އިއްޔެ ނިމުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މުޅި ރާއްޖެ ޕީއެންސީން ކާމިޔާބު ކުރުމާ އެކު ދުނިޔޭގެ ސުރުހީތަކަށް އެ ހަބަރު ވަނީ އަރާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާ އަށް މެންބަރުން އިންތިހާބު ކުރުމަށް އިއްޔެ ބޭއްވި އިންތިހާބުގައި ޕީއެންސީން ވާދަ ކުރި 90 ގޮނޑީގެ ތެރެއިން 71 ގޮނޑި ކާމިޔާބު ކޮށްފައި ވާ އިރު ހަބަރު ފަތުރާ ދުނިޔޭގެ ބޮޑެތި މީޑިއާތަކުގައި އެވާހަކަ ގެނެސްފައި ވަނީ 'ޗައިނާ ކޮޅަށް ބުރަ' މުއިއްޒުގެ ޕާޓީން އިންތިހާބު ކާމިޔާބު ކޮށްފި ކަމަށެވެ.
ބީބީސީ އާއި އަލްޖަޒީރާފަދަ ނޫސްތަކުގައި ވެސް ސުރުހީ ގެނެސްފައި ވަނީ އެގޮތަށެވެ.
އަދި އެނޫސްތަކުން ބުނެފައި ވަނީ، އެ ކާމިޔާބީ އާ އެކު، އިންޑިއާ އާ ފެއަށް ޖެހުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އިތުރު ހަލުވި ކަމެއް އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ.
ޕީއެންސީން އެކަނިމާ އެކަނި 71 ގޮނޑި ކަށަވަރު ކުރި އިރު އެ ޕާޓީން ވާދަ ނުކޮށް އެކުވެރި ޖޭޕީއާއި އެމްއެންޕީ އަދި އެމްޑީއޭއަށް ދޫކޮށްލި ދާއިރާތައް ލައިގެން ޖުމްލަ 75 ގޮނޑި ހަމަވެއެވެ. މިއީ ބާކީ މިވަން ކެންޑިޑޭޓުންގެ ގޮތުގައި ތިބި 6 މީހުންނާއި އެމްޑީޕީ އަށް ލިބުނު 12 ގޮނޑި އެއްކޮށްލި ނަމަވެސް ގޮނޑިއެއް ނެތުން ފަދަ ކަމެއްގެ ގޮތުގައި ވެސް ބައެއް މީޑިއާތަކުގައި ސިފަ ކޮށްފައި ވެއެވެ.
ޕިއެންސީއަށް މަޖިލީހުން ލިބުނު މެޖޯރިޓީ އާ އެކު ބިލެއް ފާސްކުރަން ނުވަތަ ބަހުސެއް ކުރަންއިދިކޮޅުގެ މެންބަރަކު އިނަސް ނެތަސް ފުދޭނެއެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބެހެއްޓި ވޯޓު ފޮށިތައް ގުނާ ދާއިމާި ނަތީޖާ އަދި އިއުލާން ނުކުރި ނަމަވެސް، މިހާރު އޮތް ވަގުތީ ނަތީޖާ އަށް ބަދަލު އަންނަ ވަރުގެ އަދަދެއް ދާއިމީ ނަތީޖާއަކުން ބަދަލެއް ނުވާނެއެވެ. ބެހެއްޓި 602 ވޯޓު ފޮށީގެ ތެރެއިން ހުރިހާ ފޮއްޓެއްހެން ގުނާފައި ވާ އިރު މިހާރު އޮތް ނަތީޖާ އަކީ ދާއިމީ ނަތީޖާއަށް ވާނެއެވެ.
މިދިޔަ މަޖިލީހުގެ މަޖޯރިޓީ އެމްޑީޕީން ނަގާފައި ވަނިކޮށް 20 ވަނަ މަޖިލީސް [މި ހޮވުނު މަޖިލީސް] ގެ މެޖޯރިޓީ ޕީއެންސީ ކޮޅަށް އަނބުރާލާފައި ވުމުން އެމްޑީޕީ އަށް ވަނީ ބޮޑު ލަދަކާ ކުރިމަތިވެފައި ކަމަށް ވެސް ބޭރުގެ ހަބަރުތަކުގައި ބުނެފައި ވެއެވެ. އެމްޑީޕީ އަކީ އިންޑިއާ ކޮޅަށް ބުރަވެ އޮތް އަދި ނިމިދިޔަ ސަރުކާރުގައި އެމްޑީޕީ އޮވެ އިންޑިއާ އާ ގާތްކޮށް މަސައްކަތް ކުރި ޕާޓީއެކެވެ.