ރާއްޖޭގެ މޫސުން ބަލާ ވިއުގަ ރަނގަޅުކުރުމަށް ނ. މާފަރުގައި އިތުރު މެޓް އޮފީހެއް ގާއިމުކުރަން ނިންމައިފިއެވެ.
މިކަމާ ގުޅިގެން މެޓް އޮފީހުން ބުނީ ރާއްޖޭގެ މޫސުން ބަލާ ވިއުގަ ރަނގަޅުކޮށް ދުރާލައި އިންޒާރު ދޭ ނިޒާމު ހަރުދަނާކުރުމަށް އަމަލީ މަސައްކަތް ފެށުމަށް މިއަދު މަސައްކަތު ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ.
މެޓް އޮފީހުން ބުނީ ޔުނައިޓެޑް ނޭޝަންސް މަލްޓިޕާޓީ ޓްރަސްޓް ފަންޑް (ޔޫއެންއެމްޕީޓީއެފް) އާއި ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) ގުޅިގެން އުފައްދާފައިވާ ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސިން ފެސިލިޓީގެ ދަށުން ރާއްޖޭގެ މޫސުމާ ބެހޭ ބައެއް އޮބްޒަވޭޝަން ސްޓޭޝަންތައް ގްލޯބަލް ބޭސިކް އޮބްޒަވޭޝަން ނެޓްވޯކްގެ ފެންވަރަށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެށުމަށް މިއަދު ބޭއްވުނީ މުހިންމު ބައްދަލުވުމެއް ކަމަށެވެ.
މެޓް އޮފީހުން ބުނީ މިއީ 4 އަހަރުގެ މުއްދަތަކަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށާއި، މި ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގައި މިހާރު ގާއިމުކޮށްފައިވާ ހަތަރު މެޓް އޮފީހުގެ މޫސުމާބެހޭ އާލާތްތަކުގެ ފެންވަރު ރަނގަޅުކުރެވިގެން ދާނެ ކަމަށެވެ.
އިތުރަށް މެޓް އޮފީހުން ބުނީ މި ޕްރޮޖެކްޓުގެ ދަށުން ތަމްރީން ޕުރޮގްރާމުތައްވެސް ކުރިއަށް ގެންދާނެ ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖޭގެ މޫސުން ބަލާ ވިއުގައިގެ ފެންވަރު ރަނގަޅުވެ ދުރާލާ އިންޒާރުދޭ ނިޒާމު އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އާއި ޔޫއެންއީޕީގެ އިތުރުން ފަންނީ ލަފާދޭ ބައިވެރިއެއްގެ ގޮތުން ފިންނިޝް މީޓިއޮރޮލޮޖިކަލް އިންސްޓިޓުއްޓާއި ރީޖަލަނަލް މަލްޓި ހެޒާޑް އާލީވޯނިން ސިސްޓަމް ފޯ އޭޝިޔާ އެންޑް އެފްރިކާ އަދި ރާއްޖޭގޭ ކަމާބެހޭ ބައެއް މުއައްސަސާތައް ހިމެނޭ ގޮތަށް 40 ބޭފުޅަކު މިއަދު ބޭއްވި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެޑައިގެންފައިވާކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.