ހިތްނުތަވަސްވާ ގިނަ ވަގުތުތައް އިކާން ހޭދަކުރަނީ އެޓެރަހުގައެވެ. ޓެރަސްއަށް ނުކުމެވެން ހުރި ކެހޭ ދޮރު ހުޅުވާލި ވަގުތު އޭނާގެ ފައިދަށުން ބިިންގަނޑު ދެމިގަތް ކަހަލައެވެ. މުޅިތަން ވަނީ ޒީނަތްތެރިކޮށްފައެވެ. އެކި ކުލައިގެ ބޮކިތަކުންނާ ފުއްޕާ ހަންތަކުންނެވެ. ދުރުގައި ވާ ބެނާއަށް އިކާންގެ ނަޒަރު ހުސްކޮށްލެވުނެވެ.

"ގޮއިން ޓު ބީ އަ ޑޭޑް..."

ޓެރަސް ތެރޭ ތިބި އެންމެން ތިބީ ހުއްޓުން އަރާފައެވެ. އެކަކަށް ވެސް ބަހެއް ބުނާކަށް ނުކެރުނެވެ. އިކާންގެ ކޮޓަރި ތެރޭ ހިނގި ހުރިހާ ކަމެއް ބޭރުގައި ތިބި މީހުންނަށް އަޑު އިވުނެވެ. ރޭގަނޑުގެ ވަގުތެއް ކަމުން އެ ކެހޭ ދޮރުން އިކާނަށް ބޭރު ނުފެނުނަސް ޓެރަސްގައި ތިބި އެންމެންނަށް އެކޮޓަރި ތެރޭ ހިނގި ކަންތައް ސާފުކޮށް ފެނުނެވެ.

ތާރާ އިނީ ޓައިލްސް މައްޗަށް ތިރިވެގެން ރޯށެވެ. ތާރާއާ ވާހަކަ ދައްކަމުން އުލްފާ މަސައްކަތް ކުރަމުން ދިޔައީ އޭނާ ހުއްޓުވޭ ތޯއެވެ. ތާރާގެ ގާތުގައި ހުރި އާތިފް އިކާނާ ދިމާއަށް ބަލާލުމުން އިކާން މަޑުމަޑުން އިސް ޖަހާލީ ކުށްވެރިއަކު ފަދައިންނެވެ. އާތިފް ބާރު ހިނގުމެއްގައި އިކާނާ ދިމާއަށް އަންނަތަން ފެށުމުން އިކާން ލަދުން ދެލޯ މަރާލިއެވެ.

ހުރިހާ ކަމެއް މި ފަޅާއެރީ ވަރަށް ނުބައި ދަނޑިވަޅެއްގައެވެ. މީހުންގެ ފަރާތުން މަލާމާތާ ނަފްރަތާ ރުޅިވެރި ބަސްތައް ރައްދުވާނެ ކަން އިކާނަށް އެނގުނެވެ. އިކާން ކައިރިން ރެކިގެން އާތިފް ވަނީ އެކޮޓަރި ތެރެއަށެވެ. ޓެރަސްގައި ތިބި މީހުން ފެނި ގަބުއަރާފައި ހުރި ޒުމްރާ ވެސް ހުރީ ހަދާނެ ގޮތް ހުސްވެފައެވެ.

ގައިގާ ހުރި ބާރެއްލާފަ ޒުމްރާގެ ކަންކަށިމަތީގައި އާތިފް ޖެހިއެވެ. "ކަލޭގެހުރި ގޮތް ކުޑަކަން... މަ ހިއެއް ނުކުރަން ކަލޭ މިހާ ދަށު ދަރަޖައަށް ވެއްޓި ދާނެއެކޭ... އަހަރެން ކަލެއާ އެކީ އެންމެ ސިކުންތަކު ވެސް އުޅޭކަށް ބޭނުމެއް ނޫން.. ކަލޭ ތި ހުރީ ވަރި ކޮށްފަ..." އާތިފް އެނބުރި ބަލާލީ ތާރާއާ ދިމާއަށެވެ. އޭރުވެސް ތާރާ އަޑުން އަޑުނަގާ ރޮމުން ދިޔައިރު އެތާ ތިބި އެކަކަށް ވެސް ބުނާނެ އެއްޗެއް ނޭނގުނެވެ.

