އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް 287،462 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީއިން ބުނީ ވޯޓު ކަރުދާސްތައް ޗާޕުކޮށްފައި ވަނީ ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑުން ކަމަށެވެ.

އަންނަ އާދީއްތަ ދުވަހު މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު އީސީއިން މިހާރު ވަނީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ފޮނުވުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން މިއަދު ވޯޓުލާ މަރުކަޒަށް ބޭނުންވާތަކެތި ފޮނުވުމަށް ހަމަޖެހިފައި ވަނީ ށ، ނ، ރ، ބ އަދި ޅ އަތޮޅަށް ކަމަށް އީސީއިން ބުނެއެވެ.

މީގެއިތުރުން އީސީ އިން އިއްޔެ ވަނީ 12 އަތޮޅެއްގެ ވެރިކަން ކުރާ ރަށަށް ތަކެތި ފޮނުވާފައެވެ. އީސީ އިން ބުނީ އއ. އދ. ވ. މ. ފ. އަދި ދ އަތޮޅުގެ ރަށްތަކަށް ތަކެތި ފޮނުވުން ކުރިއަށް ދަނީ ކަނޑުމަގުންކަމަށެވެ. އަދި ތ. ލ. ގއ. ގދ. ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ތަކެތި ފޮނުވުމުގެ މަސައްކަތް ވައިގެ މަގުން ފަށާފައިވާކަމަށް އީސީ އިން ވަނީ ބުނެފައެވެ.

މަޖިލިސް އިންތިހާބުގައި ޖުމްލަ 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 145،302 ފިރިހެނުންނާއި، 139،361 އަންހެނުންނެވެ. ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަކަށް މެންބަރުން ހޮވުމަށް ބާއްވާ މި އިންތިހާބުގައި ޖުމްލަ 600އަށްވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.