ޔޫއެފާ ޗެންޕިއަންސް ލީގުގެ ފައިނަލް މެޗުގައި ކުޅޭ ޓީމުތަކާއެކު މެޗަށް އަރާ ކުދިން [މެސްކޮޓް] ގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސް މާސްޓާކާޑު ކަސްޓަމަރުންނަށް ހުޅުވާލައިފިއެވެ.
މިފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލް އޮންނާނީ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ. ބީއެމްއެލް އިން ބުނީ މި ޕްރޮމޯޝަންގައި މާސްޓާކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭނެ ކަމަށެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މެއި 7، 2024 ގެ ނިޔަލަށެވެ.
ބީއެމްއެލް އިން ބުނީ މާސްޓާކާޑު ޕްލޭޔަ މެސްކޮޓް އެކްސްޕީރިއަންސްގެ ދަށުން ފުޓްބޯޅައަށް ލޯބިކުރާ ކުދިންނަށް ޔޫއެފާ ފައިނަލް މެޗް ބަލާލެވި، ދުނިޔޭގެ އެންމެ މޮޅު ބައެއް ކުޅުންތެރިންނާއެކު ދަނޑަށް އެރުމުގެ ރަނުގެ ފުރުސަތެއް ލިބިގެންދާނެކަމަށެވެ.
މި ޕްރޮމޯޝަނުގެ ދަށުން ލިބޭ އިނާމުގެ ގޮތުގައި ދެ މީހަކަށް (ބޮޑު މީހަކާއި ކުއްޖަކަށް) ހުރިހާ ހަރަދަކާއެކު ލަންޑަންގައި 4 ދުވަހަށް ހުރުމުގެ ފުރުސަތު ލިބޭނެއެވެ. މިގޮތުން ލަންޑަން ދެކޮޅު ޑިކެޓް، އެކޮމޮޑޭޝަން، ޔޫއެފާ ޗެމްޕިއަންސް ލީގް ފައިނަލް މެޗުގެ ދެކޮޅު ޓިކެޓް، ޕްލޭޔާ މެސްކޮޓް (ދަތުރުގައި ބައިވެރިވާ ކުއްޖާއަށް ފައިނަލް މެޗު ފަށަން ދަނޑަށް އަރާ ކުޅުންތެރިންނާއެކު ދަނޑަށް އެރުމުގެ ފުރުސަތު)، ޕޮކެޓް މަނީގެ އިތުރުން ވެލަކަމް ގިފްޓެއް ލިބޭނެއެވެ.
މާސްޓާކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރު އެވެ. ބީއެމްއެއް އަކީ ރާއްޖޭގައި މާސްޓާކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލް އިން އަންނަނީ ރާއްޖޭގައި މާސްޓާކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.