އިކާން ކުރިއަށް ފިޔަވަޅެއް އެޅީ ތާރާ ކައިރިއަށް ދާށެވެ. އެ މަންޒަރު ފެނި ތާރާގެ އަތް އިކާނާ ދިމާއަށް ދިއްކުރަމުން އޭނާ ތެދުވަން މަސައްކަތް ކުރިއެވެ. "ހަބަރުދާރު.. އެންމެ ބަހެއް ވެސް އަޑު އަހާކަށް މަ ބޭނުމެއް ނޫން.. އަހަރެން ބޭނުމީ އިކާންގެ ހަޔާތުން ދުރަށް ދާން... އިކާނާ އެކީ އަހަންނަށް ދުވަހަކު ވެސް ނޫޅެވޭނެ.. މައާފެއް ވެސް ނުކުރެވޭނެ... ބައްޕާ ހިނގާ ދާން... އަހަރެން ބޭނުމީ މިތަނުން ދާން..." ރޮމުން ތާރާ ވާހަކަ ދައްކަމުން ދިޔައިރު އޭނާއަށް ގިސްލެވެއެވެ.

ތާރާ ކޮޅަށް ތެދުވީ އުލްފާގެ އަތުގައި ހިފަހައްޓައިގެންނެވެ. އިސްޖަހައިގެން ހުރި އިކާންގެ ލޮލުން ކަރުނަ އޮހެމުން ދިޔައިރު ތާރާދެކެ ލޯބި ވިޔަސް ތާރާ ހޯދަން މަސައްކަތް ކުރާނެހާ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. މިއަދު އޭނާއަކީ ބޭވަފާތެރިއެއް ކަން ހާމަވެއްޖެއެވެ. ސައްތާރާއި އާމިރާ އިސް ޖަހާލިއެވެ. އިކާނާ ޒުމްރާގެ ކުޅިގަނޑު ފަޅާއެރި އިރު އެމީހުން ވެސް ލަދުގަތެވެ.

ރޮމުން އިކާންގެ އަތުގައި ހިފާ ތަޅުވާލަމުން އަލީޝާ ވާހަދެއްކީ އޭނާއަށް އެ ފެނުނު މަންޒަރު ގަބޫލު ނުކުރެވުނީމައެވެ. "ދޮންބޭ... ބުނޭ އެއީ ދޮގެކޭ... ދޮންބޭ... ޕްލީސް.. ތާރާ އެ ދަނީ... ތާރާ ހުއްޓުވާ..."

އާތިފް ބޭނުންވި ވަރަށް އެއްޗެހި ނުކިއީ ތާރާ ހުރި ހާލަތާ މެދު ވިސްނާފައެވެ. އިކާނާއި ޒުމްރާއާ ދިމާއަށް މޫނު ކުނިކޮށްލަމުން އާތިފް އެތަނުން ނިކުންނަން ހިނގައިގަތެވެ. އާތިފްއާ އެކީ ތާރާ ނިކުތީ އޭނާގެ ގެއަށް ދާށެވެ. އެ ތަނަށް އައިސް ތިބި އާއިލާގެ މެންބަރުންނާ ރަހްމަތްތެރިން ނިކުމެގެން ދިޔައިރު ވެސް އިކާންއާއި ޒުމްރާ އެ ހުރި ފިޔަވަޅުމަތީ ހުއްޓުން އަރާފައި ތިބީއެވެ. ޒުމްރާ އޭނާގެ ކޯތާފަތުގައި އަތް ހާކާލަމު ދޮރާ ދިމާއަށް މިސްރާބު ޖެހިއެވެ.

"އާތިފް.. ކީއްވެ އަހަރެން ވަރި ކޮށްލީ... އަހަރެން ވަރި ކޮށްލީ.. މިއަދު އަހަރެން ބާކީވީ... މިހުރިހާ ކަމެއް މިވީ އޭނައާ ހެދި... އޭނައާ ހެދި..." ކުދިކިޔާ ޒާތަށް ވާހަކަ ދައްކަމުން ޒުމްރާ ވެސް އެ އެޕާޓްމަންޓުން ނިކުތެވެ. ނިކުމެ ތިރިއަށް ދާން އޭނާ ލިފްޓަށް އެރިއިރު އޭނާ ހުރީ ހަމައިގައެއް ނޫނެވެ.

ދުވަމުން ކަހަލަ ގޮތަކަށް ޒުމްރާ ލިފްޓުން ނިކުތީ ތާރާމެން ކޮބައިތޯ ބަލާށެވެ. މަގުގެ އެއްފަރާތުގައި އޮތް ކާރަށް ތާރާއާއި އާތިފް އެރި މަންޒަރު ފެނުމުން ޒުމްރާ ދުއްވައިގަތެވެ. "އަހަރެން ކަލޭ މަރާލާނަން... ކަލެއާ ކަލޭގެ އަމަޔާ ހެދި މަގޭ ދިރިއުޅުން މި ހަލާކުވީ..." ދުވެފައި ޒުމްރާ ނިކުތީ ކަރު ބުޑުން ހަޅޭއް ލަވަމުންނެވެ.

ކާރުގެ ފަހަތު ސީޓުގައި އިން ތާރާއަށް ޒުމްރާ އަންނަތަން ފެނުމުން އާތިފްއަށް ގޮވާލިއެވެ. މަގުގެ މެދާ ހަމައަށް ޒުމްރާ ނިކުތް ވަގުތު އެމަގުން ދުއްވާފައި އައި ޕިކަޕެއްގައި ޖެހި ޒުމްރާ ވިއްސައިގެން ދިޔަ މަންޒަރު ފެނުމުން ތާރާ ހަޅޭއްލަވައިގަތެވެ.

*** *** *** *** *** ***

ގަބުވެފައި ހުރި އިކާނަށް ހޭވެރިކަމެއްވީ ސައިރެންގެ އަޑަށެވެ. އެ އެމްބިއުލަންސް މަޑުކޮށްގެން އެއޮތީ އިކާންމެން ގޭ ކައިރިއަށް ކަން އެނގުމުން ޓެރަސްގެ ރޭލިންގް ދަގަނޑުގަނޑާ ދިމާއަށް އިކާން ޖެހިލީ ވެގެން އުޅެނީ ކީއްތޯ ބަލާށެވެ. އެގޭ ކުރިމައްޗަށް އެތައް ބައެއް އެއްވެގެން އުޅޭތަން ފެނުމުން އިކާންގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. ތާރާއަށް ކަމެއް ވީބާއޭ ހީވުމުން އިކާނަށް އެތާކު މަޑެއް ނުކުރެވުނެވެ. ތިރިއަށް ދާން ދުއްވައިގަތެވެ.

ގެއިން ނިކުތް އިރު މަގުމަތީ ތިބި މީހުން އިކާނާ ދިމާއަށް ބަލަމުން ދިޔަކަން އޭނާއަށް ފާހަގަވިއެވެ. އެތާ އެއްވެފައި ތިބި މީހުންނަށް ވެގެން އުޅޭ ކަންތައް އެނގޭ ކަހަލައެވެ. އެންމެންގެ ނަޒަރު އިކާނަށް އަމާޒުވެފައިވާ އިރު އެ އެންމެން އޭނާއަށް މަލާމަތް ކުރަމުން ދަނީއޭ އިކާނަށް ހީވިއެވެ. މީހުންގެ މޫނުތަކަށް ބަލަމުން މަޑު ފިޔަވަޅުތަކެއްގައި އިކާން ކުރިއަށް ދިޔައެވެ. އޭނާ މަސައްކަތް ކުރީ އެ އެންމެންގެ ތެރެއިން ތާރާގެ މޫނު ފެނޭތޯއެވެ.

ލެއިން ތަތްތެޅިފައި އޮތް ޒުމްރާގެ ހަށިގަނޑު އެމްބިއުލަންސަށް ލީތަން ފެނުމުން އިކާންގެ ދެލޯ ބޮޑުވިއެވެ. ތާރާ ކޮބާތޯ ބަލަން އޭނާގެ ކަޅި ވަށައިގެންވާ މީހުންގެ މޫނުތަކަށް ހިންގާލިއެވެ. އެމްބިއުލަންސް ކައިރީ ތާރާއާއި އާތިފް ތިބި ތަން ފެނުމުން އިކާންގެ ފިޔަވަޅު މަޑުމަޑުން ފަހަތަށް އެޅިއެވެ. ފަހަށް ޖެހެމުން ޖެހެމުން ދިޔައިރުވެސް އިކާންގެ ކަޅި އަމާޒްވެފައި ވަނީ ތާރާއަށެވެ. މީހުންތަކުގެ ތެރެއިން ދުރަށް ޖެހެމުން ދިޔަވަރަކަށް އޭނާގެ ލޯމަތިން ތާރާ ގެއްލެންދެން ބަލަން ހުރެވުނީ ތާރާ ދެން ދުވަހަކު ވެސް ނުފެންނާނޭ އިކާންގެ ހިތަށް އެރުމުންނެވެ.

*** *** *** *** *** ***

"އިކާން... އޭ... އިކާން ހޯދަން ބުނި އިންފޮމޭޝަން ލިބިއްޖެ..." ސްޓޫޑިއޯ ތެރޭގައި ހުރި ސާމާނުތައް ފޮށިތަކަށް އަޅާ ބަންދުކުރަން އިން އިކާން ކޮޅަށް ތެދުވެ ފިޒާމާ ދިމާއަށް ބަލާލިއެވެ.

"ތާރާމެން މިހާރު އުޅެނީ މެލޭޝިޔާގަ... މިހާރު ވިހަން ވަރަށް ކައިރިވެފަ ހުރީ... އުލްފާ ކައިރީ ވަރަށް އާދޭސްކޮށްގެން ތާރާ ހުރި ތަން ކިޔައި ދިނީ.. ދެން ޒުމްރާ... އޭނާ ވީ ގުރައިދޫގަ..."

"ފިޒާމް... ތޭންކްސް އަލޮޓް... ފިޒާމް ކަހަލަ ރައްޓެއްސެއް ނުލިބޭނެ... އަހަރެންނަށް ވިސްނައިދީ ހިތްވަރުދީ ނަސޭހަތްދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ... ދުވަހަކު ވެސް ފިޒާމްގެ ތި އެހީތެރިކަން އަހަރެން ހަނދާން ނައްތައެއް ނުލާނަން... އަހަރެން ބޭނުން ޒުމްރާއާ ބައްދަލުކޮށްލަން ދާން... މަންމަގެ ރަށަށް އަހަރެން ބަދަލުވުމުގެ ކުރިން ޒުމްރާއާ ވާހަކަ ދައްކާލަން ވަރަށް ބޭނުން..." ފޮށިގަނޑުތައް ބަންދުކުރަން މޭޒުމަތީ އޮތް ޓޭޕްރޯލް ނަގަމުން އިކާން ވާހަކަ ދެއްކިއެވެ.

"ތާރާއާ މީޓެއް ނުކުރާނަންތަ؟... އޭނާ ވިހަން ވާއިރަށް މެލޭޝިޔާއަށް ދަމާ... އެކޮޅަށް ދިއުމުގެ ކަންތައް އަހަރެން ހަމަޖައްސައި ދީފާނަން..." ހަތް މަސް ވޭތުވެދިޔަ އިރު އިކާނަށް އައިސްފައިވާ ބަދަލު އެންމެ ގާތުން ފެނިފައި ވަނީ ފިޒާމަށެވެ. ތާރާދެކެ އިކާންވާ ލޯބި އެންމެ ރަނގަޅަށް އެނގޭ އެކަކީވެސް އެއީއެވެ.

"ނޫން... އަހަންނަކަށް ނުކެރޭނެ ތާރާއާ ކުރިމަތިލާކަށް... ތާރާ ދެއްކި ވާހަކަތައް އަހަރެން ހަނދާން އެބަހުރި... އޭނަ އަހަރެން ދެކޭކަށް ބޭނުމެއް ނޫން..." ފޮށިތަކުގައި ޓޭޕް އަޅާ ނިންމާލުމަށްފަހު ގޮނޑީގައި އިށީނދެ އިކާން ހަމަޖެހިލިއެވެ. ފޯނުގެ ސްކްރީން އޮންކޮށްލުމަށްފަހު ސްކްރީންގައިވާ އިކާނާ ތާރާގެ ކައިވެނީގެ ފޮޓޯއަށް ބަލަން އިނދެ އިކާންގެ އަތުން އެ ތަސްވީރުގައި ފިރުމާލެވުނެވެ. އެންމެ ފަހު ފަހަރަށް ތާރާއާ އިކާނާ ދެމެދު ދެކެވުނު ވާހަކަތައް އިކާންގެ ސިކުނޑި ތެރޭގައި ވަށާލިއެވެ.

- ނުނިމޭ -