ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެ އަތޮޅުގެ ރައްޔިތުން ނުނިކުތުމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ގޮވާލައްވައިފިއެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ލީޑަރުކަން ކުރައްވާ އެމްޑީއޭގެ ކައުންސިލް މެންބަރުކަން ވެސް ކުރަމުންދާ އައްބާސް މިފަދައިން ވިދާޅުވީ މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އައްބާސް ވިދާޅުވީ، މަޖުލީހުގެ ތަޅުމުގައި ވެލިދޫ ދާއިރާގެ ރައްޔިތުން ފަހުރުވެރިވާނޭ ވަރަށް އެ ރައްޔިތުންގެ ހައްގުގައި އޭނާ އަޑުއުފުލާފައިވާ ކަމަށާއި އެ ރައްޔިތުންގެ ހައްގުގައި 'ޓަކި' ނުޖަހާ މިނިސްޓްރީ އެއް ކުންފުންޏެއް އަދި ނުގުޅުއްވާ މިނިސްޓަރެއް އަދި އެމްޑީ އެއް ނުހުންނަވާނެ ކަމަށެވެ.

އަދި ހަމަ އެހެންމެ ދާއިރާގެ ހުއްޓިފައިވާ ތަރައްގީގެ ދުވެލި ހަލުވި ކުރުމަށް ސަރުކާރަށް ދޭންޖެހުނު ކޮންމެ އެއްބާރުލުމެއް ވެސް ދެމުންދާކަން ފާހަގަކޮށް އައްބާސް އިތުރަށް ވިދާޅުވީ، ނ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގެ އެއްވެސް މައުލޫމާތެއް އޭނާއަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

އެކަމާ ސުވާލު އުފައްދަމުން އައްބާސް ވިދާޅުވީ، ދަތުރުގައި އެ ބޭފުޅާ ބައިވެރި ނުކުރެއްވުން އެއީ ދާއިރާއަށް އިންތިހާބުކުރި ރައްޔިތުންގެ މޫނުގައި ކޮޅުފައިންޖެއްސެވުން ކަމަށެވެ. "ދަތުރުގައި އަޅުގަނޑު ބައިވެރި ނުކުރެއްވުން އެއީ އަޅުގަނޑު އިންތިހާބުކުރެއްވި ރައްޔިތުންގެ މޫނުގައި ކޮޅުފައިންޖެއްސެވުން ނޫން އިތުރު ކޮންކަމެއްތޯ؟" އައްބާސް ވިދާޅުވިއެވެ.

އަދި އެ އަތޮޅަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުން ބައިވެރި ނުކުރައްވާ ކަމާ ނުގުޅޭ އެހެން ދާއިރާތަކުގެ މެންބަރުން އަރިހުގައި ގެންދެވުމުގެ މާނައަކީ ކޮބާތޯ ސުވާލު އުފައްދަވަމުން އައްބާސް ވަނީ މަޖުބޫރު ހާލަތުގައި (ވަޒީފާގެ ބިރަށް) ނިކުންނަންޖެހޭ ރައްޔިތުން ފިޔަވާ އިތުރު ބަޔަކު ރައީސް އަށް މަރުހަބާ ދެންނެވުމަށް ނުނިކުތުމަށް ވެސް ގޮވާލައްވާފައެވެ.

"މިހެން މިކަން އޮތުމާއިއެކު، މަޖުބޫރު ހާލަތުގައި ނިކުންނަވަންޖެހޭ ރައްޔިތުން (ވަޒީފާގެ ބިރަށް) ފިޔަވައި އަޅުގަނޑަށް ތާއީދުކުރައްވާ އަދި އަޅުގަނޑު ދެކެ ލޯބިވާ އެއްވެސް ރައްޔިތަކު ރައީސް މުއިއްޒުއަށް މަރުހަބާ ދެންނެވުމަށް ނުނިކުތުމަށް ގޮވާލަން."
ވެލިދޫ ދާއިރާގެ މެންބަރު، އައްބާސް

މީގެ އިތުރުން ވެސް އައްބާސް ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ރައީސްގެ އެ ދަތުރުފުޅަށް ދައުވަތު ދެއްވިޔަސް ނުދެއްވިޔަސް ރައްޔިތުންގެ ހައްގުގައި ކުރަމުންދާ މަސައްކަތް ހުއްޓުވައި ކުޑަކަކުލައް ތިރި ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ނ. އަތޮޅަށް ރައީސް ދަތުރެއް ކުރަން ނިންމަވަފައިވާކަން އެ އަތޮޅުގެ ކައުންސިލްތަކަށް ރައީސް އޮފީހުން އަންގާފައި އޮތީ މި މަހުގެ ފުރަތަމަ ހަފްތާ ތެރޭގައެވެ. އަދި ދަތުރުގެ ކަންކަން ހަމަޖެއްސުމަށްޓަކައި އެ އަތޮޅުގެ ވެރިކަން ކުރާ މަނަދޫއަށް ސިފައިންނާއި ރައީސް އޮފީހުގެ ބޭފުޅުން ވެސް ވަޑައިގަތް ފަހުން ރައީސް ވަނީ އެ ދަތުރުފުޅު ކުއްލިއަކަށް ފަސް ކުރައްވާފައެވެ.

އެ ދަތުރު ފަސް ކުރުމާ ގުޅިގެން ވެސް އޭރު އައްބާސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެގޮތުން އެ ދަތުރު ފަސް ކުރެއްވީ އެ އަތޮޅު އެއްވެސް ރަށެއްގައި ސަރުކާރުގެ އެއްވެސް މަޝްރޫއުއެއް އެކަށީގެންވާ ގޮތެއްގައި ނުހިނގާތީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ހުރުމުން ކަމަށް އައްބާސް ވަނީ ތުހުމަތު ކުަރައްވާފައެވެ.

އެމްޑީއޭ އާއި ޕީއެންސީ އާ ދެމެދު ކޯލިޝަން ހެދީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައެވެ. އެއީ އެމްޑީއޭ އިން އެމްޑީޕީ އާއެކު އޮތް ކޯލިޝަން އެއްބަސްވުން ނިމުމަކަށް ގެނެސް، ރައީސް މުއިއްޒުގެ ކެމްޕޭނަށް ތާއީދުކުރުމަށް ނިންމުމާ ގުޅިގެންނެވެ. ނަމަވެސް އެ ކޯލިޝަން ރޫޅާލާފައިވާ ކަމަަށް މިދިޔަ މެއި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ހާމަ ކުރައްވާފައި ވެއެވެ.

ދެ ޕާޓީގެ ދެމެދުގައި އޮތް ކޯލިޝަން ރޫޅާލާފައިވާކަން ރައީސް އޭރު ހާމަ ކުރެއްވިއިރު އެމްޑީއޭ އިން ވަނީ ދެ ޕާޓީގެ ދެމެދުގައި އެއްބަސްވެފައިވާ ކަންކަމަށް އިހުތިރާމު ނުކުރާނަމަ ކޯލިޝަނުން ވަކިވާނެ ކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އެމްޑީއޭ އިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.