ސީމާގެ އަތުން އޭނާގެ ބަނޑުގައި ހިފަހައްޓައިގެން ހުރެ މަގުތަކުން އެތެރެއަށް ވަދެވުނު އިރު ރާޅު ގޮނޑުދޮށަށް މުގުރާލި އަޑު އިވުނެވެ. އެ ގަދަ އަޑުފައްގަޑުން ފަސް އެނބުރި ބަލާލެވުނީ ބޭއިޚްރިޔާރުގައެވެ. އެ އަޑުގެ ތެރެއިން މީހުން ރޯ އަޑާއި ހަޅޭއްލަވާ އަޑު އިވެމުން ދިޔައެވެ. ދުންގަނޑެއްހެން ފުސްކޮށް ފެނުނަސް ގަސްތަކުގެ ތެރެއިން ހަލުވި މިނެއްގައި ރާޅުގަނޑު އަންނަތަން ފެނުނެވެ.

ސީމާއަށް ބިރުން ރޮއެ ގަނެވުނެވެ. "ސުބުހާނަﷲ...."

ދޮންވެލިގަނޑު މަތިން ފެތުރެމުން ރަށުގެ އެއްގަމަށް އެ ރާޅުގަނޑު އައީ ހަލުވިކަމާއި އެކުގައެވެ. ސީމާގެ ހިތްވަނީ އަވަސްވެފަައެވެ. ހިތް އަވަސްވެ ނޭވާތައް ކުރުވިއެވެ. ހިތުގެ ތެޅުން ބާރުވެފައިވީ އިންތިހާއަށެވެ. ދުއްވައިގަންނަން ވެސް ނޭނގި ހިނދުކޮޅަކަށް މަޑު ޖެހެވުނެވެ. ގޮނޑުދޮށުންނާއި ގޯތިތަކުތެރެއިން ނިކުތް މީހުންތައް އެކި ދިމަދިމާލަށް ދުވަން ފެށިއެވެ. ގޮނޑުދޮށުގައި ހުރި ދޯނި ފަހަރުތައް ކައިރިން ރަފަރަފަލާފައި ބާރު އަޑުތަކެއް އިވުނެވެ. ދޯނި އެހެލަން ބޭނުންކުރާ ސާމާނުތައް ފައިބައިގެން އަޑުކަން ކަށަވަރު ވިއެވެ.

ފަޔަށް ލެވުނުހާ ބާރެއްލާ އެއްގަމާ ދިމާލަށް ސީމާ ދުއްވައިގަތީ ދެއަތުން ބަނޑު އުރާލައިގެންނެވެ. އެ ލޮނުގަނޑުއި ނުޖެހި ވޭތޯއެވެ. އުފެދުނު ބޮޑު ރާޅުބާނި މިސްރާބު ޖެހީ ރަށުތެރެއަށެވެ. މުޅި ސަރަހައްދަށް ލޮނުގަނޑު ފެތުރެމުން ދިޔައެވެ. އެސްފިޔަ ޖާހާލާހާ ހިނދުކޮޅެއްގެ ތެރޭގައި ލޮނުގަނޑު އައިސް ސީމާގެ ހަށިގަނޑުގައި ޖެހުނެވެ.

ރާޅުގެ ބާރު އޮޔާއި އެކީ ސީމާގެ ފައި ބިމުގައި ހަރުލާ ފަހަރު މަދެވެ. އޮއި ހުރި ދިމާލަށް ދަމަމުން ދިޔައެވެ. އޭގެތެރެއިން އިސްކޮޅު ނުޖެހޭ ފަހަރު އާދެއެވެ. ހަޅޭއް ލަވަން އަނގަ ހުޅުވާލާ ކޮންމެ ފަހަރަކު އެ ޗަކަ ލޮނުގަނޑު ސީމާގެ އަނގައަށް އެޅި ފުރިގެން ދެއެވެ. ކިސަޑުފެން ބޮވުނު އަދަދުވެސް ނޭނގެއެވެ. ބިރުން ހިތް ކުދިކުދި ވެފައިވާ ހާލުގައިވެސް ސީމާ މަސައްކަތް ކުރީ އެ ތޫފާނީ ބާރު އޮއިގަނޑުގެ ތެރެއިން ސަލާމަތްވުމަށެވެ. ސީމާގެ ހަތަރެސް ފައިން ފެން ގަނޑުތެރޭގައި ބަކަތަޅަމުން ސަލާމަތުގެ އައްސޭރިއަށް ދާން މަސައްކަތް ކުރަމުން ދިޔައެވެ. ބިރުވެރިކަމުން ފުރިގެންވާ ވަގުތުގައިިވެސް ސީމާއަށް ވިސްނެމުން ދިޔައީ ބަނޑުގައިވާ ދަރިފުޅާ މެދުގައެވެ. އެ ތުއްތު ކުއްޖާ ރައްކާރެތިކުރަން ބޭނުންވިއެވެ. ހިތްވަރު ގަދަކޮށް ސަލާމަތްވާނެ މަގެއް ހޯދަން މަސައްކަތް ކުރަން ފަލިޖަހަމުން ދެވުނެވެ.

ވަށައިގެން ފެންނަމުން ދިޔައީ ބިރުވެރިކަމެވެ. މުޅި ރަށަށްވަނީ ރާޅުގަނޑުގެ އަސަރު ކޮށްފައެވެ. ދުވަހަކުވެސް މިހާ ބޮޑުކޮށް އުދަ އަރާފައެއް ނުވެއެވެ. އޮއިގަނޑު ތެރޭގައި ހަރުލާ ހުރުމަށް ކޮންމެވެސް އެއްޗެއްގައި ހިފުން އެއީ އެންމެ ބުއްދިވެރިގޮތް ކަމުގައި ސީމާއަށް ވިސްނުނެވެ. ވަށައިގެން އެކި ކަހަލަ ސާމާނުތަކާއި އެކީ އޮއިހުރި ދިމާލަށް ސީމާ ދަމަމުން ދިޔައެވެ. ލޮނުގަނޑު ވަނީ ކިލަނބު ވެފައެވެ. އެ ލޮނުގަނޑު ތެރޭގައި ސީމާ ނުގެނބި މަތީގައި އޮންނަން ވަރަށް މަސައްކަތް ކުރިއެވެ. ފަޔަށް ލެވުނުހާ ބާރެއްލަމުން ކައިރިން ފެންނަމުން ދިޔަ ގެތަކުގެ ކައިރިޔަށް ދާން ކުރި މަސައްކަތް ވެސް ވީ ބޭކާރެވެ. ފައި އަކުނިވަޔަށް ދަމަން ފެށުމުން އިތުރު ހަރަކާތެއް ފަޔަށް ގެންނަން އުނދަގޫވިއެވެ. އެވަގުތު ނަސީބު ރަނގަޅުކަމުން މަގުގެ ކައިރިން ފެނުނު ގަހެއްގެ ގޮފިގަނޑުގައި އެއްލިއަތުން ހިފުނެވެ. ލުއްކެއް ޖެހިގެންގޮސް އެގަހުގައި ބާރަކަށް ޖެހުނެވެ. ސީމާގެ ބަނޑު ޖެހުނުކަން ވެސް އޭނާއަށް ރޭކާނުލިއެވެ. ގަހުގައި ޖެހުމާއި އެކީ ސީމާގެ ދެފައި ގަހުގައި ވަށާލާ ބާރުކޮށް ހިފަހައްޓައިގެން އޮތީއެވެ. އޭރުވެސް ލޮނުގަނޑު ތެރެއިން އެކިކަހަލަ ސާމާނުތައް ދާ މަންޒަރު ފެނެއެވެ. ސީމާ އެލިގަނެގެން އޮތް ގަސް ވެސް ހީވީ ލުހިގެން ހިނގައިދާނެ ހެންނެވެ. އެހާވެސް އޮއި ބާރެވެ. ލޮނުގަނޑާއި އެކީ އޮޔާ މީހުން ގެންދާ މަންޒަރު ފެނި ސީމާއަށް ރޮވުނެވެ. ކުޑަކުދިން ކޮނޑަށް ލައިގެން ދާ މީހުން ކުދިންނާއި އެކީ ލޮނުގަނޑު ތެރޭ ގެނބެމުން ދިޔަ މަންޒަރު ފެނުނެވެ.

ދުލަށް އައިހާ ހެޔޮ އެއްޗެއް ހިތާހިތުން ކިޔަމުން ސީމާ އެގަހުގެ ގޮފިގަނޑުގައި އެލިގަނެގެން އޮތީއެވެ. ގޯތިތަކުން މީހުން ހަޅޭއްލަވާ އަޑާއި ކުޑަކުދިންގެ ވޭނީ ރުއިމުގެ އަޑުން ސީމާގެ ހިތަށް ފުން އަސަރުތަކެއް ކުރުވަމުން ދިޔައެވެ. ޤިޔާމަތްވަނީ ކަމަށް ކުޑަ ހިނދުކޮޅަކަށް ނަމަވެސް ސީމާއަށް ހީކުރެވުނެވެ. ތަގުޅި ކޮށްގެންވާ ދެލޯ ހުޅުވާލުމުން ލޮލުން ކަރުނަ ފައިބަމުން ދިޔައީ ހުއްޓުމެއް ނެތިއެވެ. ލޮނުގަނޑުގެ ބާރު ކެނޑި ތިލަވަމުން ދިޔަކަން އެނގުމުން ގޮފިގަނޑުން ސީމާ އަތް ދޫކޮށްލިއެވެ. ތިލަަ ވަމުންދިޔަ ލޮނުގަނޑު ތެރެއަށް ސީމާ ވެއްޓުނެވެ.

ލޮނުގަނޑު ތެރެއިން ތެދުވެ ގެއާ ދިމާލަށް މިސްރާބުޖެހީ ދެން ހަދާނެގޮތަކާއި މެދު ވިސްނާ ފިކުރު ކުރަމުންނެވެ. އެ ވަގުތު ކުއްލިއަކަށް ރަނާ މަތިން ހަނދާން ވިއެވެ. ރަނާ ވީތަނެއް ހޯދަން ބޭނުން ވިއެވެ. މި ރާޅުގަނޑުގެ ސަބަބުން ރަނާވެސް ދާނީ ގެއާއި ދިމާލަށް ސީމާ ހޯދަން ކަން ވިސްނުނެވެ. އެހެންކަމުން އަވަސް ފިޔަވަޅުތަކެއްގައި ގެއާ ދިމާލަށް މިސްރާބު ޖެހިއެވެ. ލޮނުގަނޑު ތެރޭގައި ގަނަތެޅުމުގެ ސަބަބުން ސީމާގެ ހަށިގަނޑުގެ އެތަން މިތަނުން ދިލަ ނަގަމުން ދިޔައެވެ. ހިތްވަރު އެލުވާނުލާ ރަނާ ހޯދުމުގެ މަޤްސަދުގައި ގެއާ ދިމާލަށް ފިޔަވަޅު އަވަސް ކޮށްލިއެވެ. ކަަކުލާ ހަމަޔަށް ހުރި ފެންގަނޑު ތެރެއިން ފައި ދަމަމުން ދިޔައެވެ. ނަމަވެސްް ސީމާގެ ފިޔަވަޅު ހުއްޓުމަކަށް އައީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު އިވުމުންމެވެ. "މަންމާ... މަންމާ...."

ފެންގަނޑު ތެރޭގައި ހުރި ކުނިތަކުން އެއްކައިރި ވަމުން ޖެހިގެން ހުރި މަގަށް ލަނބާލި އިރު ފޭރު ގަހެއްގައި އޮތް ހަތަރު އަހަރުގެ އަންހެން ކުއްޖެއް ފެނުނެވެ. އެ ކުއްޖާއާއި ދިމާލަށް ދެ އަތް ދިއްކޮށްލަމުން އަތުތެރެއަށް ފުންމާލުމަށް ސީމާ އެދުނެވެ. ނަމަވެސް އެ ކުއްޖާ ބޯ ހޫރާލިއެވެ. ބިރުން ވިރިވިރި އެ ތުއްތު ކުއްޖާ އޮތީ ގުޑާލަންވެސް ނޭނގިފައެވެ. ވަށައިގެން ބަލާލެވުނީ މީހަކު އެހިސާބުގައި ހުރިތޯއެވެ. މީހަކު ފެންނަން ނެތުމުން ހަދާނެގޮތް ހުސްވެފައި ހުރެ ސީމާ ބުނެލިއެވެ. "އާދޭ މަންމަ ކައިރިޔަށް ދާން....ދައްތަ ހިފާނަން... ފުންމާލާ....." މަންމައަށް ގޮވަމުން އެކުއްޖާ ގޮފިގަނޑުން އަތް ދޫކޮށްލިއެވެ. ސީމާގެ އަތު ތެރެއަށް ފުންމާލީ ކުޑަ ބުޅަލެއް ފަދައިންނެވެ.

އަށް މަހަށް ދާ ބަނޑަކާއި އެކީ ސީމާ އެ އަންހެން ކުއްޖާ ކިހިލި ޖަހާލިއެވެ. ސީމާގެ ކަރުގައި އަތް އުރާލާ ބައްދާލައިގެން އެ ކުއްޖާ އޮތީ ދުވަހަކުވެސް ދޫނުކުރާނެ ފަދައަކުންނެވެ. "ކޮއްކޮއަށް ކިޔަނީ ކޮން ނަމެއް؟...." އެކުއްޖާގެ ބުރަކަށީގައި ފިރުމާލަމުން ސީމާ އަހާލި އިރު ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. "މިންނާ....." އެ ތުއްތު ކުއްޖާ ޖަވާބުދިނެވެ. ބޮޑެތި މީހުން ރޮމުން ކޮޅުކޮޅަށް ދުވަމުން ދިޔައީ ދަރިން ވީ ހިސާބެއް ބެލުމުގައެވެ. ސީމާއަށް ދެވެނީ ކޮން ދިމާލަށް ކަމެއްވެސް ނޭނގެއެވެ.

"ސީމާ..... މަގޭ ދަރިފުޅު ދުށިންތަ؟.... ޝާޔާ ނުފެނިގެން މިއުޅެނީ..." ރޮމުން ރޮމުން އައިސް ސީމާ ގާތަށް ހުއްޓުނު އަންހެނަކު ވާހަކަ ދެއްކިއެވެ. ސީމާއަށް އަތިރިއާއި ދިމާލަށް އިޝާރާތް ކުރެވުނީ ޝާޔާ އަތިރިމަތީ ހުރިތަން ފެނިފައި ވުމުންނެވެ. ރާޅުއެރުމުގެ ކުރިން ގޮނޑުދޮށުގައި ކުދި ބަޔަކާއި އެކު ޝާޔާ ކުޅެން އުޅުނުތަން ފެނުނުކަން ހަނދާން ވުމުންނެވެ. އެ އަންހެން މީހާ ރޮމުން ރާޅު އެރި ދިމާލަށް މިސްރާބު ޖެހިއެވެ. އެ ނިކަމެތި މަންމައާއި ދިމާލަށް ބަަލަން ސީމާއަށް ހިނދުކޮޅަކު މަޑުކޮށްލެވުނެވެ. ސީމާގެ ބަނޑުގައިވާ ދަރިފުޅާއި އުރުގައި އިން މިންނާ ރައްކާތެރިކުރަން ބޭނުންވެ އާ ހިތްވަރާކާއި އެކު ކުރިއަށްދާން ހިނގައިގަތެވެ.

ޓިނުގަނޑެއްގެ މައްޗަށް ބޯކޮށް ވާރޭ ވެހެމުން ދާއިރު ގޮވާ ފާޑު އަޑުފައްގަނޑެއް ކުއްލިއަކަށް އިވުނެވެ. އެ އަޑާއި އެކު މީހުންތަކެއްގެ ރުއިމުގެ އަޑު ޖައްވުތެރޭގައި ގުގުމާލިއެވެ. އެ އަޑު އައި ފަރާތަށް ސީމާއަށް ބަލާލެވުނީ ކަމެއް ގޯސް ވެއްޖެކަން ކަށަވަރު ވުމުންނެވެ. ކަމަކުދާކަށް ނެތެވެ. ފެންނަމުން މިދާ މަންޒަރުން ސީމާގެ ސިކުނޑި ސުމަކަށް ދިޔައެވެ. ކިހިލީގައި އިން ތުއްތު މިންނާގެ ހަށިގަނޑުގައި ބައްދާލަމުން އެކުއްޖާ ގާތު ނަމަނަމަ ދައްތަގެ ގައިން ދޫ ނުކުރުމަށް ބުނެލެވުނެވެ. މިންނާގެ ކުޑަކުޑަ އަތް ތިލައިން ސީމާގެ ގައިގައި ބާރަށް ބައްދާލިއެވެ. އެއް އަތުން މިންނާ ހިފަހައްޓާލަމުން އަނެއް އަތުން ސީމާގެ ބަޑުގައި ފިރުމާލި އިރު ލޯ ކަރުނުން ފުރިގެން އައެވެ. ރިޒާ ހުރިނަމައޭ ހިތަށް އެރިއެވެ. ހަމަގައިމުވެސް ކޮންމެވެސް ހިތްހަމަޖެހުމެއް ލިބޭނެކަން ކަށަވަރެވެ. މުޅި ގައިން ހީބިހި ހިލުވާލިއެވެ. ބިރުގެންފައި އިންވަރުން ސީމާއަށް އަޑުން އަޑުނަގާ ރޮވެން ފެށުނެވެ.

ކުރިމަތިން ފެންނަން އޮތް މަގުގެ ކޮޅުން ރަށް ފެންނާކަށް ނެތެވެ. ގޮނޑުދޮށުގައި ހުރި ދިގު ރުށްތަކުގެ މަތިން ރަށުތެރެއަށް ބިޔަ ރާޅެއް ބިންދާލަނީއެވެ. ގަސްތަކާއި ގެތައް ފުނޑުފުނޑުވަމުން ދިޔަ މަންޒަރު ފެނި ސީމާއަށް ބިރުން ހަދާނޭގޮތް ހުސްވިއެވެ. ސީމާ ފަސް އެނބުރި ކުރިން އައިކޮޅަށް ދުއްވައިގަތީ ހަތަރު އުދަރެސް ފެނުޖެހިފައިވާ މީހަކު ފަދައިންނެވެ. ރޯ މަހެއްހެން ހިތް ތެޅެމުން ދިޔަނަމަވެސް އުރުގައި އިން މިންނާ މަތިން ހަނދާން ނައްތާނުލައެވެ. ދެން ހަދަންވީ ގޮތެއް ނުވިސް ނުނެވެ. ރަށުގެ ގެތަކުގެ މަތިން އެ ރާޅު އަންނަތަން ފެނުމުން މިއަދު ދެން ސަލާމަތެއް ނުވާނޭ ސިކުނޑިއަށް އައި އަދަދުވެސް ބުނެދޭކަށް ނޭނގެއެވެ.

ކުރިން ދިޔަ ރާޅަށް ވުރެއް މިރާޅު ބޮޑެވެ. ކޮންމެ މީހަކުވެސް ބެލީ ސަލާމަތްވާނެ ގޮތެއް ފެނޭތޯއެވެ. އެއް ބަޔަކު ގޭގޭ ފުރާޅުތައް މަތީގައި ތިބި އިރު އަނެއްބަޔަކު ތިބީ ބޮޑެތި ވެލި ފުނި ފުނި މައްޗަށް އަރައެވެ. ބައެއް މީހުން ކޮނޑުމަތީގައި ތިން ހަތަރު ކުދިން ގޮވައިގެން ގެންގޮސް މިސްކިތް ތެރެއަށް ވައްދާ މަންޒަރު ފެނުނެވެ.

ސީމާގެ ހާލަތު ހުރިގޮތުން އުސްތަނަކަށް އެރުން އެއީ ކުޅަދާނަވާ ވަރުގެ ކަމެއް ނޫންކަން ވިސްނުމުން ސީމާ ގަސްތުކުރީ މިސްކިތަށް އެރުމަށެވެ. ނަމަވެސް ބާރު މިނުގައި އައި ރާޅުގެ ތެރެއަށް ސީމާ ދަމައިގަތެވެ. އޮޔާއި އެކީ އައި ވަކަރުތައް ސީމާގެ ކުޑަ ކަޅުވާގައިޖެހި އިތުފުށުން ލޮނުގަނޑުގެ ތެރެއަށް ވެއްޓުނެވެ. މިންނާއާއި އެކީ ސީމާ ކިތަންމެ ފަހަރަކު ލޮނުގަނޑު ތެރޭގައި ގެނބެމުން ދިޔައެވެ. ކައިރިން ދިޔަ ވަކަރުތަކާއި ދަގަނޑު ތަކުގައި ޖެހެމުން ދިޔައިރުވެސް އަތު ތެރޭގައިވާ މިންނާގެ ގައިން ސީމާ ދުލެއް ނުކުރެއެވެ.

ސީމާމެންނަށް ތިބެވުނީ ކޮންތާކުކަން ރޭކާލީ އިރުގަނޑެއް ފަހުންނެވެ. އޭރު އޮއި މަޑު ވެއްޖެއެވެ. ވަށައިގެން ބަލާލި އިރު މި ތިބެވުނީ ރަށުން ބޭރުގައެވެ. ކަނޑުގައެވެ. ދުރުދުރުން އޭރު ރަށް ފެންނަމުން ދިޔައެވެ. ރަށްވަނީ އެކީ އެކަށް ދޮވެލާފައެވެ. ރަށުގައި ދިރިއުޅޭ ފައްސަތޭކައެއްހާ އާބާދީގެ މީހުންތައް ތިބީ މާ ކަނޑަަށް ބޭރުވެފައެވެ. ކުނިބުނިތަކާއި އެކީ ރަށުގެ ކުޑަ ބޮޑު އެތައް ބަޔަކު ތިބީ ކަނޑުމަތީގައެވެ. ރަށާއި ގުޅިފައިވާ ފަޅުރަށެއް ކަމަށްވާ ތަނބަޅައިދޫގައި މަސައްކަތް ކުރަންގޮސް އުޅުނު އަންހެންވެރިންނާއި ކުޑަކުދިންތައް ވެސް ތިބީ ކަނޑުމަތީގައެވެ. އެންމެން ކަހަލަ ގޮތަކަށް އެއްގަމަށް ދިޔުމަށް ފަތައިގަތެވެ. ނަމަވެސް ވަރުބަލި ވެފައިހުރިވަރުން ސީމާއަށް ފަތާފައި ރަށާ ހަމަޔަށް ދާނެ ހިތްވަރެއް ނުލިބުނެވެ.

ރަށާ ދިމާލަށް ފަތައިގެން މީހުންނަށް ސީމާ ގޮވާލިއެވެ. "މީހެކޭ....." ސީމާގެ އަޑުވަނީ ހަލާކުވެ ކުރަކިވެފައެވެ. ރަނގަޅަށް އަޑު ބޭރެއް ނުވިއެވެ. އެހެންކަމުން ދެވަނަ ފަހަރަށް އަޑަށް ބާރުލަމުން ގޮވާލިއެވެ. އެއަޑަށް ރަށުގެ ޅަފުރައިގެ އަންހެން ކުއްޖެއް ސީމާގާތަށް އައެވެ. ސީމާއަށް ބަލާލުމަށްފަހު ސީމާގެ އަތުތެރޭގައިވާ މިންނާ އުރާލިއެވެ. އެއީ ވަރަށްމޮޅަށް ފަތަން ދަންނަ ކުއްޖެކެވެ. އެ އަންހެން ކުއްޖާގެ އެހީގައި ސީމާއާއި މިންނާއަށް ރަށަށް އާދެވުނެވެ.

ރަށަށް އައިސް އެރުމަށްފަހު އެ އަންހެން ކުއްޖާއަށް ޝުކުރު އަދާ ކުރިއެވެ. އޮޅުން ފިލުވި އިރު އެއީ ރިޒާ މެންނާއި ތިމާގެ ކުއްޖެކެވެ. ނަމަކީ މުރުޝިދާއެވެ. ސީމާމެން އެއްގަމަށް ގެނެސް ދިނުމަށްފަހު މުރުޝިދާ އަނެއްކާވެސް މޫދަށް އެރި ކަނޑުގައި ތިބި އެހެން މީހުންނަށް އެހީތެރިވެދެމުން ދިޔައެވެ.

މިންނާއަށް އެނާގެ މަންމަ، އާބިދާ ފެނުނީ އެއްގަމަށް އެރިފަހުންނެވެ. އޭރު އާބިދާ އޭނާގެ އަންހެން ދަރި ނުފެނިގެން ރޮއެރޮއެ ގޮސް ހަލާކުވަނީއެވެ. މިންނާ ފެނުމާއެކީ އެ ތުއްތު ކުއްޖާގެ އުރާލަމުން މޫނުގައި އާބިދާ ބޮސްދިނެވެ. އަދި ކާކާއި އެކީތޯ ހުރީ ސުވާލުކުރުމުން މިންނާގެ އިނގިލި ސީމާއަށް އިޝާރާތް ކުރިއެވެ. ވަރުބަލި ވެފައިވާ ހާލުގައި އޭރު ގޮނޑުދޮށުގެ ވެލިގަނޑު މައްޗަށް ސީމާ ތިރިވަނީއެވެ. އަވަސް ފިޔަވަޅުތަކެއްގައި އާބިދާ އައިސް ސީމާއަށް އެހީތެރިވެދެމުން މިންނާ ހިމާޔަތް ކޮށްދިނީތީ ސީމާއަށް ފަށްފަށުން ޝުކުރު އަދާކުރިއެވެ.

ރަށުތެރޭގައި އަންހެންވެރިން ރުއިމުގެ އަޑު ގުގުމަމުން ދިޔައެވެ. އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. ބައެއް އާއިލާތަކުން ވަކިވެގެން ދިޔަ މީހުންގެ ފުރާނަނެތް މަސްގަނޑުގައި ބައްދަމުން ރޮމުން ދިޔައެވެ. އަނެއްބަޔަކު ތިބީ ގަބުއަރާފައެވެ. ފާރުބުޑުތަކަށް ލަށްވެފައި ތިބި އިރު އެމީހުންގެ ހަށިން ފުރާނަ ވަކިވެފައިވާ ބަޔަކު ފަދައެވެ. އެއީ ކޮންފަދަ ހިތްދަތި މަންޒަރެއް ހެއްޔެވެ. ސީމާއަށް މި ފެންނަމުން ދިޔަ މަންޒަރުތަކުން ހިތް ކުދިކުދި ވަމުން ދިޔައެވެ.

ރަށުގައި އެއްވެ ތިބި އެންމެންގެ ތެރެއަށް ނުކުމެ ރަނާ ހޯދަން ސީމާ ތެޅިގަތެވެ. ޅަފުރައިގެ ކުދިންތަކުގެ ތެރެއިން ލުޔޫނާ ފެނުމުން ސީމާއަށް ހިތްހަމަޖެހުމެއް ލިބުނެވެ. ލުޔޫނާ ގާތު ރަނާ ކޮބާތޯ އަހާލަން ދިޔައީ އަލިމަގެއް ފެންނާނެ ކަމުގެ އުއްމީދުގައެވެ. ސީމާއަށް ބަހެއް ނުބުނެވެނީސް ލުޔޫނާ ސުވާލު ކޮށްލިއެވެ. "ސީމައްތާ!... ކޮބާ ރަނާ؟..." ސީމާއަށް ހުރިތަނަށް ތިރިވެވުނެވެ. ލުޔޫނާއަށް ވެސް ރަނާ ނުފެނިގެން އުޅޭކަން އެނގުމުން ސީމާއަށް އެހީތެރިވުމަށް އަވަސްވެގަތެވެ. ލުޔޫނާގެ އާއިލާ މީހުންގެ އެހީގައި ރަށުތެރޭގައި ރަނާ ހޯދުމުގެ މަސައްކަތް ފަށައިގަތީ އެއެންމެންގެ ތެރޭގައި ރަނާ ނެތްކަން ކަށަވަރު ވުމުންނެވެ. ބުނެދޭން ނޭނގޭފަދަ ބިރުވެރިކަމެއް ސީމާގެ ހިތުގައި ވަނީ އަށަގެންފައެވެ. ރަނާ މަރުވީ ބަވައޭ ހިތަށް އެރިއެއްކަމަކު އެ ހިޔާލާ ދުރަށްދާން ވަރަށް މަސައްކަތްކުރިއެވެ.

ރަށުތެރޭގައި ތިބި އެންމެންގެ މޫނުމަތިން އުދާސްކަން ފެންނަމުން ދިޔައެވެ. ރަށުގެ ގިނަ ގެތައް ވަނީ ބިމާ ހަމައަށް ކުދިކުދި ވެގެން ފައިބާފައެވެ. އެ ބާރު އޮއިވަރުގައި ޖެހި ރަށުގެ އެތައް ގެއެއް ފުނޑިގެން ދިޔައިރު ގެއްލުން ނުލިބޭ އެކަކުވެސް ނެތެވެ. ފާރުތައް ވެއްޓުނެވެ. ގޭގޭގެ އެތެރެއިންނާއި ބޭރުން ވެސް ފެންނަން ހުރީ ހަލާކުގެ ހިތްދަތި މަންޒަރުތަކެވެ. ފުރާޅުތައް އެއްލާލިއެވެ. އިމާރާތްތަކުގެ ދަށުން ބިންގަނޑު ދަމައިގަތެވެ. ހިފާ ގެންގުޅޭ ސާމާނު ހުރީ އޮޔާ ގޮސް ކުނިބުނީގެ ފުނިތަކަކަށް ވެފައެވެ. ފަޅު ތެރޭގައި ހުރި ދޯނިތައް ރާޅާ އެކު އެއްގަމަށް އެރިއެވެ.

ރަށުގެ އެއްބަޔަކު އޮޔާ ކަނޑަށް ދަމައިގަތަސް ގެމެންދޫއިން ހަމީހުން މަރުވިިއެވެ. ވެއްޓުނު ކޮންކްރީޓް ގަނޑެއްގެ ދަށުވެ މީހުން މަރުވެ އަދި ކިތަންމެ ބަޔަކު ޒަޚަމްވިއެވެ. މުޅިރަށުގައި އަތްފުނާ އެޅިއިރުވެސް ރަނާއާއި ޝާޔާއެއް ނުފެނުނެވެ.

އެ ރާޅުގަނޑަށްފަހު މުވާސަލާތީ އެއްވެސް ޚިދުމަތެއް ނުލިބެއެވެ. ކައިރީ ހުރި ރަށްރަށުން އެހީތެރިކަމެއްގެ އަތެއް ފޯރާތޯ ރަށުގެ ސެޓުން ގުޅޭތޯ މަސައްކަތް ކުރި ނަމަވެސް ރާޅުގަނޑުގެ ސަބަބުން ހުރިހާ ސާމާނެއްވަނީ ހަލާކުވެފައެވެ. ރަށުގެ ބޮޑުންގެ މީހުން އެދުނުގޮތަށް އެންމެންވެސް މަޑުކުރީ އެހެން މަގެއް ފެންނާނެ ގޮތެއް ބެލުމަށެވެ. އެންމެފަހުން ރަށުގައި ސަލާމަތުން އޮތް ދޯނިން ޒަޚަމްވެފައި ތިބި މީހުންނާއި އެކީ ކުޑަހުވަދޫއަށް ފުރިއެވެ. ގެމެންދޫއިން ކުޑަހުވަދޫއަށް ދިޔަ ދޯނީގައި ތިބި މީހުން ދިން މަޢުލޫމާތަށް ރަށުގައި މަޑުކޮށްގެން ތިބޭތާ 3 ގަޑިއިރު ތެރޭގައި ސިފައިންނާއި އާންމުންގެ ޓީމްތަކެއް ރަށަށް އައެވެ. މިވަގުތަށް ބޭނުންވާނެ މުހިއްމު ސާމާނުތަކާއިއެކީ އައިސް އަނިޔާވެފައި ތިބި މީހުންނަށް ފަރުވާ ދިނުމުގައި އެމީހުން އުޅުނެވެ.

ސީމާ ހުރީ ރިޒާއާއި ބައްދަލުކުރަން ވަރަށް ބޭނުންވެފައެވެ. މީހުން ކުރާ ސުވާލުތަކުގެ އަޑުވެސް އޭނާއަށް ނީވޭ ކަހަލައެވެ. ހީވަނީ މަންމަނެއް ހެންނެވެ. ރަށުން ފޭބުމަށް ސިފައިން ބުނުމުންވެސް އެކަމަށް އެއްބަސް ނުވާ މަދު ބަޔަކު ތިބިއިރު އޭގެތެރޭގައި ސީމާވެސް ހިމެނެއެވެ. ރަނާ ނުފެންނަނީސް ކުޑަހުވަދޫއަށް ދާން އޭނަ ބޭނުމެއް ނޫނެވެ. ކުޑަކުއްޖަކު ފަދައިން ރަނާ ހޯދުމަށް އާދޭސްކުރަމުން ދިޔައެވެ. ރަށުގެ ބައެއްމީހުން ކުޑަހުވަދޫއަށް ދާން އެއްބަސް ނުވީ މުޅި ދިރިއުޅުން ހޭދަކުރި އުފަންރަށް ދޫކޮށްފައި އެހެން ރަށަކަށް ހިޖުރަކުރަން ބޭނުން ނުވާތީއެވެ. ނަމަވެސް އެ ޚިޔާލު ބަދަލުވާން ހިނދުކޮޅެއްވެސް ނުނެގިއެވެ.

ރަށުގެ އެތަން މިތަނުން ބިންގަނޑު ކަނޑައިގެން ގޮސް އާރެއްހެން ފެން އަރަން ފެށިއެވެ. ރަށުގެ ބައެއް ސަރަހައްދުތަކުން ފަސްގަނޑު ގަނބަމުން ދިޔައެވެ. އެހިސާބުން ރަށުގައި ދިރިއުޅުމަކީ ނާދިރުކަމެއް ގޮތުގައި ނިންމާ ބޯހަރުކަން މަތީ ތިބި އެންމެން ކުޑަހުވަދޫއަށް ބަދަލުވާން އެއްބަސް ވިއެވެ.

- ނުނިމޭ -