އެރޭގެ ހާއްސަ ކެއުމަށް ރިޒަވޭޝަން ހައްދާފައިވާ ރެސްޓޯރަންޓަކީ މާލޭގައި ހުރިއެންމެ ފެންވަރު ރަނގަޅު އެއް ރެސްޓޯރަންޓެވެ. އެތަނަށް ދެވުމުން އިކާނަށް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް އިހްސާސް ވަމުން ދިޔައެވެ. ވަށައިގެން ވާ ގޮނޑިތަކަށް އިކާން ބަލަމުން ދިޔައީ އެތަނުގައި ޒުމްރާ ހުރެދާނެތީއެވެ. ކެއުމަށް އިންސާފް ކުރަމުން ދިޔައިރު ދިރިއުޅުމާ ބެހޭގޮތުން އެކި ކަހަލަ ވާހަކަތައް ތާރާ ދައްކަމުން ދިޔައެވެ. އެ ވާހަކަތަކަށް އިކާންގެ ސަމާލުކަން ނެތްކަން ތާރާއަށް އެނގުނެވެ. ފަހަކަށް އައިސް އިކާންގެ ފަރާތުން މިފަދަ އެތައްކަމެއް ތާރާއަށް ފާހަގަވި ނަމަވެސް އެކަންކަމާ ބެހޭގޮތުން ޝަކުވާކުރުމަކީ ތާރާ ކުރާކަމެއް ނޫނެވެ. އިކާންގެ ކެރިއަރގައި ދިމާވަމުންދާ ހުރަސްތަކުގެ ވާހަކަތައް އިކާން ހިއްސާނުކުރިއަސް އެއީ ތާރާއަށް އިނގޭ ކަންކަމެވެ.
އިކާން ބޭނުންވީ ބިލް ދައްކާލުމަށް ފަހު އަވަހަށް ގެއަށް ދާށެވެ. ނަމަވެސް އެވަގުތު ތާރާ ފާޙާނާއަށް ދާން ޖެހެތީ އެބައަންނަމޭ ބުނެ ފާޙާނާ ހުރި ދިމާއަށް އަވަސްވެގަތެވެ. ފޯނުން ގަޑިއަށް ބަލަބަލާ އިކާނަށް އިނދެވުނީ އެތާގައި އިންނަން އުނދަގޫވިއެވެ. އެ ރެސްޓޯރަންޓަކީ ޒުމްރާ ވެސް ވަރަށް ގިނައިން އައިސް ހަދާ ރެސްޓޯރަންޓެއް ކަން އިކާނަށް ވަނީ އެނގިފައެވެ. ރެސްޓޯރަންޓަށް ވަންނަ ހުރި ދޮރު ހުޅުވޭ ކޮންމެ ފަހަރަކު އެ ދިމާއަށް އިކާންގެ ނަޒަރު ހުއްޓެނީ އެއީ ޒުމްރާއަށް ވެދާނެ ކަމަށް ޝައްކުވާތީއެވެ.
ޒުމްރާ ދައްކަމުން އަންނަ ވާހަކަތަކަށް އިކާން ވިސްނަމުން ދާތާ މަހެއްހާ ދުވަސްވީއެވެ. އެކަމުން އިކާންގެ ދިރިއުޅުމަށާއި މިޒާޖަށް އަންނަމުން ދިިޔަ ބަދަލުތައް އެންމެ ގާތުން ފެންނަ އެކަކީ ތާރާއެވެ. މޫނު ބަލާ ލޯގަނޑު ކުރިމަތީ ހުރެ ތާރާގެ އަތް ދަބަސް ހުޅުވާލުމަށްފަހު އޭގެން ލިޕްސްޓިކްއެއް ނަގާ ތުންފަތުގައި އެ ކުލަ ފާއްދާލިއެވެ. ދެތުންފަތް ދެތުންފަތާ ހާކާލުމަށްފަހު އިކާން ގާތަށް ދާން ތާރާ އަވަސްވެގަތެވެ. ފާޙާނާއިން ނިކުތް ތާރާގެ ފިޔަވަޅު ހުއްޓުމަކަށް އައީ ދުރުގައި ހުރި މޭޒު ކައިރީ ތިބި އަންހެނުންތަކެއްގެ ތެރެއިން އަންހެނެއް އިކާން ހުރި މޭޒާ ދިމާއަށް މިސްރާބު ޖެހުމުންނެވެ. ތާރާއަށް އެ ހުރި ފިޔަވަޅު މަތީ މަޑުކޮށްގެން ހުރެވުނީ ކީއްވެ ކަމެއް ނޭނގުނެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނޭޅުނެވެ.
އަތުގެ އިނގިލިތަކުން މޭޒުމަތީ ފުއްޓަކި ޖަހާލަ ޖަހާލަ އިން އިކާނަށް ސިހުމެއްވީ އޭނާގެ ކޮނޑުގައި މީހަކު ހިފާލުމުންނެވެ. "ހިނގާ ދާން... ހާދަ ލަސްވީ..." އިކާން ވާހަކަ ދެއްކީ އެއީ ތާރާ ކަމަށެވެ. އިކާންގެ ސުވާލަށްފަހު އިވިގެން ދިޔަ އެ ހިނިގަނޑު ކަންފަތުގައި ޖެހުމުން އެއީ ކާކުކަން ދެނެގަންނަން އިކާނަކަށް ދައްޗެއް ނުވިއެވެ.
"ޒިވީ... މިތާ ކީއްކުރަނީ؟..." އިކާނަށް ލިބުނު ހައިރާން ކަމުން ބުނެވުނީ އެވަރަށެވެ. އިކާންގެ ގާތުގައި ހުރި ހުސްގޮނޑީގައި އިށީންނަމުން ޒިވީ ވާހަކަ ފެށިއެވެ. "ފްރެންޑްސްއުންނާއެކީ ޑިނަރއަކަށް މިއައީ... އިކާން ފެނުނީމަ ވާހަކަ ދައްކާލާނިއްޔޭ ހިތަށް އެރީ..." މޭޒުމަތީ ހުރި ފެންތަށި ތުނބުގައި ޖަހާލަމުން އިކާން ނިތްއަރުވާލަމުން ހޫން އޭ ބުނެލީ ޒިވީގެ ވާހަކަ ކުރިޔަށް ގެނދާށޭ ބުނާ ފަދައަކުންނެވެ. "އަސްލު... އެއްކަލަ ދުވަހު ދަޅެއް ކަނޑާލީމެއްނު.. އެއީ ގަސްތުގަ ކުރި ކަމެއް ދޯ..." ހިނިތުންވަމުން ޒިވީ ކޮށްލި ސުވާލުން އިކާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
ފެންތަށި މޭޒުމަތީ ބަހައްޓަމުން އިކާން ވާހަކަ ދެއްކީ ދެއަތަށް ބޯ ހޫރަމުންނެވެ. "ނޫން... ޒިވީއެއް ނުދެކެން.. ދެން ޒިވީ ގަޔަށް ދަޅެއް ކަނޑަންވީ ކޮން ބޭނުމަކު... ހެސްކިޔާފަ ބަވާލީމަ މަށަށް އެނގުނީ އެއީ ޒިވީކަން ވެސް... އަސްލު ވަރަށް ބޮޑަށް ސޮރީ އިނގޭ... ހަމަ ސީރިއަސްކޮށް އަހަރެން ގަސްތުގަ ކުރިކަމެއް ނޫން..." އިކާން ހިނިތުން ވެލަމުން މޭޒުމަތީގައި އަތް ހަރާކާތްކޮށްލިއެވެ.
ފުރުސަތުގެ ބޭނުން ހިފަން ޒިވީ ބޭނުންވިއެވެ. އޭނާގެ ހިތުގައި އުތުރި އަރަމުން ދިޔަ އެތައް ސުވާލުތަކެއްގެ ޖަވާބު އިކާންގެ ފަރާތުން ހޯދަން އޭނާ ބެނުންވެފައި ހުންނަތާ މަސްތަކެއް ވީއެވެ. "އިކާން... އަހަރެން ހިއެއް ނުކުރަން އިކާން އެހާ އަވަހަށް މެރީ ކޮށްފާނެއެކޭ... އެންޑް ވައި ތާރާ؟.."
