ޖެހިގެން އޮތް ގަނޑު ހުޅުވާލިއިރު ސީމާއާއި ރަނާާއާއި އެކުގައި ނަގާފައިހުރި ފޮޓޯތައްވެސް ހުއްޓެވެ. އެ ފޮޓޯތަކުގައި ސީމާގެ ބަނޑު ވަރަށް ބޮޑެވެ. ދެމީހުންވެސް ލާފައިހުރީ ގަޔަށްދޫ ކުރުތާއާއި ބެލްސެވެ.
"ތީ ރަނާ ގެއްލުމުގެ 3 ހަފްތާކުރިން އަހަރެެން މާލެ އައިސް ނެގި ފޮޓޯތަކުގެ ތެރެއިން ބައެއް ފޮޓޯ.... ރަނާ ގެއްލުނު ދުވަސް އަދިވެސް އަހަރެން ހަނދާން ހުރޭ.... އެ ދުވަހުގެ ބިރު އަދިވެސް އަހަރެންގެ ހިތުން ފިލައިގެން ނުދޭ... އަހަރެންގެ ހަޔާތުގަވެސް އެކަހަލަ ދުވަހެއް އަދި ނުދެކެން.... އަހަރެން އެންމެ ފަހުން ރަނާއާއި ވާހަކަ ދެއްކީ 25 ޑިސެމްބަރ 2004 ގައި .........
*** *** *** *** *** ***
ދ.ގެމެންދޫ އަކީ ވަރަށް ކުޑަ ރަށެކެވެ. އެ ރަށުގެ ބޮޑުމަގުގެ މެދުގައި ހުރެ ބަލާލައިފިނަމަ ހަތަރު ފަރާތުން ގޮނޑުދޮށް ސާފުކޮށް ފެންނަން އޮންނަ ތިރި ރަށެކެވެ. ރަށުގައި އުޅޭ މީހުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ ދަނޑުވެރިކަމާއި މަސްވެރިކަމެވެ. އެކަހަލަ ކުޑަ ރަށެއްގައި ދަނޑުވެރިކަން ކުރެވޭނީ ކިހިނަކުންހޭ އެއީ އުފެދޭނެ ވަރަށް ބޮޑު ސުވާލެކެވެ. ރަށުުގައި ވަލެއް ނޯންނައިރު އެ ރަށުގައި ހުސް ބިމެއް ނޯވެއެވެ. އެހެން ކަމުން ޤުދުރަތީގޮތުން އެރަށް ވަށައިގެން ގާތްގާތުގައި ހެދިފައިވާ ކުދިކުދި ރަށްތަކަކީ އެމީހުންގެ ދަނޑުތައް ހައްދާ ރަށްތަކެވެ.
ގެމެންދޫގައި ހުރިހާ ގެތަކެއްހެން ހަދާފައި ހުންނަނީ އާދައިގެ ގޮތަކަށެވެ. ގިނަ ގެތަކުގެ މަގު ފާރުވެސް ހުންނަނީ ނުރާނައެވެ. އެހެން ކަމުން ޖެހިގެން ތިބޭ ގެތަކުގެ މީހުން އެކަކު އަނެކަކާ އެކި ކަހަލަ ކަންތަކުގައި އެހީތެރިވެދީ އުޅެއެވެ. ރަށުުގައި އެންމެން މަސައްކަތްކޮށް ހަދަނީ އެކަތިގަނޑެއް ހެންނެވެ. މިރަށުގައި ބައިބައިވެ މައްސަލަ ޖެހިފައި ތިބޭ މީހުންނެއް ނޫޅެއެވެ. އެކުވެރިކަމާއި އެކަކު އަނެކަކަށް އަޅާލުމުގެ މާތް ސިފަތައް އެ ރަށުގެ ކުދިބޮޑު އެންމެންގެ ހަށީީގައި އަށަގެންފައި ވެއެވެ.
ސީމާއަކީ ކުޑަހުވަދޫއަށް އުފަން ކުއްޖެކެވެ. ކުޑަހުވަދޫއަކީ ދާލު އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. ރިޒާއާއި ސީމާ ބައްދަލުވެފައި ވަނީ ކުޑަހުވަދޫގައި ހުންނަ ދ.އަތޮޅު ތަޢުލީމީ މަރުކަޒަށް ރިޒާ ކިޔަވަން ބަދަލު ވުމުންނެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެނީގެ ގޮތުން ގުޅިގެން އެ ދެމީހުން ދިރިއުުޅުން ގެމެންދޫއަށް ބަދަލުކުރީ ރިޒާގެ މަންމަމެންގެ ގާތަށެވެ.
ރިޒާގެ ބައްޕައަކީ ބޮޑު ވިޔަފާރި ވެރިއެކެވެ. ރަށުގައި ފިހާރައެއް ހުޅުވައިގެން މާލޭން މުދާ ގެނެސްގެން ވިއްކައި ހަދައެވެ. ރިޒާގެ އާއިލާގައި ހުންނަނީ ރިޒާއާއި އަދި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ރަނާ އެވެ. ސީމާ އެރަށަށް ބަދަލުވީއިރު ރަނާ ހުރީ އޯލެވެލް އިމްތިހާން ނިންމާފައެވެ. ރަނާ އިތުރަށް ކިޔަވަން ގަސްތު ނުކުރާތީ ރަށު ސްކޫލުގެ އޮފީސް ބައިގައި މަސައްކަތްކުރަން ފެއްޓިއެވެ.
ގޭތެރޭގައި ކުރާ ގިނަ މަސައްކަތްތައް ކުރަނީ ރަނާއާއި ސީމާއާއި ދެމީހުން އެކީގައެވެ. ރަނާގެ މަންމަ ރަށުގެ އެހެން އަންހެން ވެރިންނާ އެކީ ފަޅުރަށްތަކަށް ދަރު ހޮވާށާއި ފަން ހޮވަން ގޮސް އުޅެއެވެ. ފަން ހޮވައިގެން އައިސް ފަންވިދެ އެ ތަކެތި ކައިރީގައި ހުންނަ ރިސޯޓުތަކަށް ވިއްކައެވެ.
ރަނާގެ މަންމައަކީ ހަކުރުބަލި ހުންނަ މީހަކަށް ވަތީ ދޭތެރެ ދޭތެރެއިން ޑޮކްޓަރަށް ދައްކަން މާލެ ދާންޖެހެއެވެ. ޑިސެމްބަރ 20 ވަނަ ދުވަހު މަންމައާއި ބައްޕައާއި އެކު ރިޒާވެސް މަންމަ ޑޮކްޓަރަށް ދައްކަން މާލެއަށް ދިޔައެވެ. ރަށުގައި ތިބީ ރާނާއާއި ސީމާ އެކަންޏެވެ.
ކޮންމެ ދުވަހަކުހެން ސީމާއާއި އެކީ ބަދިގޭގައި މަސައްކަތްކުރަން ރަނާ އެހީތެރިވެދެއެވެ. ޑިސެމްބަރ 25 ވީ ހޮނިހިރު ދުވަހު ގޭގައި ކެއްކީ ދެމީހުންނަށް އެކަންޏެވެ. މަންމަމެން ނެތުމުން އެދުވަސް ވަރަށް ފޫއްސެވެ. ސުފުރާ މަތީގައި ސްޕެގެޓީ ކާން ތިބިއިރު ރަނާގެ ފަރާތުން ތަފާތުކަމެއް ފެނުނެވެ. ސީމާ ދީމާކޮށްލަމުން އަހާލިއެވެ. "ރަނާ.... ކޮންކަމަކާ ތި ވިސްނަނީ؟...."
ސިހިފައި ރަނާ ސީމާއަށް ބަލާލަމުން ޖަވާބު ދިނެވެ. "ކަމެއް ނުވޭ.... ސީމައްތާ.... މިރޭ ލުޔޫއާ އެކީ ބޭރަށް ދާން މިއުޅެނީ... އެންމެ ރަނގަޅުތަ.... އަސްލު ސީމައްތަ އެކަނި ހުރީމާ ދާން އެއްބަސް ނުވެ މިހުރީ...."
ކައި ނިމިގެން ސީމާ ތަށިތައް ނަގަން ފެށިއެވެ. އަދި މޭޒުމަތީހުރި ބާކީ ސްޕެގެތީތައް ތެއްޔަށް އަޅާލިއެވެ. "އެހެންތަ... އޯކޭ ސީމައްތައަށް... ކީއްކުރަން ދަނީ...."
ސީމާ ސުވާލުކޮށްލުމުން ރަނާ ހިނިތުން ވުމަކާއި އެކީ ޖަވާބު ދިނެވެ. "މިރޭ މިދަނީ އެންމެން ލުޔޫމެން ގެޔަށް ފިލްމެއް ބަލަން.... ފިލްމް ބަލާ ނިމޭއިރަށް އަންނާނަން.... ސީމައްތަ ކަމެއް ބޭނުން ވަންޏާ ލުޔޫގެ ފޯނަށް ގުޅާލާ...."
މޭޒުމަތީ ސީމާ އެއްކުރި ތަށިތައް ހިފައިގެން ރަނާ ބަދިގެ ތެރެއަށް މިސްރާބުޖެހީ އެތަށިތައް ދޮންނާށެވެ. ރޭގަނޑު ހަތްގަޑި ސާޅިސްފަހެއް ވީއިރު ސީމާ ހުރީ ފެންޑާ ތެރޭގައި ވާހަކަ ފޮތެއް ކިޔާށެވެ. ޓީވީ، ޓީވީއެމްއަށް ޓިއުން ކޮށްލައިގެން އަޑު މަޑުކޮށްގެން ވާހަކަފޮތް ކިޔަންހުރީ ޓީވީން ޚަބަރު ކިޔަން ފަށާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ވާހަކަ ފޮތަށް ގެއްލިފައި އިންނަނިކޮށް އިވުނީ ގޭގެ ދޮރުމަތިން މީހަކު ސަލާމް ގޮވާލިއަޑެވެ.
"ވައަލައިކުމުއް ސަލާމް.... ލުޔޫ އާދޭ އެތެރެއަށް..." ސަލާމް ބަލައިގަތުމަށްފަހު ދޮރުމަތީހުރި ލުޔޫނާއަށް އެތެރެއަށް އައުމަށް އިޝާރާތްކުރިއެވެ. ލުޔޫނާއަކީ ރަނާގެ އެންމެ ގާތް އެކުވެރިޔާއެވެ. ސްކޫލު ދައުރު ނިމެންދެން އެއްކުލާހެއްގައި ދެމީހުން ކިޔަވަން އުޅުނީއްސުރެ މިއަދާ ހަމައަށްވެސް އެދެމެދުގައިވާ އެކުވެރިކަމަށް އެއްވެސް ބަދަލެއް ނާދެއެވެ.
ސީމާގެ ގާތުގައި ހުރި ހުސް ގޮނޑީގައި އިށީންނަމުން ލުޔޫނާ ސީމާގެ ބަޑުގައި ފިރުމާލަމުން އަހާލިއެވެ. "ސީމައްތާ ކިތައް މަސް.... ކޮން އިރަކު ވިހަނީ؟...."
ވާހަކަފޮތް ލައްޕާލަމުން ސީމާ ޖަވާބު ދިނެވެ. "ހަތް މަސް.... ފެބްރުއަރީ ތިނެކޭ ޑޮކްޓަރުން ބުނަނީ.... ދެން ނޭނގެ.... ދުވަސް ޖެހުނީމަ ވިހަންވީ...." ސީމާގެ ބަޑުގައި ފިރުމާލަ ފިރުމާލަ އިން ލުޔޫނާއަށް ސިހިފައި ސީމާގެ ބަނޑުމަތީގައި އޮތް އޭނާގެ އަތް ދަމައިގަނެވުނެވެ. ލުޔޫނާއަށް ވީ ގޮތް ފެނި ސީމާއަށް ހެވުނެވެ. "އޭނަ ޓަޗެއް ޖަހާލީދޯ.... އޭނަޔަށް ވެސް އިނގެޔޭ ލުޔޫނާ...."
"ވާއު..... އަޅޭ ވަރަށް އެހެންކަހަލަ.... އޯކޭ ކޮބާތަ ރަނާ؟.... މިހާރު އެހެރަ އަށެއް ޖަހަނީ ވިއްޔަ... ރަނާ ވަރަށް ތަތްވާނެކަން އެނގިގެން އަވަހަށް މި އައީވެސް...." ލުޔޫނާ ތެދުވެ ރަނާގެ ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. އެވަގުތު އަށެއްގެ ޚަބަރު ފެއްޓުމުން ސީމާ ޓީވީގެ އަޑު ބާރުކޮށްލިއެވެ. ގިނަ އިރުތަކެއް ނުވެ ލުޔޫނާއާއި އެކު ރަނާ ކޮޓަރިން ނުކުމެގެން އައެވެ. ހުދުކުލައިގެ ފާކިސްތާނު ހެދުމެއް ލައިގެން ރަނާ މިރޭ އިނީ ވަރަށް ފުރިހަމައަށް ރީތިވެގެންނެވެ. ސީމާއާއި އަރާ ހަމަވެފައި ދަނީއޭ ބުނަމުން ލުޔޫނާއާއި އެކު ރަނާ ދޮރުން ބޭރަށް ނިކުތުމަށް މިސްރާބު ޖަހައެވެ.
"ރަނާ.... އަން މިއޮތީ ތަޅުދަނޑި.... ސީމައްތަ ވަރަށް ވަރުބަލި... އެހެންވެ އިރުކޮޅަކުން ނިދަން މިދަނީ.... ރަނާ އައިސް ކައިގެން އެއްޗެތި ހޫނު ކޮށްލައްޗޭ.... އެހާ ލަސްނުވާތި އިނގޭ...." ސީމާ ދިއްކޮށްލި ތަޅުދަނޑީގައި ހިފަމުން ރަނާ ބޯޖަހާލިއެވެ. އަދި ހިނިތުންވެހުރެ އެކުވެރިޔާއާއި އެކު ގެއިން ބޭރަށް ނުކުންނަމުން ސީމާގެ ހަށިގަނޑުގައި ބައްދާލިއެވެ. "ތެންކިއު ސޯ މަޗް.... ސީމައްތާ.... އައި ލަވް ޔޫ..."
ރޭގަނޑު ނުވަގަޑި ބައި ވަންދެން ފެންޑާގައި ޓީވީ ބަަލަން ސީމާ އިނެވެ. ޓީވީ ނިއްވާލުމަށްފަހު ތެދުވެ ހަށިގަނޑު ދަމާލިއެވެ. ގިނައިރު ވަންދެން އެއްތަނެއްގައި އިށީނދެގެން އިނުމުން ވަރުބަލިކަމެއް އިހްސާސް ވިއެވެ. އާ ފުރެމުން ގޮސް ގޭގެ ދޮރު ތަޅުލުމަށްފަހު ކޮޓަރިއަށް ވަދެ އޮށޯތެވެ. އަދި ސީމާގެ ނޮކިޔާ ބައްތި ފޯނުން ރިޒާއަށް ގުޑްނައިޓް މެސެޖެއް ފޮނުވާލިއެވެ.
