މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓްގެ މަގާމަށް އިބްރާހިމް އާތިފް ޝަކޫރު އައްޔަން ކުރައްވައިފިއެވެ.

އާތިފް އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އެ މަގާމުގައި އޭނާ ހުންނަވައިގެން ކުންފުނީގެ ހަރަދު ކުޑަކުރުމަށާއި އާމްދަނީ އިތުރު ކުރުމަށް ގެންނަ ޖެހޭ ބަދަލުތައް ގެނައުމަށް ލަފާ ދެއްވާނެ އެވެ.

އާތިފަކީ އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރެކެވެ. އޭނާ ވަނީ މީގެ ކުރިން އިގްތިސާދީ މައްސަލަތަކާ ގުޅޭ ގޮތުން ލިޔުންތައް ވެސް ލިޔުއްވާފައެވެ. އަދި ހަމަ އެހެންމެ މިދިޔަ އަހަރު މިފްކޯއަށް ސީއީއޯއެއް ހޯދަން އިއުލާނުކުރުމުން އެމަގާމަށް ވެސް އާތިފް ވަނީ ކުރިމަތިލައްވާފައެވެ. ނަމަވެސް ޝަރުތު ހަމަވާ ބޭފުޅަކު ނެތް ކަމަށް ބުނެ، އެ އިއުލާން ޕީސީބީން އޭރު ބާތިލު ކުރި އެވެ.

ރާއްޖޭގައި ތިއްބެވި އިގްތިސާދީ އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާތިފް ވަނީ މިފްކޯގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރުގެ މަގާމާއި ޑެޕިއުޓީ ސީއީއޯގެ މަގާމާއި ސީއީއޯގެ މަގާމު ވެސް ފުރުއްވާފައެވެ.

މިވަގުތު މިފްކޯ ހިންގުމާ ހަވާލުވެ ހުންނަވަނީ ފަރުހަތު ޝަހީރު އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިދިޔަ މާޗް މަހުގެ 5 ވަނަ ދުވަހުއެވެ.

އޭގެ ކުރިން އެ މަގާމު ފުރުއްވަމުން ދިޔައި ޔޫކްރެއިންގެ ރައްޔިތެއް ކަމަށް ވާ ޑރ. ވިޓާލީ ލިއުބިމޮވް އެވެ. ނަމަވެސް ވިޓާލީ އެ މަގާމުން ވަކި ކުރި ސަބަބު ސާފުވެފައި ނުވާއިރު ދާދި ފަހުން ވިޓާލީ ވަނީ އެ މަގާމުން ވަކިކުރި އިރު ދޭން ޖެހޭ ނޯޓިސްގެ މުއްދަތަށް ވާ ފައިސާ ނުދޭތީ 42،000 ޑޮލަރު ހޯދަން އެދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ވެސް ހުށަހަޅާފައެވެ.