"ޒިވީ... އަހަރެންނަކީ ފިރިހެނެއް.. ލައިފެއް ފަށަން ބޭނުންވާނެ. ދަރިއަކުވެސް ބޭނުންވާނެ.. ތާރާ ޗޫސް ކުރިއިރު އެއީ ޒިވީއާ ތިމާގެ ކުއްޖެއް ކަމެއް ނޭނގޭ... ޝީޒް ވަރަށް ޑިފަރަންޓް.. އަހަރެންގެ ލައިފަށް އައި ހުރިހާ ކުދިންނާ ކޮންޕެއަރ ކުރިއަސް އެވަރު ކުއްޖެއް އަދި ނާދޭއޭ ބުނެވޭނީ.. ހަމަ ޕާފެކްޓް... ތާރާ ލަވްސް މީ އަލޮޓް.. ޒިވީ ހެދިހެން ނުހަދާނެކަން އިނގޭ.. ސޯ ރައްޓެހިވެގެން މާ ގިނަ ދުވަހު އެއްކޮށް އުޅުމަށްވުރެ މެރީ ކުރުން އަހަންނަށް އިމްޕޯޓަންޓްވީ... ކިތަންމެ ދުވަހެއް އެއްކޮށް އުޅުނަސް މީހެއްގެ ހަގީގަތެއް ނޭނގޭނެ... ނޫންތަ.." އިކާންގެ ވާހަކަ ނިމުނު އިރު ޒިވީއަށް އިސްޖަހާލެވުނެވެ. "
އަހަރެން ހީކުރީ ޔޫ ލަވްޑް މީ ކަމަށް... ޒިވީ އަސްލު މަޑުކުރީ އިކާން މީހަކަށް ވަންދެން.. ބަޓް އިކާން.. ދެން އަޅާ ނުލާ.. ވަރަށް އުފާވެއްޖެ އިކާން ވެސް ތާރާ ވެސް ހެޕީކޮށް އުޅޭތީ..." ގޮނޑިން ތެދުވަމުން ޒިވީ ލައިގެން ހުރި ހެދުމަށް ދަމާލިއެވެ.
"ޒިވީ އަހަރެން ދޫކޮށްލީ އަހަރެން ކަޓު މީހަކަށް ވީމަ... މިއަދު ޒިވީއަށް އަހަރެން ފެނިގެން ތިއުޅެނީ އަހަރެން މަޝްހޫރުވެ ކާމިޔާބު މީހަކަށް ވީމަ ދޯ.. މާދަމާ ވެސް އަހަރެންގެ ކެރިއާރ ހަލާކު ވެއްޖިއްޔާ ޒިވީ ދުވެ ފިލާނެ... ނަސީބެއް ޒިވީއާ މެރީ ނުކުރެވުނުކަން... ތާރާ އެއީ މައި ބެސްޓް ޗޮއިސް... އެކަހަލަ އަންބެއް ނުލިބޭނެ.. އެއީ ރަންގަނޑެއް.." އިކާންގެ ދުލުން ޒިވީއަށް ރައްދުވަމުން ދިޔަ މަލާމާތުގެ ބަސްތައް އަޑުއަހަން ހުންނަން ޒިވީއަކަށް ކެތެއް ނުކުރެވުނެވެ. އިކާންގެ ފަހަތުގައި ހުރި ތާރާ ފެނުމުން ޒިވީގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަ ނަމަވެސް އެކަން ފޮރުވަން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން ޒިވީގެ އެކުވެރިން ތިބި މޭޒާ ދިމާއަށް އަވަސްވެގަތެވެ.
ޒިވީ ދިޔަ ދިމާއަށް ބަލަން ހުރެ ގޮނޑީގައި ތާރާ އިށީނދެ އަތް ދަބަސް ހުޅުވާލިއެވެ. "އައި ހޭވް ސަމްތިންގް ފޯރ ޔޫ..." ދަބަސް ތެރެއިން ނެގި ރިހިކުލައިގެ އަތުގަ އަޅާ ޗޭން އިކާންގެ އަތަށް ދެމުން ތާރާ ދެބުމަ އަރުވާލިއެވެ. އެ ޗޭނުގެ މެދެއްހާ ހިސާބުގައި ލިޔެފައިވާ އައި އަކުރާ ޓީ އަކުރު ރަމްޒުކޮށްދެނީ އެ ދެމަފިރިންގެ ލޯތްބެވެ.
