އެމްއެމްޕީއާރުސީގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ތުހުމަތުތަކާ ގުޅިގެން، އެ މައްސަލަ ޑިސިޕްލިނަރީ ކޮމިޓީން ތަހުގީގުކުރަމުން އަންނަކަމަށް އެމްއެމްޕީއާރުސީ އިން ބުނެފިއެވެ.
އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމް އެ ކުންފުނީގައި މަސައްކަތް ކުރާ ތިން އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކޮށްފައިވާކަމުގެ ވާހަކަތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު މި ތުހުމަތުތަކާ ގުޅިގެން އެމްއެމްޕީއާރުސީ އިން ވަނީ ބަޔާނެއް ނެރެފައެވެ.
އެމްއެމްޕީއާރުސީ އިން ނެރުނު ބަޔާނުގައިވަނީ އެމްއެމްޕީއާރުސީގެ މުވައްޒަފަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފަދަ އެއްވެސް މައްސަލައެއް ކުންފުނީގެ އެއްވެސް މުވައްޒަފަކު ރަސްމީކޮށް ހުށަހަޅާފައި ނުވާކަމަށެވެ. މި މައްސަލަ މުވައްޒަފުންގެ ފަރާތުން ވަކި މައްސަލައެއް ގޮތަށް ރަސްމީކޮށް ހުށަހަޅާފައި ނުވި ނަމަވެސް މެނޭޖްމަންޓަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން އެކަމުގެ ސައްހަކަން ކަށަވަރު ކުރުމަށް ޑިސިޕްލިނަރީ ކޮމިޓީން މައްސަލަ ބަލާނެކަމަށް އެމްއެމްޕީއާރުސީ އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެމްއެމްޕީއާރުސީ އިން ވަނީ ޑިސިޕްލިނަރީ ކޮމިޓީގެ ތަހުގީގަށް ފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ދީފައެވެ.