މަޖިލިސް އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުން ބަލައިގަތުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން އިލްތިމާސް ކޮށްފިއެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުމުގެ އެންމެހައި ހަރަކާތްތައް ކުރިއަށް ގޮސްފައި ވަނީ ޖުމްލަގޮތެއްގައި ސުލްހަވެރިކަމާ އަމާންކަމާ އެކުގައިކަން ފާހަގަކޮށް އެ ކޮމިޝަނުން ބުނީ އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން ކުރައްވާފައިވާ މަސައްކަތްތަކާއި އިންތިޒާމުތައް ޖުމްލަގޮތެއްގައި ރަނގަޅު ކަމަށެވެ.

"އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތްތައް މިވަގުތު ކުރިއަށް ދާއިރު، ދިމިގްރާތީ އުސޫލުން ރައްޔިތުން ބައިވެރިވެ ނިންމާ ނިންމުން ބަލައިގަތުމަށާއި އެ ނިންމުމަށް އިހްތިރާމުކޮށް ގައުމުގެ ސިޔާސީ މަޝްރަޙު ހަލަބޮލިނުވާނޭހެން އަމަލުތައް ބެހެއްޓެވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަން" އެޗްއާރްސީއެމް އިން ބުނެފައި ވެއެވެ.

މީގެ އިތުރުންވެސް އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތްތައް ނިމުމުން، ކޮމިޝަނުން އިންތިހާބު އޮބްޒާވް ކުރުމުގައި ފާހަގަކުރެވުނު ކަންކަމުގެ ރިޕޯޓު އާންމު ކުރާނެކަމަށް އެ ކޮމިޝަނުން ބުނެފައި ވެއެވެ.

މިއަދު ހަވީރު 5:00 އާ ހަމައަށް ޖުމްލަ 207،693 މީހުން ވޯޓު ލާފައިވާއިރު އެއީ ވޯޓު ލެވޭ މީހުންގެ އާބާދީގެ 72.96 ޕަސެންޓު މީހުންނެވެ. ވޯޓުލުމުގެ ވަގުތު ހަވިއިރު އާ ހަމައަށް ވޯޓުލާފައި ވަނީ 102،867 އަންހެނުންނާއި 104،826 ފިރިހެނުން ކަމަށް އީސީ އިން ވަނީ މައުލޫމާތު ދީފައެވެ.