"ވާވް.. ވަރަށް ސަޅި... ތެންކިއު... މީ ކޮން ގިފްޓެއް..." އެއީ ކޮން ދުވަހެއްކަން އިކާން ހަނދާންނެތުނީ ކަން ތާރާއަށް އެނގުނެވެ. "ނޭނގުނު ދޯ... އަހަރެމެންގެ ކައިވެންޏަށް ތިންމަސް ވީއޭ... ހެޕީ އެނިވަރސަރީ މައި ލަވް..." އިކާންގެ އަތުގައި ހިފާލަމުން ތާރާ ވާހަކަ ދެއްކީ ނުހަނު ލޯބިންނެވެ.
"ދެން ހިނގާ ގެއަށް ދާން ދޯ..." ގޮނޑިން ތެދުވެ އަތާ އަތް ގުޅާލައިގެން ދެމީހުން އެ ރެސްޓޯރަންޓުން ނިކުތް މަންޒަރު ބަލަން ޒިވީ އިނީ ހަސަދަވެރިވެފައެވެ.
ދެމީހުންނަށް ގެއަށް އާދެވުނު އިރު ރޭގަނޑު ނުވަގަޑި ބައި ވަނީއެވެ. "ދެން މިރޭ ހިނގާބަލަ އެއްކަލަ ރޭހެން ރޮމޭންޓިކް މޫވީއެއް ބަލަން..." އިކާންގެ ކަރުގައި އަތް އަޅުވާލަމުން ތާރާ ވާހަކަ ދެއްކީ އިކާންގެ މޫނާ ގާތްވަމުންނެވެ.
"މިރޭ ފިލްމެއް ބަލަން މަޑުކޮށްލަން ވަރަށް ބޭނުން... އެކަމަކު ކުއްލި ކަމެއްގަ ސްޓޫޑިއޯއަށް ދާން ޖެހިއްޖެ... މި އަހަރު ބޮޑު އީދުގެ ޝޯވްތަކަށް ރެޑީވާން ކަމަށް މި އުޅެނީ... ފިޒާމްއާ ދެމީހުން އެ ވާހަކައިގަ ތިބެފަ މިއައީ ވެސް... ބޭބީ... މާދަމާ ރޭ މޫވީ ނައިޓަކަށް ހަދާނީ... ވަރަށް ރޮމޭންޓިކް ކޮށް... އިފްޔޫ ވޯންޓް ވީ ކޭން ގޯ ޓު މައި ޕްލޭސް... އެ ޓެރަސްގަ ވަރަށް ސަޅިވާނެ... ކިހިނެއް ވާނީ؟..." ތާރާއަށް ވިސްނައިދޭން އިކާން ބޭނުންވީ އޭނާ ހިތުގައި ޖެހިދާނެތީއެވެ.
އެންމެ ރަނގަޅޭ ބުނެ ތާރާ ހިނިތުންވެލީ އެއްވެސް ޝަކުވާއަކާ ނުލައެވެ. ތާރާގެ މޫނުގައި ހިފާ ގާތްކޮށްލަމުން ތާރާގެ ތުންފަތުގައި އިކާން ބޮސްދިނެވެ. "ހިތްހަމަ ނުޖެހުނީތަ؟... ބޭބީ އައި ލަވްޔޫ... އިނގޭ... ޓުމޯރޯ ނައިޓް އިޓްސް ގޮއިންގް ޓުބީއަ ސްޕެޝަލް ނައިޓް..."
އިކާންގެ މޫނަށް ބަލަން ހުރެ ތާރާ ހިނިތުންވެލަމުން އޯކޭއޭ ބުނެލީ ލަދުރަކި ގޮތަކަށެވެ. ތާރާގެ ލަދުރަކި މިޒާޖަކީ އިކާން އެންމެ ގަޔާވާ އެއް ސިފައެވެ. "އެބައަންނަން ފާޙާނާއަށް ވަދެފަ..." އިކާން ފާޚާނާއަށް ވަންނަން ދަމުން ޖީބުގައިވާ ފޯނާ ވޮލެޓް ނަގާ އެނދުމަތީ ބާއްވަމުން ތާރާގެ ގައިގާ ބައްދާލިއެވެ.
ލޯގަނޑު ކުރިމައްޗަށް ހުއްޓެމުން ތާރާގެ ހަށިގަނޑަށް އޭނާ ބަލާލިއެވެ. ކައިވެންޏަށްފަހު ތާރާގެ ހަށިގަނޑަށް ބަދަލުތަކެއް އައިސްފައިވާ ކަން އޭނާއަށް ފާހަގަވިއެވެ. ކަންފަތުގައި އިން ބޮޅު ނަގަމުން ދިޔަ ވަގުތު ޑްރެސިންގް ޓޭބަލްމަތީ އޮތް ތާރާގެ ފޯނު ރިންގްވިއެވެ. އެކޯލަށް ވާހަކަ ދައްކަމުން އައިސް އެނދުގައި ތާރާ އިށީނެވެ.
