔަށް ދާނެ ކަން ފާހަގަކުރައްވައި ޝަރީފް އިތުރަށް ލިޔުއްވިގޮތުގައި ގިނަ ގޭބިސީތަކަށް މަސްދަޅު ކޭސް ދޫކުރެވިފައިވުމާ އެކު، އަންގާރަ ދުވަހުން ފެށިގެން މަސްދަޅު ކޭސްތައް ދޫކުރާނީ މިފްކޯގެ މަސްފިހާރަތަކުންނެވެ.
"މާލެ އަދި ހުޅުމާލޭގައި ހުރި މިފްކޯގެ 4 ފިހާރަ ހުޅުވިފައި ހުންނަ ގަޑިތަކުގައި ދޫކުރުން ކުރިޔަށްދާނެ، ރޯދަ ހަދިޔާ ދޫކުރާ މަރުކަޒުތައް 11 ވަނަ ދުވަހުން ފެށިގެން ބަދަލުވީ ނަމަވެސް، ދޫކުރުން ކުރިޔަށްދާނީ މިހާރެކޭ އެއްގޮތަށް، އޮންލައިން ޓޯކަން ނިޒާމުގެ ތެރެއިންކަން ފާހަގަކުރަން. އަދި ބޭނުންވާ ހުރިހާ ފަރާތްތަކަށް ލިބެންދެން ކުރިޔަށްދާނެ،" މިނިސްޓަރު ލިޔުއްވާފައިވެއެވެ.
އާންމުންގެ ޝަކުވާއަށް ބަލައި މަސްދަޅު ކޭސް ނަގަން ޓޯކަން ދޫކުރާ ގޮތަށް ހަމަޖެއްސީ 21 ވަނަ ދުވަހުގައެވެ. އަދި މަސްކޭސްތައް ދޫކުރަން ފެށި މާފަންނުގައި ހުންނަ މިފްކޯގެ މައި އޮފީހުގެ ކޮމްޕައުންޑުންނާއި ހެންވޭރުގައި ހުންނަ އެމްޓީސީސީގެ ސޯމިލްގެ އިތުރުން ގަލޮޅު ދަނޑުގެ ހަތަރު ސިޑިބަރި ކައިރިންނާއި ޒުވާނުންގެ މަރުކަޒާއި ހެންވޭރު ދަނޑުން މަސްކޭސް ދޫކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވެއެވެ.