ހުޅުމާލޭގައި 2 މިސްކިތް ބިނާކުރުމަށް ބޭނުންވާ ބިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާ ހަވާލުކޮށްފިއެވެ.

ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ބިނާކުރާ މިސްކަތަކާ، ހުޅުމާލޭ 3 ވަނަ ފިޔަވަހީގައި ބިނާ ކުރާ މިސްކިތުގެ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދުއެވެ.

އެޗްޑީސީ އިން ބުނީ ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި މިސްކިތް ބިނާކުރުމަށް ދޫކޮށްފައިވަނީ 27،920 އަކަފޫޓުގެ ބިމެއްކަމަށެވެ. އަދި ހުޅުމާލޭ 3 ވަނަ ފިޔަވަހިން ދޫކޮށްފައި ވަނީ 21،952 އަކަފޫޓޫގެ ބިމެއްކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ،

މިދިޔަ މަހުގެ ތެރޭގައި ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ބިނާކުރާ ފުރަތަމަ ދާއިމީ މިސްކިތް ހުޅުވާފައިވާއިރު އެޗްޑީސީ އިން ބުނީ އެ ކޯޕަރޭޝަނުން އަބްދުވެސް މަސައްކަތްކުރަމުން އަންނަނީ ހުޅުމާލޭގައި ދިރިއުޅޭ އާބާދީއަށް ބޭނުންވާ ހިދުމަތްތަކާއި ވަސީލަތްތައް ފުރިހަމަކޮށްދިނުމަށް ކަމަށެވެ.

މި މިސްކިތުގެ އިތުރުން ފޭސް 2 ގައި 2800 މީހުންގެ ޖާގައިގެ މިސްކިތަކާ، 3000 މީހުންގެ ޖާގައިގެ މިސްކިތަކާ، 1500 މީހުންގެ ޖާގައިގެ މިސްކިތެއްގެ އިތުރުން 1162 މީހުންގެ ޖާގައިގެ މިސްކިތެއްގެ އަމަލީ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ.