އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ރަފާއަށް އެރުމާ އެމެރިކާއިން ދެކޮޅުކަން ހާމަ ކުރަމުން, އިތުރު ހަތިޔާރާއި ބޮން އަޅާ ބޯޓުތައް އިޒްރޭލަށް ދޭން ނިންމައިފިއެވެ.
ވޮޝިންގްޓަން ޕޯސްޓާއި ރޮއިޓާސް އިން ރިޕޯޓު ކޮށްފައި ވާ ގޮތުން, އެތައް ބިލިއަން ޑޮލަރެއްގެ މި ޕެކޭޖްގައި 900 ކިލޯގެ 1800 ބޮމާއި 200 ކިލޯގެ ބޮމާއި ބޮން އަޅާ ބޯޓުގެ 25 ބޯޓު ދިނުމަށް ވަނީ ނިންމާފައެވެ.
މީގެ ކުރިންވެސް އިޒްރޭލަށް ބޮޑެތި ބޮންތައް ފޯރު ކޮށްދީ މުޅި ގާޒާ ސުންނާފަތި ކުރުމުގައި ބައިވެރިވާ އެމެރިކާއިން މިފަހަރު މިދޭ ހަރިޔާރަކީ ދާދި ފަހުން އިޒްރޭލަށް ދޭން ނިންމި 14 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖްގައި ހިމެނޭ ހަތިޔާރެވެ.
އެމެރިކާ އަކީ އިޒްރޭލަށް އަހަރަކު 3 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ދާއިމީކޮށް ދެމުން އަންނަ ގައުމެއް ވެސް މެއެވެ.
އެމެރިކާއިން މި ހަތިތާރު އިޒްރޭލަށް ފޯރުކޮށް ދެމުން, އަނެއް ފަރާތުން ގެންދަނީ ގާޒާގެ އާންމުން މަރުވާތީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ. ހުއްޓުމެއް ނެތި ހަމަލާ ދޭތާ 6 މަސް ވެގެން ގޮސްފައި ވާ އިރު, 1.5 މިލިއަން މީހުން ބަނޑަށް މަރުވަމުން ދާ ކަމުގެ އިންޒާރު އދ ގެ އިދާރާތަކުން ދެމުން ގެންދާ އިރު މިގޮތަށް ހަތިޔާރު ދީ, އަނެއް ކޮޅުން އާންމުން މަރުވެ ބޮޑެތި ގެއްލުންތައް ލިބެމުންދާ ވާހަކަ އެމެރިކާއިން ދެއްކުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށް މުރާސިލުން ބުނެއެވެ.
އެމެރިކާއިން އިތުރަށް ބުނަމުން ދަނީ, މި ހަތިޔާރު އިޒްރޭލަށް ފޯރުކޮށް ދިން ނަމަވެސް އެއްގަމު މަގުން ރަފާއަށް އަރާ ފުޅާ އޮޕަރޭޝަނެއް ހިންގުމަށް އެގައުމުން ތާއީދު ނުކުރާ ކަމަށެވެ.
މުރާސިލުން ބުނާގޮތުގައި ވައިގެ މަގުން ދޭ ހަމަލާތަކުގައި މަރުވާ މީހުންނާއި ލިބޭ ގެއްލުމަށް ވުރެ, އެއްގަމު މަގުން އަރައިގަނެ ދޭ ހަމަލާތަކުގައި މަރުވާ މީހުންނާއި ލިބޭ ގެއްލުން އިންތިހާއަށް މަތިވާނެއެވެ. އެއްގަމު މަގުން އަރާ ޓޭންކުތަކުން ބަޑިޖަހަން ފެށުމުން ބައިބަޔަށް މީސްތަކުން މަރުވެދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އެމެރިކާއިން އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދޭ މައްސަލައިގައި ފަލަސްތީނުގެ ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށް, އެއްގޮތެއްގައި އެއް ސިޔާސަތެއްގައި އެމެރިކާއަށް ދެމި ނޯވެވޭކަމަށް ބުނެ ފާޑުކިޔާފައެވެ.
މި މައްސަލައިގައި އެމެރިކާ ސަރުކާރު ހިންގާ ޑިމޮކްރެޓިކް ޕާޓީގެ އިސް ބައެއް އޮފިޝަލުންވެސް ބައިޑަން އަށް ފާޑުވިދާޅުވެފައި ވެއެވެ. އެބޭފުޅުން ވިދާޅުވެފައި ވަނީ އިޒްރޭލަށް ފޯރުކޮށް ދޭ ހަތިޔާރު މަދުކުރަން ޖެހޭ ކަމަށާއި އަދި އެކަންވެސް ކުރަން ވާނީ އިޒްރޭލުން ހަނގުރާމަ ކުރިއަށް ގެންދާ ގޮތްތައް ބަލައި ދިރާސާ ކުރުމަށް ފަހު ކަމަށެވެ.
ދާދި ފަހުން އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލެންޓް އެމެރިކާއަށް ކުރި ދަތުރުގައި ވަނީ އިޒްރޭލަށް ބޭނުންވާ އެމެރިކާގެ ހަތިޔާރު ދިގު ލިސްޓެއް އެގައުމާ ހަވާލު ކޮށްފައެވެ.