ސީމާގެ ވާހަކަތަކުގައި ރަނާގެ ނަން ބޭނުން ކުރުމުން މިޝްކާއަށް ސިހުމެއް ލިބުނެވެ. ސަބަބަކީ އަލީނާއަށް ހުވަފެނުގައި ފެންނަ ކުއްޖާއަށް ވެސް ކިޔަނީ ރަނާ ކަމަށް ވާތީވެއެވެ. މިޝްކާގެ ސިކުނޑީގައި އެނބުރެމުން ދިޔަ ޚިޔާލުތަކުން ދެން ހޯދަންވީ މި ރަނާއާއި ބެހޭ މަޢުލޫމާތުކަން ސިގުނަލް ދެމުން ދިޔައެވެ.
ކޮޓަރިން ބޭރަށް ނުކުތުމަށްފަހު އެކޮޓަރީގެ ކަނާތް ފަރާތަށް ހުރި ދޮރާ ދިމާލަށް އިޝާރާތް ކުރަމުން ސީމާ ބުނެލިއެވެ. “މީ އަލީނާގެ ކޮޓަރި…. މި ކޮޓަރީގައި މިޝްކާ މަޑުކުރާނީ… މިޝްކާގެ ދަބަސް ދައްތަ ބެހެއްޓީ ކޮޓަރީގެ މޭޒު މަތީގައި… ދެން ދޭ ރީތި ވެލައިގެން ކާން އަންނަން…. އެކޮޅުން އައި ގޮތަކަށްނު ތިހުރީ…. ކާކޮޓަރި ހުންނާނީ ތިރީ ބައިގަ… ދައްތަ މިދަނީ ކާން ހަދަން….”
ސިމާ ދެއްކި ކޮޓަރިއަށް ވަންނަމުން މިޝްކާ އަދި ރަނާއާއި ބެހޭ ގޮތުން ވާހަކަ ހޯދަން އަޒުމް ކަނޑައެޅިއެވެ. އަލީނާގެ ކޮޓަރި ތެރެއަށް ވަނުމުން ހީވީ ކާޓޫންތަކުން ފެންނަކަހަލަ ޕްރިންސަސްއެއްގެ ކޮޓަރިއަކަށް ވަދެވުނު ހެންނެވެ. މުޅި ކޮޓަރީގައި ވަނީ މަޑު ވައިލެޓް ކުލަ ލާފައެވެ. ހުދު ކުލައިގެ ފަރުނީޗަރުތައް ވަނީ ފިޔާތޮށި ކުލައިގެ ކޮކާތަކަކުން ޖަރީ ކޮށްފައެވެ. ކޮޓަރީގެ ސީލިންގުގައި ހުދު ކުލަ ލާފައިވާއިރު ފިޔާތޮށި ކުލައާއި ދަނބު ކުލައިގެ ކޮކާތަކާއި މާމަލުގެ ކުރެހުންތަކުން ފަޅު ފިލުވާލާފައި ވެއެވެ.
އެ ކޮޓަރީގެ ތެރެއިން ބޭރަށް ނިކުމެވޭ ގޮތަށް ކަހާލެވޭ ދޮރެއް ހުރިތަން ފެނުމުން އެ ދޮރު ކަހާލާ މިޝްކާ ބޭރަށް ނުކުތެވެ. އެއީ ބޭރު ފެންނަ ގޮތަށް އިން ބެލްކަންޏެކެވެ. ދެމީހުންނަށް އިށީންދެވޭނެހެން ހަދާފައިވާ އުނދޯއްޔެއް ހުރިއިރު އެ ބެލްކަނީގައިވެސް އެކި ކަހަލަ މާމެލާމެލީގެ ޕޮޓުތައް ބަހައްޓާފައި ހުއްޓެވެ. ބެލްކަނިން ބޭރުން ފެންނަނީ ހުޅުމާލޭގެ ބީޗްގެ ހިތްފަސޭހަ މާހައުލެވެ. ހަވީރުގެ ވަގުތެއް ކަމުން މީހުން މޫދަށް އެރި އުޅޭ މަންޒަރު ފެންނަމުން ދިޔައެވެ.
