ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ 15 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުޑަދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު މިއަދު އަނެއްކާވެސް ފަށާފައިވާއިރު އެޗްޑީސީ އިން ބުނީ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ދާކަމަށެވެ. އަދި މިހާތަނަށް ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ 15 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ހުޅުމާލެ ދެވަނަ ފިޔަވައްސާ ދިމާ ފަޅުތެރެއިން ބިން ހިއްކަން ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ގޮތުގައި ބިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގެމަށް އެޗްޑީސީ އިން އަންގާފައިވާއިރު މި މަޝްރޫއުގެ ދަށުން 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ސީއެމްސީއާ އެވެ.