ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ވާދަކުރާ ދެ ޓީމުގެ ކުޅުންތެރިންނާ އެކު، މެޗު ފަށަން ދަނޑަށް އަރާ ޕްލެޔާ މެސްކޮޓުންގެ ތެރޭގައި ހިމެނޭނެ ދިވެހި ނަސީބުވެރިޔާ ހޮވައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ޔޫއެފާ ޗެންޕިއަންސް ލީގުގެ ފައިނަލް މެޗުގައި ކުޅޭ ޓީމުތަކާއެކު މެޗު ފަށަން ދަނޑަށް އަރާ ކުދިންގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް މިއަހަރު ވެސް މާސްޓަކާޑު ކަސްޓަމަރުންނަށް ހުޅުވާލާފައި ވަނީ މިދިޔަ މާޗްމަހުގެ ތެރޭގައެވެ. މި ޕްރޮމޯޝަންގައި މާސްޓަކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތައް ހިމެނޭނެއެވެ.
އެގޮތުން އޭޕްރީލް މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގެ ތެރެއިން ނަސީބުވެރި ފަރާތް މިއަދު ވަނީ ހޮވާފައެވެ. މި ޕްރޮމޯޝަނުގެ ނަސީބުވެރިޔަކަށް ހޮވުނީ ސާއާދު އިބްރާހިމް، އަސްރަފީގެ/ ހއ. އުތީމު އެވެ. ޖަރުމަނުގެ މިއުނިކުގެ އެލިއަންޒް އެރީނާގައި އޮންނަ ފައިނަލް މެޗުގެ ޕްލޭޔާ މެސްކޮޓްގެ ދަށުން، ޕީއެސްޖީ އާއި އިންޓާ މިލާންގެ ކުޅުންތެރިންނާއެކު ދަނޑަށް އެރުމުގެ ފުރުސަތު ލިބުނީ ސާއާދުގެ ދަރިފުޅު، ސުމައްޔާ ސައާދު އިބްރާހީމްއަށެވެ.
ޕްރޮމޯޝަނުގެ އިނާމުގެ ގޮތުގައި ސާއާދު އާއި ސުމައްޔާއަށް ހުރިހާ ހަރަދަކާ އެކު މިއުނިކުގައި ހަތަރު ދުވަހުގެ ހުރުން ލިބޭނެއެވެ. މީގެ ތެރޭގައި މިއުނިކް ދެކޮޅު ޓިކެޓާއި، 4 ދުވަހުގެ ހުރުމާއި، ޔޫއެފާ ޗެމްޕިއަންސް ލީގް ފައިނަލް މެޗުގެ ދެކޮޅު ޓިކެޓާއި، ޕޮކެޓް މަނީ އަދި ވެލްކަމް ގިފްޓް ހިމެނެއެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ ރޭ 12:00 ގައެވެ.
މާސްޓަ ކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެވެ. ބީއެމްއެއް އަކީ ރާއްޖޭގައި މާސްޓާ ކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލްއިން ދަނީ ރާއްޖޭގައި މާސްޓާ ކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.