ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން އެ ބޭންކުގެ ހިއްސާ ދާރުންނަށް ހިއްސާއަކަށް 50 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށް އެ ބޭންކުގެ ބޯޑުން ނިންމައިފިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކާ ވިދާޅުވީ މިއީ މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބެހި އަދަދަށް ވުރެ 10 ރުފިޔާ އިތުރު އަދަދެއް ކަމަށާއި، ހިއްސާއަކަށް 50 ރުފިޔާގެ މަގުން، ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި އެ ބޭންކުން 269 މިލިއަން ރުފިޔާ ބަހާނެ ކަމަށެވެ.

މީގެއިތުރުން ބޭންކުގެ އެންމެ ބޮޑު ހިއްސާދާރު ކަމަށްވާ ދިވެހި ސަރުކާރަށް މި ނަތީޖާއާ އެކު ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރުގެ ޓެކުހުގެ ގޮތުގައި އިތުރު 628 މިލިއަން ރުފިޔާ ލިބޭނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ބީއެމްއެލްއަށް އެންމެ ބޮޑު ފައިދާއެއް ލިބިފައިވަނީ މިދިޔަ އަހަރެވެ. މިދިޔަ އަހަރުގެ ކުރިން އެ ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ލިބުނީ 2021 ވަނަ އަހަރުއެވެ. އެ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނީ 1.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު އެ ކުންފުނީގެ ފައިދާ ވަނީ 70 ޕަސެންޓަށް ދަށްވެފައެވެ.

ނަމަވެސް ވޭތުވެދިޔަ ތިން އަހަރު އެ ކުންފުނިން ވަނީ ކޮވިޑްގެ ކުރީގެ ހާލަތަށް ވުރެ ވެސް ބޭންކްގެ މާލީ ހާލަތު ރަނގަޅުކޮށްފައެވެ.