"ހެއި... ހައުވޯޒް ޓުނައިޓް..." އުލްފާ އެ ގުޅީ ތާރާއާ ދިމާކޮށްލާށެވެ.
"އިޓްވޯޒް ނައިސް... އިކާނަށް ކަމުދިޔަ އެ ޗޭން... އިނގޭތަ އެއްކަލަ ޒިވީއާ ދިމާވި އެ ރެސްޓޯރަންޓުން... ދިމާވެފަ ކިޔައި ދޭނަން... މިގެއަށް އާދެވޭނެތަ؟..." އިކާން ސްޓޫޑިއޯއަށް ދާން އުޅޭކަން އެނގުމުން ތާރާ ބޭނުންވީ އުލްފާ އެގެއަށް ގެންނާށެވެ.
"މިހާރުތަ... ކުޑަ އިރުކޮޅެއްވެދާނެ.. ޝާމް އައިމަ ދެވޭނީ... ހިނގާފަ ތިހިސާބަށް ނުދެވޭނެ..." ތާރާމެން ގެއަށް ދާން އުލްފާ އެއްބަސްވުމުން ތާރާއަށް ހިތްހަމަޖެހުމެއް ލިބުނެވެ.
"މިރޭ އެބަ އޮތް ވަރަށް ބޮޑު މިޝަންއެއް... އަވަހަށް އާދެބަލަ..." ތާރާ ވާހަކަ ދައްކަމުން ދިޔަ ވަގުތު އެނދުމަތީ އޮތް އިކާންގެ ފޯނު ދިއްލުނުތަން ފެނުމުން އެފޯނުގެ ސްކްރީނަށް ބަލާލަން ތާރާ ކުރިއަށް ގުދުވެލިއެވެ. އެގުޅަނީ ކުރިން ވެސް އިކާނަށް ގުޅަމުން އައި ނަންބަރުންނެވެ. އެކްސް އޯއެވެ.
ތާރާގެ އަތް މަޑުމަޑުން އެފޯނާ ދިމާއަށް ދަތުރުކުރަމުން ދިޔައީ ދަގައްފާނަށް ދަގަނޑު ދަމާފަދަ ބާރަކުންނެވެ. ތާރާ ބޭނުންވީ އެ ފޯނު ކޯލު ނަގާށެވެ. ޒިވީއާ ކުރިމަތިލާ ވާހަކަ ދައްކާށެވެ. ރެސްޓޯރަންޓުން ދިމާވެ އިކާނާ ވާހަކަ ދެއްކުނީމަ ވެސް ޒިވީގެ ހިތް ނުފުރުނީ ހެއްޔެވެ. ފޯނު ނަގަން ހިތަށް އަރުވައިގެން އިން ނަމަވެސް ފާޙާނާގެ ދޮރު ހުޅުވުނު އަޑަށް ތާރާއަށް ފުންމައިގެން އެނދުން ތެދުވެވުނީ ހާސްވެފައި ހުރިވަރުންނެވެ. އިކާން ދިމާއަށް ބަލަން ހުރެ ފޯނަށް ވާހަކަ ދައްކަމުން ތާރާ އިސް ޖަހާލިއެވެ. "އުލް އަވަހަށް އަންނައްޗޭ އިނގޭ ދެން ބޭއްވީ..."
"ބޭބީ... ތެންކިއު ފޯރ ދަ ލަވްލީ ޑިނަރ.. އެންޑް މި ގިފްޓް ވަރަށް ކަމުދޭ..." އިކާންގެ އަތުގައި އާޅާފައިވާ ޗޭން ދައްކާލަމުން އިކާން ވާހަކަ ދެއްކީ ތާރާ ހިތްހަމަޖައްސާދޭށެވެ.
