ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މި އަހަރުގެ ހުޅަނގު މޫސުން އިއްޔެ ފެށިފައިވާކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ހުޅަނގު މޫސުމުގެ އަސަރު އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ކުރަން ފަށާކަމަށާއި، އޭގެފަހުން އެ މޫސުމުގެ އަސަރު މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ފޯރާ އަދި މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭ ކަމަށެވެ.

މެޓް އޮފީހުން ބުނީ އިރުވައިމޫސުން އޮންނަނީ މީލާދީ ގޮތުން ގާތްގަނޑަކަށް ޖަނަވަރީ މަހުން ފެށިގެން މާޗުމަހުގެ ނިޔަލަށް ކަމަށެވެ. އަދި އާންމުކޮށް ހުޅަނގު މޫސުން އޮންނަނީ މެއި މަހުން ފެށިގެން ނޮވެންބަރުގެ ނިޔަލަށް ކަމަށެވެ. އެއާއެކު މެޓް އޮފީހުން ބުނީ މިދިޔަ އަހަރު ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށިފައިވަނީ މެއި 9 ގައި ކަމަށާއި، މެދުރާއްޖެތެރެއަށް މެއި މަހުގެ 14ގައި ކަމަށެވެ. އަދި ހުޅަނގުމޫސުން އުތުރަށް ފެށުނީ މެއި 17 ގައި ކަމަށެވެ.

މެޓް އޮފީހުން ވަނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކޮށްފައެވެ. އެއާއެކު މެޓް އޮފީހުން ވަނީ ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މޫސުން ގޯސްވުމާ ގުޅިގެން ފުލުހުންވެސް ވަނީ އިލްތިމާސްތަކެއް އާންމު ކޮށްފައެވެ. އެގޮތުން އާންމު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ކޮންޓްރޯލް ކުރެވޭ މިންގަނޑުގައި އެއްގަމު އުޅަނދު ދުއްވުމަށާއި ބުރުގާ އަޅާނަމަ ބުރުގާ މޫނު މައްޗަށް ނުވެއްޓޭ ގޮތުން ބެހެއްޓުން މުހިންމު ކަމަށެވެ. އަދި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމީ ސަމާލުތަކާ އެއްގޮތަށް އަމަލު ކުރަމުން ގެންދިޔުމަށެވެ.