ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ 14 މެންބަރަކު އެ ޕާޓީއިން ވަކިވާން އުޅޭ ކަމަށް ދެކެވެމުންދާ ވާހަކަތައް ޕީއެންސީ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ދޮގުކުރައްވައިފިއެވެ.
މަޖިލީހުގެ ގޮނޑި ގެއްލުނަސް ހެޔޮކަމަށް ނިންމަވައި، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕީއެންސީއަށް ނިސްބަތްވާ 13 ނުވަތަ 14 މެންބަރަކު ޕާޓީއިން ވަކިވެވަޑައިގަންނަވާނެ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ފަލާހު ވިދާޅުވީ ޕީއެންސީ ޕީޖީ ގްރޫޕް ރޫޅާލެވިދާނެ ކަމަށް ހީކުރައްވާ ދޮގު ވާހަކަފެތުރުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ. އަދި މިފަދަ ދޮގުތައް ހެދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އައްބާސްއަށް 3 މިލިއަން ރުފިޔާދީފައިވާ ކަމަށް ދެކެވެމުންދާ ވާހަކަތަކަށް އެކަމުން ބާރު ލިބޭ ކަމަށް ފަލާހު ވިދާޅުވިއެވެ.
ޕީއެންސީ ޕީޖީ ގްރޫޕް އޮތީ އެކަތިގަނޑެއް ގޮތަށް ވަރަށް ސާބިތުކޮށް ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ. މަޖިލީހުގެ މެންބަރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރެއިން ބުއްދި ސަލާމަތުންހުރުމުގެ ޝަރުތު އައްބާސްގެ ކިބައިގައި ހުރިކަމާމެދު ޝައްކުވާ ހިސާބަށް މިހާރު ކަންކަން ގޮސްފައިވާ ކަމަށް ފަލާހު ވިދާޅުވެފައިވެއެވެ.
ފަލާހުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވެސް ވަނީ އައްބާސް ދެއްކެވި ވާހަކަތައް ދޮގުކުރައްވާފައެވެ. އަދި އެފަދަ ދޮގު ވާހަކަތަކުގެ ސަބަބުން ޕީއެންސީގެ ޕީޖީ ގްރޫޕް ބައިބައިވެގެން ނުދާނެ ކަމަށް ވެސް އެބޭފުޅުން ވަނީ ވިދާޅުވެފައެވެ.