އިރާނުގެ ނިއުކްލިއާ ގާބިލިއްޔަތާ ގުޅޭގޮތުން ތުލްސީ ގެބާޑް ދެއްކެވި ވާހަކަތަކަށް އެއްވެސް އަހައްމިއްޔަތުކަމެއް ނުދޭ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ތުލްސީއަކީ އެމެރިކާގެ ނޭޝަނަލް އިންޓެލިޖެންސްގެ ޑިރެކްޓަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ފަރާތެއްގެ އިތުރުން އަސްކަރީ އޮފިސަރެއްވެސް މެއެވެ. މިދިޔަ މާޗް މަހު ބޭއްވި ކޮންގްރެސްގައި ތުލްސީ ވަނީ އީރާނުން މިހާރު ނިއުކްލިއާ ހަތިޔާރު އުފައްދަމުން ނުދާ ކަމަށް ބުނެ ވާހަކަ ދައްކަވާފައެވެ.

އެގޮތުން އޭރު ތުލްސީ ބުނެފައި ވަނީ 2003 ވަނަ އަހަރު ހުއްޓާލި ނިއުކްލިއާ ހަތިޔާރުގެ ޕްރޮގްރާމް އީރާނުން އަލުން ނުފަށާ ކަމަށެވެ.

ނަމަވެސް މިއަދު އެއާފޯސް ވަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ އޭރު ތުލްސީ ދެއްކެވި ވާހަކަތަކާ މުޅިން ހިލާފަށް ވާހަކަ ދައްކަވާފައެވެ. އެގޮތުން ނޫސްވެރިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވަނީ، މީގެ ކުރިން ތުލްސީ ދެއްކި ވާހަކަތަކަށް ފަރުވާލެއް ނެތް ކަމަށް ވިދާޅުވެފައެވެ. "އަހަރެން ދެކޭގޮތުގައި އެމީހުން [އީރާނުން] ތިބީ [ނިއުކްލިއާ ހަތިޔާރު] އުފެއްދުމާ ވަރަށް ކައިރީގައި" ޓްރަމްޕް ވިދާޅުވިއެވެ.

އިރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ ބައިނަލްއަގްވާމީ މުޖުތަމައުގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ. ނަމަވެސް، އިރާނުން ދަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ހަމައެކަނި ސުލްހަވެރި ބޭނުންތަކަށް ކުރަމުންދާ މަސައްކަތެއް ކަމަށް ބުނަމުންނެވެ.

ޓްރަމްޕްގެ މި ބަޔާނުން އިތުރަށް ހާމަވަނީ އެމެރިކާގެ ސިޔާސީ ލީޑަރުންގެ މެދުގައި އިރާނުގެ ނިއުކްލިއާ ގާބިލިއްޔަތާ މެދު އޮތް ތަފާތު ވިސްނުންތަކެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އިޒްރޭލަށް ރަނގަޅު ރައްދެއް ދެވޭ ވަރުގެ ނިއުކްލިޔާ ހަތިޔާރު އީރާނުގައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

ނިއުކްލިއާ ބޮމަކީ އޭގެ ސަބަބުން ކައިރީގައި ހުރި ގައުމުތަކަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާ ހަނގުރާމަ މަތީ އެންމެ ނުރައްކާ ބޮޑު އާލާތެވެ.