މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ރައުދު އަހްމަދު ޒިލާލްގެ އެއްބަނޑުއެއްބަފާ ބޭބެ، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ދާއޫދު އަހްމަދު ދީފައިވާ ބަޔާނުގައި ފުށުއެރުންތަކެއް ވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި މައްސަލަ ތަހުގީގު ކުރެއްވުމަށް އެކުލަވާލެއްވި ކޮމިޝަންގެ ރިޕޯޓުގައި ބުނެފިއެވެ.

އެގޮތުން ފުލުހުން މި މައްސަލަ ތަހުގީގު ކުރަނިކޮށް ހޯމް މިނިސްޓަރު އަލީ އިހުސާނަށް ތަކުރާރުކޮށް ދާއޫދު ގުޅާފައިވާކަމަށް ކޮމިޝަންގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް ތަހުގީގަށް ދާއޫދު ދިން ބަޔާނުގައި އެ މައްސަލައާ ގުޅިގެން ސަރުކާރުގެ އެއްވެސް އިސް ބޭފުޅަކާ މުއާމަލާތެއް ކޮށްފައިނުވާނެ ކަމަށް ބުނެފައިވާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން މައްސަލައިގެ ތަހުގީގަށް ދާއޫދު ފުލުހުންނަށް ދިން ބަޔާނާއި ކޮމިޝަނަށް ދިން ބަޔާނުގައި ވެސް ފުށުއެރުންތަކެއް އެބަހުރި ކަމަށާއި، އެހެންކަމުން އޭނާ ތަހުގީގަށް ދޮގު ބަޔާނެއް ދީފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އެއާއެކު ދާއޫދުގެ ރައްޓެހިންގެ ބަޔާންތަކުގައި ވެސް ފުށުއެރުންތަކެއް ހުރި ކަން ފާހަގަކޮށް ކޮމިޝަނުގެ ރިޕޯޓުގައި ވަނީ ތަހުގީގަށް ކަމެއް ސިއްރުކުރާ ކަމަށް ފާހަގަކުރެވޭ ކަމަށް ބުނެފައެވެ. މި ހާދިސާއާއި ގުޅިގެން ދާއޫދު ރައީސް އޮފީހުގެ މަގާމުން ވަނީ ސަސްޕެންޑުވެސް ކޮށްފައެވެ.

ކޮމިޝަނުގެ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި އެހެން ފަރާތަކުން ޔުމްނު ވައްޓާލީކަމަކަށް ނުބެލެވޭކަމަށާއި، ބޮޑަށް ބުރަވެވެނީ ސިޑިގޮޅީގެ ކުޑަދޮރުން ޔުމްނު އަމިއްލައަށް ވެއްޓުނީ ކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން ޔުމްނު ވެއްޓުނުކަމަށް ބެލެވޭ ވަގުތުގައި ރައުދު އަހުމަދު ފިޔަވާ އިތުރު ފަރާތެއް ހުރިކަން ސީސީޓީވީ ފުޓޭޖުންނާއި، ހެކިންގެ ހެކިބަހުގެ އިތުރުން ފޮރެންސިކް ރިޕޯޓުތަކުންވެސް ފެންނަން ނެތް ކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ރައުދު ފިޔަވާ އިތުރު ފަރާތެއްގެ ބައިވެރިވުން އޮވެދާނެ ކަމަށް ނުބެލެވޭ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައެވެ.

ރައީސް އުފެއްދެވި ކޮމިޝަނުން ވަނީ، މި ހާދިސާ އާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް ކަމާބެހޭ ފަރާތްތަކާ ވެސް ބައްދަލުކޮށްފައެވެ. އަދި ޔުމްނު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން މި ވަގުތު ބަންދުގައި ހުރި ރައުދު އަހްމަދު ޒިލާލާ ވެސް ކޮމިޝަނުން ސުވާލުކޮށްފައިވެއެވެ.