ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކުގެ ޑޮލަރު ލިމިޓު މާދަމާއިން ފެށިގެން 500 ޑޮލަރަށް ބޮޑުކުރަން ނިންމައިފިއެވެ.

ބީއެމްއެލުން ބުނީ، ބޭންކުން ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އާންމުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

ބީއެމްއެލުން ބުނީ، ރާއްޖޭން ބޭރަށް ދަތުރުނުކުރާ ފަރާތްތަކުގެ ކާޑުތައް ވެސް ރާއްޖޭން ބޭރަށް ގެންގޮސްގެން އޭޓީއެމްތަކުން ފައިސާ ނަގަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެހެންކަމުން މުދަލާއި ހިދުމަތުން ފައިސާ ދެއްކޭ އަދަދު އިތުރުކޮށްދިނުމާ އެކު، އޭޓީއެމްތަކުން ރާއްޖޭން ބޭރުން 125 ޑޮލަރު ނެގޭނެ ކަމަށާއި، އޭޓީއެމްތަކުން ފައިސާ ނެގުމުން 10 ޑޮލަރުގެ ފީއެއް އިތުރަށް ނަގާނެ ކަމަށެވެ.

ޑެބިޓް ކާޑުތަކުން ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއް ކަމަކީ އޮންލައިން ވިޔަފާރިތައް ކަން ފާހަގަކޮށް ބީއެމްއެލުން ބުނީ، ޓީމޫ އާއި ޝީއިން އާއި އަލިބާބާ އާއި އަލިއެކްސްޕްރެސްގެ އިތުރުން އީބޭން ފައިސާ ދައްކާއިރު 30 ޕަސެންޓާ ހަމައަށް އިތުރު ފީއެއް ނެގޭނެ ކަމަށެވެ. މީގެ ތެރޭގައި ޓިކެޓް ނެގުމާއި ހޮޓާތައް ބުކްކުރުމާއި ސަބްސްކްރިޕްޝަން ފަދަ ސައިޓުތައް ނުހިމެނޭ ކަމަށާއި، ޑޮލަރު އެކައުންޓްތަކަށް ދޫކުރެވިފައިވާ ކާޑުތައް ނުހިމެނޭ ކަމަށް ބީއެމްއެލުން ބުންޏެވެ.

ރާއްޖޭން ބޭރުން މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކުރީ މިހާރު ނަގާ ފީ އިތުރުކުރުމަކާ ނުލައި ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.