ވޭތުވެދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި ވެސް އައްޑުއަށް ތަރައްގީގެ މަސައްކަތެއް ކުރެވިފައިވަނީ އެމްޑީޕީގެ ވެރިކަމުގައި އެކެނި ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް އެޑްވައިޒަރު އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސޯލިހު މިފަދައިން ވިދާޅުވެފައިވަނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އައްޑޫ ސިޓީއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ތަރާވީހުގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ސޯލިހު ވިދާޅުވީ ވޭތުވެދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި ވެސް އައްޑޫ ސިޓީއަށް ތަރައްގީގެ މަސައްކަތެއް ކުރެވިފައިވަނީ އެމްޑީޕީގެ ވެރިކަންތަކުގައި އެކަނި ކަމަށާއި ވަކިން ހާއްސަކޮށް ވޭތުވެދިޔަ 5 އަހަރު އެކަން ފާހަގަކުރެވިގެންދާނެ ކަމަށެވެ.

ސޯލިހު އިތުރަށް ވިދާޅުވީ ބައެއް ބޭފުޅުންނަކީ ހަނދާން ނެތޭ ބައެއް ކަމަށާއި، ކުރެވިފައި ހުންނަ ކަންކަން ވެސް ވަރަށް އަވަހަށް ހަނދާން ނެތޭ ބައެއް ކަމަށެވެ. އެހެންނަމަވެސް އަލުން އެކަމަށް ވިސްނުން ހިންގާލުމުން އައްޑޫ ސިޓީގެ މަގުތައް ހެދުމާއި، އެއަރޕޯޓް ތަރައްގީކުރުމާއި، ރިސޯޓް ހެދުމަށް ބިން ހިއްކުމާއި، ރަށަށް ބޭނުންވާ ބިން ހިއްކުމާއި، ބަނދަރުތައް ހެދުމާއި، މިފްކޯގެ ކޯލްޑް ސްޓޯރޭޖް ބޮޑު ކުރުމަށް ފަށާފައި ހުރި މަސައްކަތް ފެނުމުން ބަދަލުތަކެއް ގެންނަން މަސައްކަތް ކޮށްފައި ހުރިކަން ފެނިގެންދާނެ ކަމަށެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ދޮގު މައްޗަށް ދޮގު ހަދަމުންދާ ކަމަށާއި، ރައްޔިތުން މިއަދު އެކަންކަމާއި ސުވާލު އުފައްދަންޖެހޭ ކަމަށް ވިދާޅުވެ ސޯލިހު ވަނީ ރާއްޖެ ހަމަމަގަށް އެޅުމަށް ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބެންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ސޯލިހު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ކުރިއެކޭ އެއްގޮތަށް އައްޑޫ ސިޓީގެ ތާއީދާއެކުގައި ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީން ނަގާނެ ކަމަށެވެ.