މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި މިނިވަން ތަހްގީގެއް ހިންގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި ކޮމިޝަންގެ މަސައްކަތްތައް ނިންމާ، އެ ރިޕޯޓު އާންމުކޮށްފިއެވެ.
އާންމުކޮށްފައިވާ ކޮމިޝަނުގެ ރިޕޯޓުގައިވާގޮތުން އެހެން ފަރާތަކުން ޔުމްނު ވައްޓާލީކަމަކަށް ނުބެލެވޭކަމަށާއި، ބޮޑަށް ބުރަވެވެނީ ސިޑިގޮޅީގެ ކުޑަދޮރުން ޔުމްނު އަމިއްލައަށް ވެއްޓުނީ ކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން ޔުމްނު ވެއްޓުނުކަމަށް ބެލެވޭ ވަގުތުގައި ރައުދު އަހުމަދު ފިޔަވާ އިތުރު ފަރާތެއް ހުރިކަން ސީސީޓީވީ ފުޓޭޖުންނާއި، ހެކިންގެ ހެކިބަހުގެ އިތުރުން ފޮރެންސިކް ރިޕޯޓުތަކުންވެސް ފެންނަން ނެތް ކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ރައުދު ފިޔަވާ އިތުރު ފަރާތެއްގެ ބައިވެރިވުން އޮވެދާނެ ކަމަށް ނުބެލެވޭ ކަމަށް އެ ރިޕޯޓުގައި ބުނެފައެވެ.
އެއާއެކު މިކަމުގައި ރައުދުގެ ބައިވެރިވުމެއް އޮއެއްތޯ ބެލުމަށް ކޮމިޝަނުން ކުރި މަސައްކަތުން އެ ތަނުގައި އެ ވަގުތު ދެމީހުން ހަރަކާތްތެރިވާ މަންޒަރު ފެންނަން ނެތް ކަމަށާއި، އެރޭ ކަންތައް ވީގޮތް ހަނދާނުގައި ނެތް ކަމަށް ރައުދު ބުނެފައިވާކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ. މިކަމުގައި ޔުމްނުގެ ބަހެއް ލިބިފައިނުވާކަމަށާއި ނަމަވެސް އެރޭ ރައުދުއާއި ޔުމްނު އާއި ބައްދަލުވި ހިސާބުން ހާދިސާ ހިނގި ވަގުތާއި ހަމައަށްވެސް އެ ދެމީހުންގެ ދެމެދު އެއްވެސް ހަމަނުޖެހުމެއް ނުވަތަ ރުޅިވެރިކަމެއް އުފެދިފައިނުވާ ކަމަށްވެސް އެ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވެއެވެ.
އަދި ސިޑިން މައްޗަށް ޔުމްނު އަރާފައިވަނީވެސް އެއްވެސް މަޖުބޫރު ކަމެއް ނެތި ކަން ސީސީޓީވީގެ ފުޓޭޖުންނާއި ހެކި ބަހުން ސާބިތުވެފައިވާތީ އާއި، ހާދިސާ ހިނގުމަށްފަހު ޔުމްނު ހޯދުމަށް ރައުދު މަސައްކަތް ކޮށްފައިވާކަމަށްވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އަދި މެޑިކަލް ރެކޯޑުތަކުން ފުރާޅު މަތީ ޖެހުމާއި ގުޅިގެން ނޫން ގޮތަކަށް އެއްވެސް އަނިޔާއެއް ޔުމްނުއަށް ލިބިފައިނުވާކަމަށްވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން މިކަމުގައި ރައުދުގެ ބައިވެރިވުމެއް އޮތް ކަމަށް ނުބެލެވޭ ކަމަށްވެސް ކޮމިޝަނުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ރައީސް އުފެއްދެވި ކޮމިޝަނުން ވަނީ، މި ހާދިސާ އާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް ކަމާބެހޭ ފަރާތްތަކާ ވެސް ބައްދަލުކޮށްފައެވެ. އަދި ޔުމްނު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން މި ވަގުތު ބަންދުގައި ހުރި ރައުދު އަހްމަދު ޒިލާލާ ވެސް ކޮމިޝަނުން ސުވާލުކޮށްފައިވެއެވެ.