ދެންމެ އައި ކޯލާ ބެހޭގޮތުން ތާރާ ސުވާލު ކުރަން ބޭނުން ވިޔަސް އިކާން ރެސްޓޯރަންޓްގައި ހުރި ޒިވީއަށް ދިން ޖަވާބު ތާރާގެ ކަންފަތުގައި ގުގުމާލިއެވެ. "ޝީޒް ވަރަށް ޑިފަރަންޓް.. އަހަރެންގެ ލައިފަށް އައި ހުރިހާ ކުދިންނާ ކޮންޕެއަރ ކުރިއަސް އެވަރު ކުއްޖެއް އަދި ނާދޭއޭ ބުނެވޭނީ.. ހަމަ ޕާފެކްޓް... ނަސީބެއް ޒިވީއާ މެރީ ނުކުރެވުނުކަން... ތާރާ އެއީ މައި ބެސްޓް ޗޮއިސް... އެކަހަލަ އަންބެއް ނުލިބޭނެ.. އެއީ ރަންގަނޑެއް.." ތާރާއަށް އިކާން ކުރި ތައުރީފް ހަނދާންވުމުން ތާރާއަށް ހިނިތުންވެވުނެވެ. އިކާން ދެކެވާ ލޯބީގެ އަގުވަޒަން ކުރާކަން އެނގުމުން ތާރާ ހިތް އުފަލުން ނަށަމުން ދިޔައެވެ.
"ވަރަށް ލަސްވާނެތަ؟..." އިކާންގެ ގަމީހުގައި އަތް ހާކާލަމުން ތާރާ ސުވާލުކޮށްލިއެވެ. "ކިހިނެއްވީ.. އަވަހަށް އަންނަންވީތަ؟..." އިސްޖަހައިގެން ހުރި ތާރާގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން އިކާން ސުވާލުކޮށްލިއެވެ.
"އިކާން ދިޔައިމަ ތާރާ އެކަނި ވާނެ.. އެހެންވެ އުލްފާއަށް ގުޅައިގެން މީނީ.. އޯކޭތަ އުލްފާ ގެނަޔަސް..." ހުއްދައަކަށް އެދޭ ފަދައިން ތާރާ ވާހަކަ ދެއްކުމުން އިކާންގެ ގާތަށް ހިނިއައެވެ.
"އާން... މައްސަލައެއް ނެތް... އަހަރެން އަންނަމުން ގުޅާލާނަން... ދެން ދަނީ.." ކޮޓަރިން ނިކުމެގެން އިކާން ދިޔުމުން ތާރާ ބޭރަށް ނުކުންނަން އަވަސް ވެގަތެވެ. ބޭރު ދޮރު ކައިރިއަށް އިކާނަށް ދުވުނު އިރު އެތެރެއިން ތާރާ ގޮވާލި އަޑު އިވުމުން އިކާން ފަސް އެނބުރި ބަލާލިއެވެ.
"ފޯނު ހިފައިގެން ދިޔައިމަ ދޯ ގުޅޭނީ..." އެނދުމަތީ ބާއްވާފަ އޮތް އިކާންގެ ފޯނާއި ވޮލެޓް ހިފައިގެން ތާރާ ބޭރަށް ނިކުތީ ހެމުންހެމުންނެވެ.
*** *** *** *** *** ***
ސްޓޫޑިއޯއަށް ވަދެ އިކާން ބޮކި ދިއްލާކަށް ނަހަދައެވެ. އޭސީ ނުނިއްވާ ހުރުމުން އެތަން ހުރީ ކޮންމެވެސް ވަރަކަށް ފިނިކޮށެވެ. ސްޓޫޑިއޯގައި ތިބެފަ ފިޒާމާ އިކާނަށް މިއަދު ނުކުމެވުނީ އޭސީ ނުނިއްވާ ބާއޭ ހިތަށް އެރުމުން އިކާނަށް ދެއަތަށް ބޯ ހޫރާލެވުނެވެ. މޭޒުމަތީ ހުރި ލެޕްޓޮޕް ހުޅުވާލަމުން އޭގެ ސްކްރީން އޮން ކޮށްލީ ފަނޑު އަލިކަމެއްގެ ބޭނުމުގައެވެ. ޒުމްރާއާ ދޭތެރޭ ކަންތައް ކުރާނެ ގޮތަކާ މެދު އިކާން ވިސްނަމުން ދިޔައިރު އޭނާގެ ސިކުނޑި ހީވަނީ ފަޅައިގެން ގޮސްދާނެ ހެންނެވެ.
އިކާންގެ ފޯނު ރިންގްވާން ފެށުމުން އެގުޅަނީ ފިޒާމްކަމަށް ހީކޮށް ފޯނުގެ ސްކްރީނަށް އިކާން ބަލާލިއެވެ. ސްކްރީނަށް ބަލަން އިނުމަށްފަހު އިކާން އެކޯލް ބިޒީ ކޮށްލީ ޒުމްރާއާ ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ. ފޯނު ނަގައިފިއްޔާ އިކާންގެ ބޮލުގެ ރިހުން އިތުރުވުން ނޫންކަމެއް ނުވާނެތީއެވެ. މޭޒުމަތީ ފޯނު ބޭއްވުމަށްފަހު ގޮނޑީގައި ލެނގިލާ ދެއަތުން ބޮލުގައި އިކާން ހިފަހައްޓާލިއެވެ. ފޯނު ނިއްވާލުން ނޫންގޮތެއް ނެތެވެ. އެހެން ނޫނީ ޒުމްރާ ގުޅާ ވަރުން އިކާނަށް އެއްވެސްކަމެއް ނުވާނެކަން ޔަގީނެވެ.
"އިކާން... ވައި އާޔޫ ޑުއިންގް ދިސް..." ފުންމައިގެން އިކާން ގޮނޑިން ތެދުވީ އިކާނާ ދާދި ގާތުން ޒުމްރާގެ އަޑު ޖެހުމުންނެވެ. އިކާންގެ މޭޒު ކުރިމަތީ ހުއްޓިގެން ހުރި ޒުމްރާ ފެނުމުން އިކާންގެ ދެލޯ ބޮޑުވިއެވެ. މޭޒުގައި އެއް އިނގިލި ޖައްސައިގެން ހުރެ އިކާން ގާތަށް މަޑު ފިޔަވަޅުތަކެއްގައި ހިނގާފައި ޒުމްރާ އައީ މޭޒު ވަށާލާފައެވެ. ހުރި ފިޔަވަޅު މަތިން ގުޑިލަންވެސް ނޭނގިފައި އިކާނަށް ބަލަން ހުރެވުނީ ޒުމްރާގެ ކޯލު ދެންމެ ކަނޑަލެވުނު މޮޔައޭ ހީވެފައެވެ.
"ކީއްވެ އަހަރެންގެ ފޯނަށް ޖަވާބު ނުދިނީ.. އިކާން މިތަނަށް އާދޭތޯ އިންތިޒާރުގައި އަހަރެން ހުންނަތާ ކޮންއިރެއް؟.. ވައި އާ ޔޫ އިގްނޯރިން މީ..." ޒުމްރާ ގާތްވަމުން ދިޔަވަރަކަށް އިކާންގެ ފިޔަވަޅު ފަހަތަށް އެޅެމުން ދިޔައެވެ. ކުއްލިއަކަށް ޒުމްރާ އައިސް ސްޓޫޑިއޯއަށް ވަދެފާނެއޭ އިކާންގެ ހިތަކަށް ނާރައެވެ. އިކާނާ ކުރިމަތިލަމުން އިކާންގެ ގަމީހުގެ ގިރުވާނުގައި ޒުމްރާ ހިފިއިރު އޭނާގެ ދެލޯ އަމާޒުވެފައި ވަނީ އިކާންގެ މޫނަށެވެ. އިކާނަށް އުނދަގޫވަމުން ދާތީ ޒުމްރާއާ ދިމާއަށް ނުބަލަން އޭނާގެ ނަޒަރު ދުރަށް ހުސްކޮށްލިއެވެ.
"ކީއްވެތަ އަހަންނާ ވާހަކަ ނުދައްކަނީ؟.. އިކާން ބުނީމެއްނު އަހަރެންދެކެ ލޯބިވެޔޭ؟.. މިހާރު ކޮބާ އެ ލޯބި.. މީ ހަމަ އެ ޒުމްރާ... އިކާން އަޅެ ވާހަކަ ދައްކަބަލަ..." ގަމީހުގެ ގިރުވާނުގައި ހިިފާ ބާރުކޮށްލަމުން ޒުމްރާގެ ގަޔާ ދިމާއަށް އިކާން ދަމައިގަތެވެ. އެކަމަށް ނުވިސްނާ ހުއްޓާ އިކާންގެ ހަށިގަނޑު ޒުމްރާގެ ހަށިގަނޑުގައި ޖެހުމުން އިކާންއަށް ތެޅިގަނެވުނެވެ.
- ނުނިމޭ -