އިއްޔެ ނިމިގެންދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ފެނިގެން ދިޔައީ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ކުރާ އިތުބާރު ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އާރިފް ވިދާޅުވީ، ރައްޔިތުން ބޭނުންވަނީ ގައުމުގެ މިނިވަންކަމާއި މުސްތަގިއްލުކަން ހިމާޔަތް ކުރުމުގެ އިތުރުން އަމިއްލަވަންތަ ކަމާއި ސަގާފަތާއި ތަރިކަ ރައްކާތެރި ކުރުމަށް ކަމަށެވެ.

އަދި ގައުމުގެ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަކީ ރައްޔިތުން ބޭނުންވާގޮތް ކަމަށް އާރިފްގެ ޕޯސްޓުގައި ވެއެވެ. ހަމައެހެންމެ އިގްތިސޯދީ ފުދުންތެރިކަމާއި ތަނަވަސްކަމުގެ އިތުރުން ތަރައްގީީީީ އާއި ކުރިއެރުމަކީ ދިވެހި ރައްޔިތުން ބޭނުންވާ ކަންކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

އެ ކަންކަން ހާސިލް ކުރުމަށް ރައީސް މުއިއްޒުއަށް ރައްޔިތުން ކުރާ އިތުބާރާއި އެމަނިކުފާނު ގެންގުޅުއްވާ ޕްލޭން އަށް ފުރިހަމައަށް ތާއީދު ކުރާ ކަން އިއްޔެ ނެގުނު ވޯޓުން ހާމަވެގެން ދިޔަ ކަމަށް އާރިފް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީއަށް ލިބިފައި ވާއިރު ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީއަށް ވަނީ މަޖިލީހުގެ 71 ގޮނޑި ކާމިޔާބުވެފައެވެ. އިދިކޮޅު އެމްޑީޕއަށް 12 ދާއިރާ ކާމިޔާބު ކުރެވުނު އިރު އަމިއްލަ ގޮތުން ވާދަކުރި 6 ކެންޑިޑޭޓަކު ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ.