ގުދުރަތީ ވަސީލަތްތައް މަދު، ޖިއޮގްރަފީ ގޮތުން އެކަހެރިކޮށް އޮތް ދިވެހިރާއްޖެ، ދުނިޔޭގައި ނަން ހިނގާ ފަތުރުވެރިކަމުގެ މަންޒިލަކަށް ބަދަލުވެގެން ދިޔައީ، އުނދަގޫ ކަންކަން ތަހައްމަލުކޮށް، ކެތްތެރިވެ، ހާލަތާ އެއްގޮތަށް މަސައްކަތް ކޮށްގެން ކަމުގައި ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ރައީސް ވަހީދު މިހެން ވިދާޅުވެފައި ވަނީ، އެމެރިކާގެ ނިއުޔޯކްގައި ކުރިއަށް ދިޔަ މޯލްޑިވްސް ޓުއަރިޒަމް އެންޑް އިންވެސްޓްމަންޓް ފޯރަމްގައި، ދިވެހިރާއްޖޭގެ ވިލުންތެރިކަމާއި، ގެންނަމުންދާ އިސްލާހީ ބަދަލުތަކާއި ދުރުރާސްތާގެ ލަނޑުދަނޑިތައް ފާހަގަކުރައްވައި، ދިވެހިރާއްޖޭގައި ވުނަކުރެވޭނެ ކަމުގެ ދަލީލު ދައްކަވައި، ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ވަހީދު ވަނީ، 2008 ވަނަ އަހަރުގެ މާލީ ހީނަރުކަމަށް ފަހު، ދުނިޔެއަށް އަންނަ ލޮޅުންތަކުގެ، ހިރާސް ބޮޑު ގައުމެއްގެ ގޮތުގައި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ރާއްޖެ ހަވާސާކޮށްލިކަން ފާހަގަކުރައްވާފައެވެ. ނަމަވެސް، ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު ކުރިމަތިވި ހީނަރުކަމުން ރާއްޖެ އަރައިގަތް ހަލުވި ދުވެއްޔާއެކު އެ ހީކުރުންތައް ބާތިލުކުރަން ޖެހުނު ކަމުގައި ވިދާޅުވިއެވެ. އަދި އެއީ ހަމައެކަނި ނަސީބު ރަނގަޅުވެގެން ވީ ކަމެއް ނޫން ކަމަށާއި، އެއީ ދިވެހީންގެ ތަފާތުކަމާއި އަޒުމުގެ ސާބިތުކަމާއި، ނިޔަތުގެ ސާފުކަން ދައްކުވައިދޭ ކަމެއް ކަމުގައި ވެސް ޑރ. ވަހީދު ވިދާޅުވިއެވެ.
މާޒީގެ ކާމިޔާބީތައް ފާހަގަކުރައްވައި ޑރ. ވަހީދު ވިދާޅުވީ، އަދުގެ ސަމާލުކަން ހާއްސަ ވަނީ މުސްތަގުބަލަށް ކަމަށެވެ. އެއާއެކުދިވެހިރާއްޖޭގެ ގައުމީ ކުރިއެރުމަށްޓަކައި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ 2040 ގެ ތަސައްވުރު އެމަނިކުފާނު ހިއްސާކުރެއްވިއެވެ. މިއީ ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުތާ 75 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް، ތަރައްގީވެފައިވާ ގައުމުތަކުގެ ދަރަޖައަށް ދިވެހިރާއްޖެ ގެންދެވުމަށް ރައީސް މުއިއްޒު ތައާރަފުކުރެއްވި އިސްތިރާޖެއް ކަމަށް ޑރ. ވަީދު ވިދާޅުވިއެވެ. މި ތަސައްވުރުގެ ދަށުން، އެއް ކަމަކަށް ބަރޯސާވެފައިވާ އިގްތިސޯދެއްގެ ބަދަލުގައި ވިލުންވެރި، ސިންދަފާތު ކުރެވިފައިވާ އަދި ބައިނަލްއަގްވާމީ މައިދާނުގައި ވާދަވެރި އިގްތިސޯދަކަށް ދިވެހި އިގްތިސޯދު ބަދަލުކުރެވޭނެ ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.
ޒަމާނީ ރެގިއުލޭޓަރީ އޮނިގަނޑުގެ އެހީގައި ރާއްޖޭގައި ބައިނަލްއަގްވާމީ މާލީ މަރުކަޒެއް އުފެއްދުން ހިމެނޭ ގޮތަށް، ރާއްޖޭގެ މާލީ ދާއިރާ އަލުން ބައްޓަން ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް ވެސްޑރ. ވަހީދު ވާހަކަފުޅު ދެއްކެވިއެވެ. ދެމެހެއްޓެނިވި އާބަން ސެންޓަރުތައް ތަރައްގީކޮށް، އެކްސްޕޯޓް ސިނާއަތަށް ހާއްސަކޮށްގެން މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް އަދުގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކާ ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދެއްކެވިއެވެ.
މި އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އިހްތިސޯދީ ކުރިއެރުން 5 ޕަސެންޓްގައި ހުންނާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އަންދާޒާ ކޮށްފައިވާ ކަން ފާހަގަކުރައްވަމުން، ޑރ. ވަހީދު ވަނީ، ދިވެހިރާއްޖޭގެ އިގްތިސޯދު އޮތީ ވަރުގަދަކޮށް ކަމުގެ ޔަގީންކަން ދެއްވެވިއެވެ. ދިގު މުއްދަތުގެ ހަމަޖެހުން ކަށަވަރުކޮށްދީ، އިތުބާރާއި ހާމަކަން ބޮޑު ގޮތެއްގައި ކަނޑައެޅިފައިވާ، އިންވެސްޓްމަންޓާ ރައްޓެހި މާހައުލެއް ބިނާކުރުމަށް މާލީ އިސްލާހުތައް ރާއްޖެއަށް ތައާރަފު ކުރަމުންދާ ކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
އެގޮތުން، އަމާޒަކީ އިސްތިގުލާލު ރައްކާތެރިކޮށް، ކަރާމާތް ހިފެހެއްޓުމާއި، އަންނަން އޮތް ޖީލުތައް ބާރުވެރިކުރުވާނެ އިގްތިސޯދެއް ބިނާކުރުން ކަމުގައި ވެސް ޑރ. ވަހީދު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއަކީ އޭޝިއާ ބައްރުގައި އެންމެ ހުޅުވާލެވިފައިވާ، އެންމެ ވާދަވެރި އިންވެސްޓްމަންޓް މާކެޓްތަކުގެ ތެރޭގައި ހިމެނޭ މާކެޓަކަށް ވުމާއެކު، ދިވެހިރާއްޖެއަކީ އިސްތިރާޖީ ގޮތުން ލިބިފައި އޮތް ފުރުސަތެއް ކަމުގައި ދުށުމަށް ވެސް ފޯރަމްގެ ބައިވެރިންނަށް، ޑރ. ވަހީދު ގޮވާލެއްވިއެވެ.