ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު، ސައޫދީ އަރަބިއްޔާގެ ބޮޑުވަޒީރު އަދި ވަލީއަހުދު ސަލްމާން ބިން އަބްދުލްއަޒީޒް އައް-ސައޫދާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ސައޫދީގެ ޕްރެސް އޭޖެންސީގައިވާ ގޮތުން، ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސައޫދީގެ ބައެއް ވަޒީރުންނާއި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ އިތުރުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވެސް ބައިވެރިވެވަޑައިގަތެވެ.

ރައީސް ވަނީ ހައްޖަށް ވަޑައިގެންނެވި އިސްލާމީ ގައުމުތަކާއި މުސްލިމް ލީޑަރުންނަށް ވަލީއަހުދު ބޭއްވެވި ޖާފަތެއްގައި ވެސް ބައިވެރިވެވަޑައިގެންފައެވެ. އެ ޖާފަތުގައި ވަލީއަހުދާ އެންމެ ގާތުގައި އިންނެވީ ރައީސްކަން ވެސް ފާހަގަކުރެވެއެވެ.