ޑެބިޓް ކާޑުތަކުން ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުކުރާ ސައިޓުތަކުން ވިޔަފާރި ކުރާ ނަމަ 30 ޕަސެންޓާ ހަމައަށް ފީއެއް ނަގަން ބީއެމްއެލް އިން ނިންމައިފިއެވެ.

ބީއެމްއެލް އިން މިއަދު ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށާއި އެ ފަދަ ސައިޓްތަކުން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގަން ނިންމާފައިވާ ކަމަށެވެ. މި ވަގުތު މި ފީ ނަގާނެ ސައިޓްތަކަކީ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މި ސައިޓުތަކުން ވިޔަފާރި ކުރާއިރު މިހާތަނަށް ބީއެމްއެލްއަށް ފީއެއް ނަގާފައެއް ނުވެއެވެ. ނަމަވެސް ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތް ކުރާ ސައިޓްތަކުން ފީއެއް ނުނަގާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި ޑޮލަރު އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކުގެ ވެސް ފީ ނެގުން ނުހިމެނޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލް އިން ބުނީ ރާއްޖޭން ބޭރުން މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކޮށްފައި ވަނީ މިހާރު ނަގާ ފީ އިތުރުނުކޮށް ކަމަށެވެ.

ޓޭމޫ ޝީއިން އަލީ އެކްސްޕްރެސް ފަދަ ސައިޓްތަކުން ވިޔަފާރި ކުރާ ދިވެހިން ވަރަށް ގިނައެެވެ. އެއްބަޔަކު މިތަންތަނުން މުދާ ގެނެސްގެން އޮންލައިންކޮށް އަދި ފިހާރަތަކުގައި ވެސް މުދާ ވިއްކަމުން ދެއެވެ. އަދި ގިނަ އަދަދެއްގެ ދިވެހިން ވެސް އަމިއްލަ ބޭނުންމަށް މި ތަންތަނުން ވިޔަފާރި ކުރެއެވެ. ބީއެމްއެލް އިން 30 ޕަސެންޓްގެ ފީއެއް ނަގަން ނިންމާފައިވާ އިރު، ވިޔަފާރި ބޭނުމަށް ނުވަތަ އަމިއްލަ ބޭނުމަށް އެ ސައިތްތަކުން ވިޔަފާރި ކުރޭތޯއެއް ނުބަލާނެއެވެ.