ކުއްލިއަކަށް ކަމެއް ހަނދާންވުމުންް ބެލްކަނީގައި މަޑުނުކޮށް އަވަސް އަވަހަށް ކޮޓަރި ތެރެއަށް ވަނެވެ. ފާހާނާއަށް ވަދެ ހެދުން ބަދަލުކޮށް މީހާ ތާޒާ ވެލާ ރީތި ވެލިއެވެ. އަވަސް ފިޔަވަޅުތަކެއްގައި ސިޑިން ފައިބައިގެން ތިރިއަށް ދިޔައީ މިޝްކާ އަންނަން ދެން ސީމައްތަ އިންތިޒާރުގައި އިންނާނެކަން އެނގޭތީއެވެ.
ކާގެއަށް ވަދެވުނު އިރު މޭޒުމަތީގައި ތަފާތު ވައްތަރުގެ ކާ އެއްޗެހި އަތުރާފައި ހުއްޓެވެ. ނޫޑުލްސްކޮޅެއް ތައްޓަށް ލުމަށްފަހު ޑެވިލް މަސްކޮޅެއް ލައިގެން މިޝްކާ ކާން ފެށިއެވެ. މިޝްކާ ކައި ނިމެންދެން ގާތުގައި އިށީންދެގެން ސީމާ އިނީއެވެ. ކަމުން ކަމުން މިޝްކާއަށް އަހާލެވުނެވެ. “ސީމައްތަތަ ނޫޑްލްސް ކެއްކީ؟… ހާދަ މީރޭ..”
ލުއި ހިނިތުން ވުމަކާއި އެކު އޯގާތެރިކަމާއި އެކު ސީމާ ޖަވާބުދިނެވެ. “ނޫން މިޝްކާ… ދައްތައެއް ނޫން ކެއްކީ… މިގޭ އުުޅޭ ލަންކާ ކުއްޖާ ސޯފީ ކެއްކީ…. ދައްތަމެން ގެއަށް އައި އިރު ސޯފީ ކައްކާ ނިމިއްޖެ.. މިއަދު މި މޭޒުމަތީގައި ގިނައީ އަލީނާއަށް މީރު ކެއުންތައް…. ސޯފީ ވަރަށް ލޯބިވާނެ އަލީނާދެކެ… އަލީނާ 12 އަހަރުން ފެށިގެން އޭނަ މިގޭގަ މަސައްކަތް އެ ކުރަނީ… އޭނަ އެއީ ވަރަށް ރަނގަޅު މީހެއް….”
އަލީނާގެ ވާހަކަ ފެއްޓުމުން ސީމާ އެ ވާހަކަ ތެރެއިން އާ ކުރިއެއް ފަޅުވަން މިޝްކާއަށް ފުރުޞަތު ލިބުނެވެ. “ސީމައްތާ؟… އަލީނާ ގެންދިޔަ ހޮސްޕިޓަލަށް ދެވޭނީ ކޮން ދުވަހަކުން؟… އަހަރެން ވަރަށް ބޭނުން އަލީނާއާއި ބައްދަލު ކޮށްލަން….”
ސީމާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. މަޑުޖެހިލުމަށްފަހު ވާހަކަ ދައްކަން ފެއްޓިއެވެ. “ރިޒާ ބުނީ ތިން ދުވަހުން ތިން ދުވަހުން އެކޮޅަށް ބައްދަލުކުރަން ދެވޭނެ ވާހަކަ… ދެދުވަސް ފަހުން ދާނީ… މިޝްކާވެސް އަހަރެމެންނާ އެކީ ގެންދާނަން…”
މިޝްކާއަށް ތިން ދުވަހަކީވެސް ވަރަށް ދިގު އިންތިޒާރަކަށް ވާނޭކަން އެނގެއެވެ. ސަބަބަކީ އޭނާ މިހާރު އަލީނާއާއި ބައްދަަލުކޮށް އޭނާގެ ހާލު އޮޅުން ފިލުވަން ވަރަށް ބޭނުންވާތީއެވެ. އަލީނާގެ ވާހަކަތައް ޤަބޫލުކުރަން ބޭނުމެވެ. އެ ކަމުގައި ފޮރުވިފައިވާ ވަރަށް ބޮޑު ހަޤީޤަތެއް ވާކަން ކަށަވަރެވެ.
