މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ހއ އަދި ރ އަތޮޅުގެ ހުރިހާ ގޮނޑިއެއް ޕީއެންސީއިން ކާމިޔާބުކޮށްފިއެވެ.

އެގޮތުން ހއ އަތޮޅު ފަސް ދާއިރާއާއި ރ އަތޮޅުގެ ފަސް ދާއިރާ ޕީއެންސީއިން ކާމިޔާބުކުރައްވާފައިވާއިރު ހިނގަމުންދާ ދައުރުގައި އެންމެ ދާއިރާއެއް ފިޔަވާ، އެހެން ހުރިހާ ދާއިރާއެއް ތަމްސީލުކުރަނީ އެމްޑީޕީއިންނެވެ.

ހިނގަމުންދާ ދައުރުގައި ހޯރަފުށީ ދާއިރާ އަހުމަދު ސަލީމް ތަމްސީލްކުރައްވަމުންގެންދަވާއިރު އިހަވަންދޫ ދާއިރާ ތަމްސީލުކުރައްވަނީ މުހައްމަދު ޝިފާއުއެވެ. އަބްދުﷲ މުހައްމަދު ބާރަށު ދާއިރާ ތަމްސީލްކުރައްވާއިރު ދިއްދޫ ދާއިރާ ތަމްސީލްކުރައްވަނީ އަބްދުﷲ ވަހީދެވެ. އަދި ކެލާ ދާއިރާ ތަމްސީލް ކުރައްވަނީ އިބްރާހިމް ޝަރީފެވެ. މި ހުރިހާ މެންބަރުންނަކީ ވެސް އެމްޑީޕީ މެންބަރުންނެވެ.

އޭގެ އިތުރުން ރ އަތޮޅުގެ ފަސް ދާއިރާއަށް ބަލާއިރު މިހާރު ހިނގަމުންދާ ދައުރުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ފިޔަވާ އިތުރު މެންބަރު ޕީއެންސީއިން އިންތިހާބުވެފައެއް ނުވެއެވެ. މިހާރު އަލިފުށި ދާއިރާ ތަމްސީލް ކުރައްވަމުން ގެންދަވަނީ މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. އެމްޑީޕީގެ ޓިކެޓުގައި އުނގޫފާރު ދާއިރާއަށް މުހައްމަދު ވަހީދު އިންތިހާބުވެވަޑައިގެންނެވި ފަހުން ޕާޓީ ބަދަލުކުރައްވާ ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވިއިރު އިނގުރައިދޫ ދާއިރާގެ މެންބަރުވެސް އެމްޑީޕީ ދޫކުރައްވާ ޕީއެންސީއާ ގުޅިވަޑައިގެންނެވީ ދާދިފަހުންނެވެ. ދުވާފަރު ދާއިރާ ތަމްސީލުކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް އިސްމާއިލް އަހުމަދެވެ.

އެހެންނަނަމަވެސް މިއަދު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބާރަށު ދާއިރާއަށް ކުރީގެ އެ ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު އިންތިހާބުވެވަޑައިގެންނެވިއިރު ދިއްދޫ ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވީ އެ ދާއިރާގެ ކުރީގެ މެންބަރު އަބްދުއް ލަތީފް މުހައްމަދު ވެސް ވަނީ އިންތިހާބު ކާމިޔާބުކުރައްވާފައެވެ.

ހޯރަފުށީ ދާއިރާއަށް އަލީ މޫސާ އިންތިހާބުވެވަޑައިގެންނެވިއިރު އިހަވަންދޫ ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވީ އަހުމަދު ނަސީރެވެ. އަދި ކެލާ ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވީ އަބްދުﷲ ޝަރީފެވެ.

އޭގެ އިތުރުން ރ އަތޮޅު ދާއިރާތައް ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓުންނަށް ބަލާއިރު އަލިފުށީ ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް އަބްދުލްލަތީފް އަބްދުއްރަހްމާން (ޔަތަލް) ކާމިޔާބު ކުރެއްވިއިރު އުނގޫފާރު ދާއިރާގެ ގޮނޑިއަށް އިންތިހާބުވެވަޑައިގެންނެވީ އިބްރާހިމް ޝިފާޒެވެ. ދުވާފަރު ދާއިރާގެ ގޮނޑި އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަލީ ކާމިޔާބުކުރެއްވިއިރު އިނގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ފަލާހުއެވެ. އޭގެ އިތުރުން މަޑުއްވަރީ ދާއިރާގެ ގޮނޑިއަށް އިންތިހާބުވެވަޑައިގެންނެވީ އަހުމަދު ޒާހިރެވެ.

ސަލީމަކީ މަޖިލީހުގެ ނައިބު ރައީސް ކަމަށްވާއިރު ބިގޭއަކީ އެމްޑީޕީގެ ޕީޖީ ލީޑަރެވެ.

މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓަކު ވާދަކުރެއްވި ނަމަވެސް ވެރިކަން ކުރާ ޕީއެންސީއަށް ވަނީ ރައްޔިތުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައެވެ. އެގޮތުން މާލެ ސިޓީ އާއި އައްޑޫ ސިޓީއިން ޕީއެންސީއަށް މެޖޯރިޓީ ލިބިފައިވާ ކުޅުދުއްފުށި ސިޓީ އާއި ތިނަދޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ހުރިހާ ގޮނޑިއެއް ޕީއެންސީއިން ވަނީ ކާމިޔާބުކޮށްފައެވެ.