މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސާގެ މަގާމު ފުރުއްވި ޑރ. ވިޓާލީ ލިއުބިމޮވް އެ މަގާމުން ވަކިކުރި އިރު ދޭން ޖެހޭ ނޯޓިސްގެ މުއްދަތަށް ވާ ފައިސާ ނުދޭތީ 42،000 ޑޮލަރު ހޯދަން އެދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިފިއެވެ.
މިފްކޯގެ ސީއީއޯގެ މަގާމަށް ރާއްޖެއިން ބޭރުގެ މީހަކު އައްޔަން ކުރި މީ ފުރަތަމަ ފަހަރެވެ. މިދިޔަ ޑިސެމްބަރު މަހުގައި އެ މަގާމަށް ވިޓަލީ އައްޔަން ކޮށްފައިވާ އިރު އޭނާ މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 3 ވަނަ ދުވަހުއެވެ. އަދި އޭނާ މަގާމުން ވަކިކުރި ސަބަބު ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
އޭނާ ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ވަޒީފާއިން ވަކިކުރިއިރު ދޭން ޖެހޭ ތިން މަހުގެ ނޯޓިސް ދީފައި ނުވާ ކަމަށެވެ. އަދި މަގާމުން ވަކިކުރި އިރު ނޯޓިސްގެ ބަދަލުގައި ތިން މަހުގެ މުސާރަ ވެސް ދީފައި ނުވާ ކަމަށް އެ މައްސަލައިގައި ބުނެފައި ވެއެވެ. އެހެންކަމުން ވަޒީފާގެ އެއްބަސްވުމުގެ ދަށުން ތިން މަސް ދުވަހުގެ މުސާރައަށްވާ 42،000 ޑޮލަރު ނަގައި ދިނުމަށް ވަނީ އެދިފައެވެ.
މި މައްސަލައާ ގުޅިގެން މިފްކޯއިން ހުށަހެޅި އިޖުރާއީ ނުކުތާގަިއ ބުެނފައި ވަނީ މިއީ ޓްރައިބިއުނަލަށް ނުބެލޭނެ މައްސަލައެއް ކަމަށެވެ. ކުންފުނީގެ ގާނޫނުގެ ދަށުން އައްޔަން ކުރާ މެނޭޖިން ޑިރެކްޓަރަކީ ވަޒީފާއާ ބެހޭ ގާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ވަޒީފާއެއް ތޯ އާއި އަދި އެފަދަ ވަޒީފާއަކުން މީހަކު ވަކިކުރުމުން އެ މައްސަލައެއް ޓްރައިބިއުނަލަށް ބެލިދާނެކަމާ މެދު ވެސް މިފްކޯއިން ސުވާލު އުފެއްދިއެވެ.
އެކަމާ ގުޅިގެން ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ބުނެފައި ވަނީ މިފްކޯއިން ވަނީ މިޓަލީއާ އެކު ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް ވަޒީފާއާ ބެހޭ އެއްބަސްވުމެއް ހަދާފައި ކަމަށާއި އިސް މަގާމުތަކުގައި ތިބޭ މީހުން އިސްތިސްނާ ކުރެވޭ މާއްދާތަކެއް ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކުރި ނަމަވެސް، ސީއީއޯ އާއި ކުންފުންޏާ ދެމެދު ވަޒީފާގެ އެއްބަސްވުމެއް އޮންނަ ހާލަތުގައި އެ ފަރާތްތަކުގެ މައްޗަށް އިސްތިސްނާވާ މާއްދާތައް ނޫން ވަޒީފާއާ ބެހޭ ގާނޫނުގެ އެހެން މާއްދާތައް ހިންގޭނެ ކަމަށެވެ. އެހެންކަމުން މި މައްސަލައަކީ އެ ތަނުން ބަލައި ގޮތެއް ކަނޑައަޅަން ޖެހޭ މައްސަލައެއް ކަމަށާއި ވިޓަލީ ހުށަހެޅި މައްސަލައަށް ޖަވާބުދާރީވުމަށް މިފްކޯގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
ވިޓާލީ އަކީ އިކޮނޮމިކްސް އާއި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވައިފައިވާ ބޭފުޅެކެވެ. މީގެ ކުރިން ބައެއް ބޭންކުތަކުގެ ކްރިޑިޑް އަދި ޑިޕާޓްމަންޓުގެ އިސްވެރިއެއްގެ ގޮތުގައި އޭނާ ވަނީ މަސައްކަތް ކުރައްވާފައެވެ. އަދި ބައެއް ކުންފުނިތަކުގެ ބޯޑް މެންބަރުކަމާއި އެޑްވައިޒަރުކަމުގެ އިތުރުން ބައެއް ކެޕިޓަލް ފަންޑުތަކުގެ ޗީފް ރިސްކް އޮފިސަރުކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ.