މިއަދު މާލެ ސަރަހައްދުގައި އިހުސާސް ކުރެވުނު ހޫނުމިން 46 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އަރައިފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ހާމަކުރި ގޮތުގައި މިއީ އިހުސާސް ކުރެވޭ ހޫނުމިން މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. އެގޮތުން މިދިޔަ ހަފުތާގައި އިހުސާސްކުރެވޭ ހޫނުމިން އެންމެ މައްޗަށް ދިޔަ ދުވަސްތަކުގައި އެވްރެޖުކޮށް 44-45 ޑިގްރީއަށް ހުރި އިރު މިއަދު މިވަނީ 46 ޑިގްރީ ސެލްސިއަސް އަށް އަރާފައެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިއަދު 11:00 ގައި ހުޅުލެއަށް އިހުސާސް ކުރެވުނު ހޫނުމިން 46.3 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، ލ. ކައްދު އަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 41.9 ޑިގްރީ ސެލްސިއަސްގައެވެ. އަދި ގދ. ކާޑެއްދު އަށް އިހުސާސްކުރެވޭ ހޫނުމިން 43.6 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، ސ. ގަމުގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 40.8 ޑިގްރީ ސެލްސިއަސްގައެވެ.
މެޓް އޮފީހުން ބުނި ގޮތުގައި މާޗް އަދި އެޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރެވެ. ރާއްޖެއަށް މި ދުވަސް ވަރު ހޫނުމިން މަތިވެފައި ވާ އިރު އެންމެ ހޫނު ގަދަވާނެ ކަމަށް ލަފާ ކޮށްފައި ވާ ވަގުތަކީ މެންދުރު ފަހުގެ 2 ޖަހާ ހާއިރެވެ.
މީގެ އިތުރުން މިއަހަރަކީ އެލްނީނޯ އަހަރެއް ކަމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ދުނިޔޭގެ މޫސުމާ ބެހޭ އިދާރާތަކުން ބުނެއެވެ. އެއީ ކަނޑުގެ ލޮނުގަނޑު ހޫނުވުމުން އަންނަ މޫސުމީ ބަދަލަށް ކިޔާ ނަމެކެވެ. އެލްނީނޯގައި އޮއި ބާރުވެ ވައިބާރުވެ ފިނި ހޫނިމިން މައްޗަށް ގޮސް މޫސުމީ ގިނަ ބަދަލުތަކެއް އާދެއެވެ.
މި މޫސުމުގައި ރާއްޖެއަށް އާންމުކޮށް ހޫނުވާ އިރު މިދިޔަ އަހަރު މި މޫސުމުގައި އެންމެ ހޫނު ގަދަވެގެން ރެކޯޑް ކުރެވިފައިވަނީ 45 ޑިގްރީ ސެލްސިއަސް އަށެވެ.