ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ށ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފިއެވެ.

ބީއެމްއެލް އިން މިއަދު ވަނީ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ށ. އަތޮޅުގެ 5 ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފަށާފައެވެ. އަދި އިއްޔެވެސް ވަނީ ށ. އަތޮޅުގެ 5 ރަށެއްގައި ހިދުމަތް ގާއިމުކޮށްފައެވެ. އެއާއެކު މީގެކުރިން އޭޓީއެމްގެ ހިދުމަތް ށ. އަތޮޅުން ނުލިބޭ 10 ރަށެއްގައި ވަނީ އޭޓީއެމްގެ ހިދުމަތް މިހާރު ފަށާފައެވެ.

ށ. އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށެއް އޮންނައިރު މިހާރު ވަނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފަށާފައެވެ. އޭޓީއެމްގެ ހިދުމަތް އަލަށް ފަށާފައިވަނީ ށ. ބިލެއްފަހި، ށ. ފޭދޫ، ށ. ގޮއިދޫ، ށ. ކަނޑިތީމު، ށ. ނޫމަރާ، ށ. ޅައިމަގު، ށ. ނަރުދޫ، ށ. ފީވަށް، ށ. ފޯކައިދޫ އަދި ށ. މަރޮށީގައެވެ.

ށ. ފޯކައިދޫގައި މި ހިދުމަތް ތައާރަފް ކުރުމަށްފަހު ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އޭޓީއެމްގެ ހިދުމަތްތައް ހަލުވިކޮށް ރަށްރަށުގައި ގާއިމުކުރެވެނީ ބީއެމްއެލްއިން ލިބޭ ފުރިހަމަ އެއްބާރުލުމާއެކީގައި ކަމަށާއި، މި ހިދުމަތް ގާމުކުރުމުގައި ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ކައުންސިލުތަކުން ދޭ އެއްބާރުލުންވެސް ފާހަގަކުރައްވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ށ. އަތޮޅާއެކު ޖުމުލަ 6 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ވަނީ އޭޓީއެމްގެ ހިދުމަތް ފަށާފައެވެ. ބީއެމްއެލް އިން ވަނީ ބީއެމްއެލްގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް 100 އަށްވުރެ ގިނަ ރަށުގައި އޭޓީއެމް ބެހެއްޓުން ކަމަށް ބުނެފައެވެ.