އީރާނުގެ ކޮންސިއުލޭޓަށް އިޒްރޭލަށް ދިން ހަމަލާގެ ބަދަލު ހިފުމަށް އީރާނުން ދިން ހަމަލާގެ ރައްދުގައި އިޒްރޭލުން އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ ވާހަކަ އާ އެކު އީރާނުން އަނެއްކާ އިންޒާރެއް ދީފިއެވެ.
އީރާނުން ބުނީ, ބަދަލު ހިފުމުގެ ގޮތުން އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ހަމަލާއެއް އަމާޒު ކޮށްފިނަމަ އިޒްރޭލު 'ދުއްވާލާނެ' ކަމަށާއި 'އިނގިލި މިހާރުވެސް އޮތީ ޓްރިގަރުގެ މަތީގައި ކަމަށާއި' ވާނީ ފިތާލަން ވާ ލަހެއް ކަމަށެވެ. އަދި ދެން ފޮނުވާލައި މިސައިލް މާ ބާރުގަދަ ވާނެ ކަމަށާއި އިޒްރޭލުގައި ހުރި ހުރިހާ ނިއުކްލިއާ ފެސިލިޓީއަކާ ބެހޭ ހުރިހާ މައުލޫމާތެއް މޭޒުމަތީގައި އެބައޮތް ކަމަށެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް އަހްމަދް ހަގްތަލަބް ވިދާޅުވީ, ޔަހޫދީ އިޒްރޭލުގެ މަގާމުތައް ފުނޑުފުނޑު ކޮށްލާ ވަރުގެ މިސައިލް ފޮނުވާލަން އީރާނު އޮތީ ރެޑީގައި ކަމަށެވެ. އަދި އިޒްރޭލުން ހަމަލާއެއް ދީފި ނަމަ, މިހާރު އީރާނަށް ހޯދުން މަނާ ކޮށްފައި ވާ ނިއުކްލިއާ ހަތިޔާރުވެސް ހޯދާނެ ކަމަށް ބުނެ ވަނީ އިންޒާރު ދީފައެވެ.
އީރާނުގައި ނިއުކްލިއާ ފެސިލިޓީ ހުރި ނަމަވެސް އެތަނުގައި އެޓޮމިކް ބޮމެއް ނުވަތަ ނިއުކްލިއާ ހަތިޔާރެއް އުފެއްދޭ ވަރަށް ނިއުކްލިއާ ދަގުއި މުއްސަނދި ކުރުން އޮންނަނީ ބައިނަލްއަގުވާމީ އެޓޮމިކް އެނާޖީ އިދާރާއިން މަނާ ކޮށްފައެވެ. އެހެން ކަމުން އެތާނގައި އީރާނުން ފައްކާ ކުރާ ނިއުކްލިއާ ދަގުއީގައި ބާރުމިން ބަހައްޓަނީ ނުވަތަ ހިފަހައްޓަން ޖެހެނީ 60 ޕަސެންޓުގައެވެ. ނިއުކްލިއާ ހަތިޔާރެއް ފައްކާ ކުރުމަށް އެ މިންވަރު 90 ޕަސެންޓަށް ގެންދަން ޖެހެއެވެ. އެފުރުސަތު އެމެރިކާ އާއި ހުޅަނގުން ވަނީ އީރާނަށް ބަންދު ކޮށްފައެވެ.
މިއީ އިޒްރޭލުން އީރާނަށް ހަމަލާ ދޭނެ ކަމަށް ބުނެ ދޭ އިންޒާރަށް އީރާނުގެ ފަރާތުން ދިން އެންމެ ވަރުގަދަ އިންޒާރެވެ.
އީރާނުގެ އިސްފަހާން ގައި ހުންނަ ނަޓާންޒް ނިއުކްލިއާ ފެސިލިޓީގައި މީގެ ކުރިން ނިއުކްލިއާ ހަތިޔާރު އުފައްދަން ސެންޓްރިފިއުޖް [ދަގުއި] ފައްކާ ކުރާ ކަމަށް ބުނެ އެޓޮމިކް ހަކަތައާ ބެހޭ އދ ގެ އިދާރާއިން އެތައް ފަހަރު ޒިޔާރަތްކޮށް ފިޔަވަޅު އަޅާ ހުއްޓުވާފައި ވެއެވެ. އަދި މިހާރުވެސް ހަމަޖެހިފައި އޮންނަ އުސޫލަކުން އެ އިދާރާގެ އޮފިޝަލުން އެތަނަށް ޒިޔާރަތް ކޮށް އީރާނުން ކުރާ ކަންތައް ދަނީ ބަލާ މޮނިޓާ ކޮށް ރިޕޯޓު ހަދާ އެ ރިޕޯޓު އދ ގެ މަޖިލީހަށް އިއްވަމުންނެވެ.
އިޒްރޭލުން އީރާނުގެ ނިއުކްލިއާ ފެސިލިޓީއަށް އަމާޒު ކޮށް މީގެ ކުރިންވެސް ހަމަލާތަކެއް ދޭން މަސައްކަތް ކޮށްފައި ވާ އިރު, އެ ފެސިލިޓީއަށް ނިސްބަތްވާ އެތައް ސައިންސްވެރިންނެއް މަރާލާފައި ވެއެވެ. މިކަމުގައި އިޒްރޭލުން އާންމުކޮށް ޒިންމަ އުފުލާފައި ނުވި ނަމަވެސް އެކަން ކުރަނީ އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑުގެ ރޭވުމުގެ ދަށުން ކަމަށް އެނަލިސްޓުން ބުނެއެވެ.