ކުރިއަށް އޮތް 20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރާ ފަދަ އެއްވެސް އަމަލެއް އެއްވެސް ޕާޓީއަކުން ނުހިންގުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފިއެވެ.

އެ ކޮމިޝަނުން މިފަދައިން ގިވާލާފައި ވަނީ މަޖިލިސް އިންތިހާބު ކެމްޕެއިންގެ ފޯރި ގަދަ ވެފައިވާ މި ދަނޑިވަޅުގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން ވޯޓަށް ނުފޫޒު ފޯރުވުމަށް ވަޒީފާ ދިނުމާއި އަދި ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރާނަމަ ވަޒީފާގެ ބިރު ދައްކުން ފަދަ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އަމަލުތައް ހިންގަމުންދާކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބި އެކަމާ ކަންބޮޑުވުން ފާޅުކޮށް މިއަދު ނެރުނު ނޫސް ބަޔާނުގައެވެ.

އެފަދަ ކަންކަން ހިނގަމުންދިޔުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ކަމާ ގުޅުންހުރި މުއައްސަސާތަކުން އެފަދަ އަމަލުތަކަށް ފިޔަވަޅު އެޅުމަށް އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ ގޮވާލާފައެވެ.

އަދި އެކި ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކާއި ގުޅޭ ގޮތުން ދޮގު ހަބަރުތައް ފަތުރާ ރިޝްވަތު ދިނުމާއި ވޯޓު ގަނެ ވިއްކުމާއި ޕޯސްޓަރުތަކަށް ގެއްލުން ދިނުމުގެ އިތުރުން ކެމްޕެއިނަށް ހުރަސް އެޅުން ފަދަ ނޭދެވޭ އަމަލުތައް ހިންގަމުންދާ ކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބޭކަން ފާހަގަކޮށް ކެންޑިޑޭޓުންގެ ހައްގަށް އުނިކަން އަންނަ ފަދަ އެއްވެސް އަމަލެއް ނުހިންގުމަށްވެސް ގޮވާލާފައިވެއެވެ.

މީގެ އިތުރުންވެސް ކެމްޕެއިން ކުރިއަށްގެންދިޔުމުގައި އެއް ކެންޑިޑޭޓެއް އަނެއް ކެންޑިޑޭޓަކަށް އިހްތިރާމްކުރުމަށް އެ ކޮމިޝަނުން ވަނީ ހަނދާން ކޮށްދީފައެވެ. ހަމައެހެންމެ މަޖިލިސް އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ހުރިހާ ކެންޑިޑޭޓުންނާއި ޕާޓީތަކުން އަދި ވަކިވަކި ފަރުދުންވެސް މަސައްކަތް ކުރުމުގައި ގާނޫނީ އިމުގެ ތެރެއިން ވާދަވެރި ރޫހެއްގައި ކެމްޕެއިން ކުރުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްއާރްސީއެމް އިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީން ރިޝްވަތު ދިނުމާއި ވަޒީފާގެ ބިރު ދައްކާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީއިން ބަޔާނެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް އެ ތުހުމަތުތަކަށް އިންކާރުކޮށް ޕީއެންސީން ބުނީ އެއީ އެ ޕާޓީގެ ސިޔާސަތު ނޫން ކަމަށެވެ.

އަދި ވަކި ފަރުދަކު ފާޅު ކުރާ ހިޔާލަކީ އެ ޕާޓީން ގެންގުޅޭ ސިޔާސަތެއް ނޫންކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ޑިމޮކްރަސީގެ ރީތި އުސޫލުގެ ތެރެއިން ހަމަހަމަކަމާއެކު ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ އިތުރުން އެފަދަ ހަރަކާތްތަކުގައި ބައިވަރިވުމުގެ ފުރުސަތު ދީގެން ކުރިއަށް ދިއުމަށް ކަމަށެވެ. އަދި އެ ޕާޓީން ރައްޔިތުންގެ ތާއީދު ހޯދަނީ ރައްޔިތުންގެ އަޑު އަހާ ރައްޔިތުން އެދޭ ތަރައްގީ ގެނެސްދީގެން ކަމަށްވެސް ޕީޕީއެމް/ޕީއެންސީން ވަނީ ބުނެފައެވެ.