އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 42 އަންހެން ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު އިންތިހާބު ކާމިޔާބުކުރެވުނީ 3 އަންހެން ކެންޑިޑޭޓުންނަށް ކަމަށް އިންތިހާބުގެ ވަގުތީ ނަތީޖާއިން ވަނީ ދައްކާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގިނަ އަންހެން ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު، އިންތިހާބު ކާމިޔާބުކުރެވުނީ ޕީއެންސީ އިން ވާދަކުރި ދެ ކެންޑިޑޭޓުންގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓަށެވެ. މި އިންތިހާބުގައި ގޮނޑި ކާމިޔާބު ކުރެވުނީ މާފަންނު މެދު ދާއިރާއަށް ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އަސްމާ ރަޝީދު، ނިލަންދޫ ދާއިރާއަށް ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ސައުދާ އަދި ހުރާ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް ޑރ. އަނާރާ ނައީމަށެވެ.

މިހާތަނަށް ގުނާ ނިމިފައިވާ ވޯޓު ފޮށިތަކުގެ ނަތީޖާ ދައްކާ ގޮތުން އަސްމާއަށްވަނީ 866 ވޯޓު ލިބިފައެވެ. ނިލަންދޫ ދާއިރާއަށް ވާދަކުރެއްވި ސައުދާއަށް މި އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައިވާއިރު، ސައުދާއަށް ވަނީ 1137 ވޯޓު ލިބިފައެވެ. މި އިންތިހާބުގައި ސައުދާ އާއި ވާދަކުރެއްވި މިނިވަން ކެންޑިޑޭޓް އަހްމަދު ރަޝީދު އަށް ލިބިފައިވަނީ 620 ވޯޓެވެ. އިންތިހާބުގައި ހުރާ ދާއިރާއަށް ވާދަކުރެއްވި އަނާރާ ނައީމު އަށް 769 ވޯޓު ލިބުނު އިރު އަނާރާ އާއި އެންމެ ގާތުން ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓް އަބްދުﷲ ވާރިޝްއަށް ލިބިފައިވަނީ 686 ވޯޓެވެ.

މި އިންތިހާބުގައި ވާދަކުރެއްވިި އަދު މިހާރު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ފުރުއްވަމުން ގެންދަވާ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދާ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް އިންތިހާބުގައި ވަނީ ނާކާމިޔާބީ އާއި ކުރިމަތިވެފައެވެ.