ވެރިކަން ކުރަމުން އަންނަ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ހުރިހާ މެންބަރުންނަށް ވަޒީފާ ލިބޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މި ފަދައިން ވިދާޅުވެފައި ވަނީ މިރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން، ކުރިއަށް އޮތް ދުވަސްތަކުގައި އެ ޕާޓީގެ ލީޑަރުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަން ދަތުރު ކުރާނެކަން ފާހަގަ ކުރައްވާ ޝުޖާއު ވިދާޅުވީ މި ދަތުރުތަކުގައި އާންމު މެންބަރުންގެ ފަރާތުން ޕާޓީގެ ރައީސްއާ ހިއްސާ ކުރަން ހުރި ކަންކަން ދެނެގަންނާނެ ކަމަށެވެ.
އަދި ހަމަ އެހެންމެ މީގެ ކުރިން ޕީޕީއެމް އާއި ޕީއެންސީ އެކު އެކީ މަސައްކަތް ކުރި ނަމަވެސް ޕީޕީއެމް އުވާލުމަށްފަހު ޕީއެންސީގެ ވެރިކަމެއް ކުރަން އަދި މި ފެށެނީކަން ފާހަގަ ކުރައްވާ ޝުޖާއު ވިދާޅުވީ، އެ ޕާޓީގެ މެންބަރަކަށް ވަޒީފާ ނުލިބި ނުހުންނާނެ ކަމަށެވެ.
ޝުޖާއު މިފަދައިން ވިދާޅުވެފައިވާއިރު އަންނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ޕީއެންސީއާއި އިދިކޮޅު އެމްޑީޕީން ވެސް ވަނީ ފަށާފައެވެ.
އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން 400 އަށްވުރެ ގިނަ ގޮނޑި ކާމިޔާބު ކުރިިއިރު އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް އިން ވަނީ 325 ގޮނޑި ކާމިޔާބު ކޮށްފައެވެ. ނަމަވެސް، މިހާރު ޕީޕީއެމް އުވާލުމަށްފަހު އެ ޕާޓީގައި ތިބި ގިނަ މެންބަރުން މިވަގުތު ތިބީ ސަރުކާރު ހިންގާ ޕީއެންސީގަ އެވެ.