ޝީއިން އާއި އަލީބާބާ އާއި ޓީމޫ ފަދަ އޮންލައިން ސައިޓުތަކުން ކުރާ ވިޔަފާރިތަކަށް މިއަދުން ފެށިގެން 30 ޕަސެންޓުގެ ފީއެއް ބީއެމްއެލުން ނަގަން ނިންމުމުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ، މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޑޮލަރު މާރުކުރުން ލާޒިމްކުރުމާއި، މި އަހަރުން ފެށިގެން ބޭރު ފައިސާ އާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށި ނަމަވެސް މި ގާނޫނު އެދެވޭ ގޮތެއްގައި ތަންފީޒުވެފައި ނުވުމުން ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިފައިވާ ކަމަށެވެ.
މީގެ އިތުރުން ފަތުރުވެރިކަމާއި ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން މާރުކުރާ ޑޮލަރުގެ 60 ޕަސެންޓު މަރުކަޒީ ބޭންކު އެމްއެމްއޭ އަށް ނަގާ ގޮތަށް އޮތް އޮތުން މިދިޔަ މަހުން ފެށިގެން ބަދަލުކޮށް، އެ ޑޮލަރުގެ 90 ޕަސެންޓު ނަގާގޮތަށް ބަދަލުކޮށްފައި ވަނީ ސަރުކާރަށް ބޭނުންވާ ޑޮލަރު ހޯދުމުގެ ބޭނުމުގައި ކަމަށް ވެސް އެ މައްސަލައިގައި ވެއެވެ.
މިގޮތަށް ސަރުކާރަށް ޑޮލަރު ނެގުމުގެ ސަބަބުން މުދާ އެތެރެކުރާ ފަރާތްތަކަށް ޑޮލަރު ލިބުން ދަތިވެ، ބޭންކުތަކުން ފޯރުކޮށްދެމުން އައި ޑޮލަރު ލިބުން ވެސް ހުއްޓިފައިވާ ކަމަށާއި، ޑޮލަރު ލިބުން ދަތިވެ، ވިޔަފާރިތައް ހުއްޓިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.
އަދި އޭނާ ވިދާޅުވިގޮތުގައި ބީއެމްއެލްގެ ޑެބިޓް ކާޑުތައް ބޭނުންކޮށްގެން ރާއްޖޭން ބޭރުގެ އޭޓީއެމްތަކުން ނެގޭ ޑޮލަރުގެ ލިމިޓު ކުޑަކޮށް، ޑޮލަރު ނަގާ ކޮންމެ ފަހަރަކު 10 ޕަސެންޓުގެ ފީއެއް ނަގަން ނިންމުމާއި، ދިވެހީންގެ މެދުގައި މަގްބޫލު އީބޭއާއި އަލީބާބާ އާއި ޝީއިން ފަދަ ވިޔަފާރި ޕްލެޓްފޯމްތަކުން ކުރާ ވިޔަފާރިތަކަށް 30 ޕަސެންޓުގެ ފީއެއް ނަގަން ނިންމުން ފަދަ ކުއްލި ނިންމުންތަކުގެ ސަބަބުން ޑޮލަރު ލިބުން އިތުރަށް ދަތިވާނެއެވެ.
މި ނިންމުންތަކުގެ ސަބަބުން މުދަލާއި ހިދުމަތްތަކުގެ އަގުތައް އުފުލުމާއި، ވިޔަފާރިތަކުން ބައެއް މުދާ އެތެރެކުރުން ހުއްޓާލަން ޖެހުމާއި، ބައެއް މުދާތައް ހުސްވުން އެކަށީގެންވާ ކަމަށް މައުރޫފް ވިދާޅުވިއެވެ.
މި މައްސަލައަށް ބަހުސްކުރަން ފެނޭތޯ ރިޔާސަތުން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 40 މެންބަރުންގެ ތެރެއިން ފެންނަ ކަމަށް ވޯޓުދެއްވީ 11 މެންބަރުންނެވެ. 29 މެންބަރުން ވޯޓު ދެއްވީ މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށެވެ.