2024 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ސާފު ފައިދާގެ ގޮތުގައި 2.25 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ބީއެމްއެލްއިން ބުނެފިއެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވަނީ ބޭންކުގެ ހަރުދަނާ މާލީ ނަތީޖާއަށާއި ޑިޖިޓަލް ހިދުމަތްތަކުގެ ކާމިޔާބީއަށާއި މުޖުތަމައުތަކަށް ބޭންކުން ދޭ މާލީ އެހީތެރިކަމަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ​​​ބޭންކުގެ މާލީ ހާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ 2024 ވަނަ އަހަރު ބޭންކުން ޓެކުހަށް ކެނޑުމަށް ފަހު ހޯދި 2.25 ބިލިއަން ރުފިޔާގެ ސާފު ފައިދާއަކީ މިހާތަނަށް ލިބުނު އެންމެ ބޮޑު އަދަދު ކަމަށެވެ. އަދި މިއީ ކުރީ އަހަރާ އަޅައިބަލާއިރު 8 ޕަސެންޓް ގެ ކުރިއެރުމެއްކަން ޝަރީފް ފާހަގަކުރެއްވިއެވެ.

ޖުމްލަ އެސެޓް ހުރީ 48 ބިލިއަން ރުފިޔާއަށްވުރެ މަތީގައި ކަމަށާއި ކަސްޓަމަރުންގެ ޑިޕޮސިޓް 32 ބިލިއަންގައި ހުރި އިރު މިއީ ހުރިހާ ބޭންކެއްގައި ޖަމާކޮށްފައިވާ ޖުމްލަ އަދަދުގެ 58 ޕަސެންޓް ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މި ކަމުން ކަސްޓަމަރުން ބީއެމްއެލް ކުރާ އިތުބާރު ދޭހަކޮށްދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޭންކުގެ ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ ހުރީ 58 ޕަސެންޓްގައިކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ މިއީ ގާނޫނީ ގޮތުން ލާޒިމްކުރާ މިންގަނޑަށްވުރެ މަތީ އަދަދެއް ކަމަށެވެ. އަދި މި އަދަދުތަކުން ބީއެމްއެލްގެ ހަރުދަނާ މާލީ ހާލަތު ހާމަކޮށްދޭކަން ޝަރީފް ފާހަގަކުރެއްވިއެވެ.

​​​ޝަރީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ބޭންކުގެ ޑިޖިޓަލް ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެމުންދާ އިންވެސްޓްމަންޓްތަކުގެ ނަތީޖާއަކީ ރާއްޖޭގެ މާލީ ސިނާއަތުގައި ހިދުމަތުގެ މިންގަނޑު ކަނޑައެޅުމެވެ. އެގޮތުން މިހާރު ބޭންކުގެ މާލީ މުއާމަލާތްތަކުގެ 99 ޕަސެންޓް ހިންގަނީ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެއީ 220 މިލިއަނަށްވުރެ ގިނަ މުއާމަލާތް ކަމަށާއި މި މުއާމަލާތްތަކުގެ އަދަދު 540 ބިލިއަނަށްވުރެ މަތި ކަމަށެވެ. ބީއެމްއެލްއިން މަސައްކަތް ކުރަމުން ދަނީ މި ސަރަހައްއްދުގެ އެންމެ ރަނގަޅު ޑިޖިޓަލް ބޭންކަށް ވުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްގެ ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމަށް ވަރަށް ފަހި ފުރުސަތުތަކެއް އެބަހުރި ކަމަށާއި ބީއެމްއެލްގައި މަސައްކަތްކުރާ ޓީމަކީ، އަބަދުވެސް އެންމެ މުހިންމު ރައުސުލްމާލުކަން ޝަރީފް ފާހަގަކުރެއްވިއެވެ. އަދި ބޭންކަށް ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ބޭންކްގެވަފާތެރި މުވައްޒަފުންނާމެދު ފަހުރުވެރިވެލައްވާ ކަމަށާއި އެ މުވައްޒަފުންގެ ވަފާތެރިކަމާއި، ބުރަ މަސައްކަތުން ކޮންމެ ދުވަހަކުވެސް ބޭންކު ކުރިއަށް ދަނީ ބާރު ދުވެލީގައި ކަމަށް ޝަރީފް ވުދަޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ މުވައްޒަފުންގެ ކުރިއެރުމަށް އިންވެސްޓްކުރުމުން ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމަށް އިތުރު ބާރުވެރިކަމެއް ލިބިގެންދާ ކަމަށެވެ.