ކާޅާއި ކޮވެލީގެ އަޑަށް ސީމާއަށް ހޭލެވުނީ އެހެން ދުވަސްތަކާއި ޚިލާފަށް ތަންކޮޅެއް ލަހުންނެވެ. ފަތިސް ނަމާދަށް ހޭނުލެވުމުން އެކަމާ ސީމާ ވަރަށް ދެރަވިއެވެ. ތެދުވެ ގިފިއްޔަށް ވަދެ ރީތިވެގެން ބަދިގެއަށް ދިޔައެވެ. ނަމަވެސް ބަދިގޭ ތެރެއިން ދުވަންފެށި ކުނިވަހުން ރޭގައި އެއްވެސް އެއްޗެއް ހޫނު ނުކޮށް ހުރިކަން އެނގުނެވެ. ރަނގަޅަށް ވިއްޔާ ރަނާ ހަނދާން ނެތުނީއޭ ހިތަށް އެރިއެވެ. ތެލިތަކާއި ތަށިތައް ދޮވެލުމަށްފަހު އެއްލާހި ފުށްމޮޑެ ދިހަ ވަރަކަށް ރޮށި ފިހެލިއެވެ. އަދި ލައިގެން ކާން ރިހާކުރުކޮޅެއް ކުޅިކޮށްލުމަށްފަހު ކަޅު ސައިތައްޓަކާއި އެކު ކާން އިށީނެވެ. ރަނާ ރޭގަ ލަހުން އައިސް ނިދުމުން ހޭނުލެވުނީ ކަމަށް ހީކޮށް ސީމާވެސް ރަނާއަށް ނުގޮވާ ނިދަން ބޭއްވީއެވެ. އާދިއްތަ ދުވަހެއް ކަމަކު ރަނާވަނީ އޮފީހުން ޗުއްޓީއެއް ނަގާފައެވެ. ރިޒާމެން އަންނަން ދެން ޗުއްޓީ ނެގީ ގޭގައި ސީމާ އެކަނި ވާނެތީއެވެ. އޮފީހަށްވެސް ދާން ނުޖެހޭނެތީ ރަނާ އަދި އިރުކޮޅެއް ވަންދެން ނިދަން ބާއްވާން ސީމާ ނިންމިއެވެ.
އެކަނި މާ އެކަނި ސައި ބޮއިގެން އެއްޗެހި ދޮންނަންް ގިފިލީގައި ހުރި މެޝިނަށް ސީމާ ފެންއަޅަން ފެށިއެވެ. މެޝިނަށް ފެންއަޅާ ނިމުމުން ދާ ހެދުންތައް ބަލާ ކޮޓަރިއަށް ވަނެވެ. ސީމާގެ ހެދުންތައް ހިފައިގެން ރަނާގެ ކޮޓަރިއަށް މިސްރާބު ޖެހިއެވެ. ދޮރުގައި ޓަކި ޖަހާ ރަނާއަށް ގޮވާލިއެވެ. އަދި ތަޅުގައި ހިފާލުމުން ވަރަށް ފަސޭހައި ދޮރު ހުޅުވިއްޖެއެވެ. ކޮޓަރީގައި ރަނާ ފެންނަން ނެތުމުން ސީމާ އިންތިހާއަށް ހައިރާންވިއެވެ. އެނދުގައި ވަނީ ތަންމަތި އަޅާފައެވެ. އެ ކޮޓަރިއަަށް ވަދެ ރަނާގެ ދާ ހެދުންތައް ނެގިއެވެ. ރޭގަ ރަނާ ލައިގެންހުރި ހުދު ހެދުން ދާ ހެދުންތަކުގެ ތެރެއިން ފެންނަން ނެތުމުން އަލަަމާރި ހުޅުވާލުމަށްފަހު އަލަމާރީގައި އަޅުވާފައިވާ ހެދުންތަކަށް ނަޒަރު ހިންގާލެވުނެވެ. ސިކުނޑީގެ ކަނަކުން ރޭގައި ރަނާ ގެއަށް ނިދަން ނާންނަނީ ބާވައޭ ހިތަށް އެރުމުން އިންތިހާ ބިރުގަތެވެ. އަތުގަހުރި ދާ ހެދުންތައް ކޮޓަރީގައިހުރި ސަރަންފީ މަތީ ބަހެއްޓުމަށްފަހު ސީމާގެ ފޯނު ހޯދުމަށް އަވަސްވެގަތެވެ. ފޯނު ފެނުމާއި އެކު އަވަހަށް ލުޔޫނާގެ ނަންބަރަށް ގުޅާލިއެވެ. ރަނާއަކީ ދުވަހަކުވެސް ލަސްވަންދެން ގެއަށް ނައިސް ހުންނާނެ ކުއްޖެއް ނޫނެވެ.
"ހަލޯ ކީކޭ ސީމައްތާ؟...." އެކޮޅުން ވާހަކަ ދެއްކީ ލުޔޫނާއެވެ. ހާސްވެ ކަންބޮޑުވަމުން ދިޔަކަން ސީމާގެ ނިތްކުރިމަތިން ހިއްލަމުން ދިޔަ ދާ ތިކިތަކުންވެސް އެނގެއެވެ. "ހަލޯ.... ލުޔޫ... ކޮބާ ރަނާ؟...." ސީމާގެ އަޑުގައި އެކުލެވިފައިވާ ކަންބޮޑުވުން ލުޔޫނާއަށް ފާހަގަ ވިއެވެ. "ނޭނގެ... އަދި މިއަދު މިގެއަކަށް ނާދޭ... ރޭގަ 11 ޖެހިތަނުން ފިލްމު ނިމުނީމަ ގެއަށް ދިޔައީ.... އެ ފަހުން އަދި ދިމައެއް ނުވޭ...."
ލުޔޫނާގެ ޖަވާބަށްފަހު ސީމާ ކަންފަތުން ފޯނު ދުރުކޮށްލުމަށް ފަހު މަޑު ފިޔަވަޅުތަކެއްގައި ގެއިން ބޭރަށް ނުކުތެވެ. ރަނާ ދާނީ ކޮންތާކަށް ބާވައޭ ހިތަށް އެރިއެވެ. ރިޒާމެންނަށް މިކަން އެނގިއްޖިއްޔާ ވާނީ ކިހިނެއް ބާވައޭ ހިތަށް އެރުމުން ފަޔަށް ބާރުލާ ހަނި މަގުތަކުން ލާފައި ގޮނޑުދޮށާއި ދިމާލަށް ހިނގައިގަތެވެ. އަތިރިމަތީ ކުޅެން ތިބި ކުދިންތަކުގެ ގާތަށް ގޮސް ރަނާ ދުށިންތޯ ސުވާލު ކޮށްލިއެވެ. ހުރިހާ ކުދިންވެސް ކޮނޑު އަރުވާލަމުން ނުދެކެމޭ ބުންޏެވެ. ސީމާގެ ހިތުގެ ވިންދު އަވަސް ވަމުން ދިޔައެވެ. ގޮނޑުދޮށާއި ކައިރީގައި ހުރި ރިޒާމެންގެ ތިމާގެ ބައެއްގެ ގެއަށްވަދެ ރަނާ އައިތޯ ސުވާލު ކޮށްލިއެވެ. ބޭރު ވަޅުދޮށުގައި ހަނޑޫ ދޮންނަން އޮތް ފާތުމާ ވާހަކަ ދެއްކިއެވެ. "ނޫން ނާދޭ.... ކިހިނެއްވީ؟...."
"ކަމެއް ނުވޭ!!!...." ސީމާގެ މޫނުމަތިން ފެންނަމުން ދިޔަ ނުތަނަވަސްކަން ފެނި ފާތުމަ ހަނޑޫ ތެލި ވަޅު ދޮށުގައި ބެހެއްޓުމަށްފަހު ސީމާ ގާތަށް ލެފިގަތެވެ. "އެކޮއި ބަނޑަށް ތަދުވަނީތަ؟.... އުނދަގުލެއް ވަނީތަ؟..." ސީމާ ދެއަތަށް ބޯހޫރާލީ ނޫނެކޭ ބުނާށެވެ. "ނޫން.... ރަނާ ގޭގަ ނެތީމަ.... ފޫހިވެގެން މި ނުކުތީ...." ރޭއްސުރެއް ރަނާ ގެއަށް ނާންނަ ވާހަކަ ބުނަން ސީމާ ފަސްޖެހުނެވެ. އެހެންކަމުން ދަނީއޭ ބުނުމަށްފަހު ފާތުމަމެން ގެއިން އަވަހަށް ނުކުތެވެ.
