އިސްލާމިކް ޑިވެލޮޕްމެންޓު ބެންކު (އައިޑީބީ) އިން 64.65 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއަކަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން އެދިއްޖެއެވެ.
ސަރުކާރުގެ އެހީތެރިކަމާ އެކު އައިޑީބީގެ ފައިނޭންސިން ފެސިލިޓީއަށް އެދުނީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވާ ތަރައްގީ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ހަރުދަނާ އުސޫލެއްގެ މަތިން ކުރުމަށް ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
އަދި މި ފެސިިލިޓީގެ ސަބަބުން މިފްކޯގެ އިންފްރާސްޓްރަކްޗާ އިތުރަށް ތަރައްގީވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުންވެސް މިފްކޯއިން ބުނީ، އިންސްޓޯލްމެންޓު ސޭލް އަދި ގްރާންޓުގެ ގޮތުގައި މި ފައިސާ ހޯދަނީ މިފްކޯގެ ކޯލްޑް ސްޓޯރޭޖު ކެޕޭސިޓީ އިތުރު ކުރުމުގެ އިތުރުން ކަނޑުއޮތްގިރީގައި މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށެވެ.
އަދި ހަމައެހެންމެ އެ ފައިސާއިން ޅ.ފެލިވަރު އަދި ގއ. ކޫއްޑޫގައި ގައި ސްޓާފް އެކޮމޮޑޭޝަން އިމާރާތް އެޅުމާއި މިފްކޯގެ މުވައްޒަފުންނާއި ސްޓޭކްހޯލްޑަރުންނަށް ތަމްރީނު ދީ ކެޕޭސިޓީ ބިލްޑިންގެ މަސައްކަތްތަކަށް ވެސް ފައިސާ ހަރަދު ކުރުމަށް މިފްކޯއިން ވަނީ ނިންމާފައެވެ.
އައިޑީބީގެ ފަންޑިންގައި މަޝްރޫއުތައް ކުރިއަށް ގެންދަން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން ބައިނަލްއަގުވާމީ ވާދަވެރި ބިޑިންގެ ތެރެއިން ކުރިއަށްގެންދާ މި މަޝްރޫއުތަކުގެ ސަބަބުން ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށް މިފްކޯއިން ގަބޫލު ކުރެއެވެ.