ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ހއ. ދިއްދޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު އެމްޕީ އަބްދުﷲ ވަހީދުގެ ކެމްޕެއިނަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހީމް މުހައްމަދު ސޯލިހު ދޮރުން ދޮރަށް ހިންގަވަން ފައްޓަވައިފިއެވެ.

އެމްޑީޕީ އިން ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ގިނަ ކެމްޕެއިން ހަރަކާތްތަކެއް ކޮށްފައެވެ. އެގޮތުން ދެކުނުގެ އަތޮޅުތަކަށް ހާއްސަ ކޮށްގެން ވެސް ކެމްޕެއިންގެ ބޮޑެތި ހަރަކާތްތަކެއް ވަނީ ހިންގާފައެވެ. އެއްގޮތުން އައްޑޫ ސިޓީއާއި، ހުވަދު އަތޮޅާއި ފުވައްމުލައް ސިޓީގައިވެސް ވަނީ ބޮޑެތި ކެމްޕެއިން ހަރަކާތްތަކެއް ހިންގާފައެވެ.

ދޮރުން ދޮރަށް ހިންގާ ކެމްޕެއިން ހަރަކާތްތަކުގައި ރައްޔިތުންނާއި އެމްޑީޕީގެ މެނިފެސްޓޯ ހިއްސާކުރުމާއި، ރައްޔިތުން ބޭނުންވާ ކަންކަމުގެ މަޢުލޫމާތު އޮޅުންފިލުވަމުން ދާކަމަށް އެމްޑީޕީން ބުނެއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި 93 ދާއިރާއަށް 368 ކެންޑިޑޭޓަކު ވާދަކުރާއިރު ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނައިން ކެންޑިޑޭޓުން ނެރެނީ އިދިކޮޅު އެމްޑީޕީންނެވެ. އެމްޑީޕީގެ ޓިކެޓުގައި 90 ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރާއިރު ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި 89 ދާއިރާއަށް ކެންޑިޑޭޓުން ވާދަކުރެއެވެ.