ގޮނޑުދޮށުގައި މަޑުކޮށްލައިގެން އިނީ ވަރުބަލިކަމެއް އިހްސާސް ވާތީއެވެ. ބަޑުގައިވާ ދަރިފުޅުގެ ތޮޅުން މަޑުކުރެވޭތޯ މަޑުމަޑުން ސީމާގެ ބަނޑުގައި ފިރުމާލިއެވެ. ޤުދުރަތީ މަންޒަރަށް ގެއްލިފައި އިނދެވުނީ ރަނާ ދާނީވެސް ދެން ކޮންތާކަށް ބާވައޭ ހިތަށް އަރަމުންނެވެ. ގެއަށް ގޮސް ރަނާގެ އިންތިޒާރުގައި އަދި މަޑުކުރަން ނިންމިނެވެ. މެންދުރު ވަންދެން ބެލުމަށްފަހު ޚަބަރެއް ނުވެއްޖިއްޔާ ރިޒާއަށް ގުޅަން ނިންމިއެވެ. ގޮނޑުދޮށުން އެއްގަމަށް އަރަން ފިޔަވަޅު އަޅާލި ވަގުތު ރަށުުގެ މޫދާ ދިމާލުން ތަފާތުކަމެއް ފާހަގަވިއެވެ. ފަސްޖެހި ފިޔަވަޅު މަޑުކޮށްލުމަށްފަހު މޫދާއި ދިމާލަށް ބަލާލެވުނެވެ.
މޫދުގެ ލޮނުގަނޑު ވަނީ ތިލަވެ ހިކިފައެވެ. ގެމެންދޫއާއި އިންވެގެން އޮތް ފަޅުރަށުގެ ފަރު އެއްކޮށް ކަހަލަ ގޮތަކަށް ހިކިފައިވާތަން ފެނި ސީމާއަށް ހުރެވުނީ އަޖައިބުވެފައެވެ. ގޮނޑުދޮށުގައި ކުޅެން ތިބި ކުޑަކުދިންތައް މަސް ހިފަންވެގެން ފަރުމައްޗަށް އެރިއެވެ. ސީމާއަށް މިމަންޒަރަށް ބަލަން އިނދެވުނީ ވާން މިއުޅެނީ ކިހާވަރެއްގެ ކަމެއްކަން ވެސް ނޭނގިއެވެ.
ހިކެމުން ދިޔަ ލޮނުގަނޑުގެ ދުރުދުރުން އުފެދެމުން އައި ބިޔަ ރާޅު ފެނުމުން ސީމާއަށް އިނދެވުނީ ގުޑާލަންވެސް ނޭނގިފައެވެ. އެ ރާޅުގަނޑު އުސްވަމުން އުސްވަމުން ދިހަވަރަކަށް ފޫޓަށް އުފުލުމުން ސީމާއަށް ދެންވާނެ ގޮތް ހިތަށް ނަގައި ގަނެވުނެވެ. ފަޔަށް ލެވުނުހާ ބާރެއްލާ އެއްގަމަށް ދިޔުމަށް ދުއްވައިގަތީއެވެ.
"ކޮއްކޮމެންނޭ.... އާދޭ އެއްގަމަށް ބޮޑުރާޅެކޭ...." އެ ބިޔަ ރާޅު ނެގި މަންޒަރު ބަލަން އެއްގަމުގައި ހުރި ހަރު އުމުރުގެ ފިރިހެނަކު މޫދުގައި ކުޅެން ތިބި ކުދިންތަކަށް ގޮވާލިއެވެ.
ސީމާގެ އަތުން އޭނާގެ ބަނޑުގައި ހިފަހައްޓައިގެން ހުރެ މަގުތަކުން އެތެރެއަށް ވަދެވުނު އިރު ރާޅު ގޮނޑުދޮށަށް މުގުރާލި އަޑު އިވުނެވެ. އެ ގަދަ އަޑުފައްގަޑުން ފަސް އެނބުރި ބަލާލެވުނީ ބޭއިޚްރިޔާރުގައެވެ. އެ އަޑުގެ ތެރެއިން މީހުން ރޯ އަޑާއި ހަޅޭއްލަވާ އަޑު އިވެމުން ދިޔައެވެ. ދުންގަނޑެއްހެން ފުސްކޮށް ފެނުނަސް ގަސްތަކުގެ ތެރެއިން ހަލުވި މިނެއްގައި ރާޅުގަނޑު އަންނަތަން ފެނުނެވެ.
ސީމާއަށް ބިރުން ރޮއެ ގަނެވުނެވެ. "ސުބުހާނަﷲ...."
- ނުނިމޭ -
ވަރަށް ރީތި ވަރަށް ފުރިހަމަ... 20 ވަނަ ބައިގެ އިންތިޒާރުގައި...