ކައި ނިމުމުން ސޯފީ އައިސް ތަށިތައް ނަގަން ފެށިއެވެ. ސޯފީ މަސައްކަތުން އަަވަދިވެގެން އަންނަން ދެން ސީމާ މަޑުކުރިއެވެ. ސިޓިންގް ރޫމުގައި ހުޅުވާފައިވާ ޓީވީން ދައްކަމުން ދާ ހިންދީ ފިލްމަށް ގެއްލިފައި ސީމާއާއި މިޝްކާއަށް ތިބެވުނެވެ. ސޯފީ މަސައްކަތް ނިންމުމަށްފަހު އައިސް ސީމާއާއި ސަލާމް ކުރުމަށްފަހު އެގެއިން ނުކުތުމަށް ހިނގައިގަތެވެ. މިޝްކާއަށް އެ މަންޒަރު ފެނި ހައިރާންވެހުރެ އަހާލިއެވެ. “ސޯފީ ކޮންތާކަށް އެ ދަނީ؟…”
މިޝްކާގެ ސުވާލަށް ސީމާ ޖަވާބު ދިނެވެ. “މަސައްކަތު މީހުން ނިދަން ހަމަޖައްސާފައިވާ ތަން ގޭގެ ބިއްދޮށުގައި ހުންނާނެ…”
ސިޓިންގްރޫމުގެ ލައިޓްތަކުގެ އަލި މަޑުކޮށްލުމަށްފަހު ސީމާ ޓީވީ ނިއްވާލިއެވެ. އަދި ކޮޓަރިއަށް ދިޔުމަށް ސިޑިއާ ދިމާލަށް މިސްރާބު ޖެހިއެވެ. ސީމާގެ ފަހަތުން މިޝްކާވެސް ސިޑިއަށް އަރަން ހިނގައިގަތެވެ. ސިޑިން އަރަމުން ދިޔައިރު މި ފަހަރުވެސް ފާރުގައި ހަރުކޮށްފައިވާ ފޮޓޯ ފްރޭމްތަކަށް މިޝްކާ ބަލަމުން ދިޔައެވެ. ސިޑީގެ މެދަކާ ހިސާބަށް އެރުނު އިރު ރިޒާގެ ވަރަށް ކުރީގެ ފޮޓޯގަނޑެއް ފެނުނެވެ. ނަމަވެސް އެ ފޮޓޯގަނޑުގައި ރިޒާއާއި ޖެހިގެން މިހުރީ އަލީނާއެވެ.
ހައިރާންވެހުރެ ސީމާ ގާތު މިޝްކާ އަހާލިއެވެ. “މީ އަލީނާތަ؟…. އަލީނާ ކޮން އިރަކު ދޯޕައްޓާ ހެދުން ލީ؟…”
ކުރިއަށް ހިނގަމުންދިޔަ ސީމާގެ ފިޔަވަޅު މަޑުކޮށްލަމުން ފާރުގައި ހުރި ފްރޭމަތަކަށް ބަލާލަމުން ބުންޏެވެ. “ތީ އަލީނާއެއް ނޫން…. ތީ ރަނާ… ރިޒާގެ ކޮއްކޮ… އަލީނާގެ ބޮޑުދައިތަ…”
ދެލޯ ބޮޑުކޮށްގެން ހުރެ ރަނގަޅަށް އެ ފޮޓޯގަނޑަށް ބަލާލެވުނެވެ. ތެދެކެވެ. އެއީ ވަރަށް ކުރީގެ ފޮޓޯއެކެވެ. އެ ފޮޓޯއިން ފެންނަ ފެނުމުން އެއީ ރިޒާގެ ޅަ ދުވަސްވަރުގެ ފޮޓޯއެއްކަން ހަމަ ޔަޤީނެވެ. ރަނާއާއި އަލީނާއާއި ތަފާތު ކުރަން ވަރަށްވެސް ދައްޗެވެ. އަލީނާ އެއީ ރަނާގެ ދެލި ކޮޕީއެކެވެ. ހަމަ އެހާވެސް ވައްތަރެވެ. ތަފާތަކީ ރަނާގެ ހެދުން އެޅުމުގެ ވައްޓަފާޅިއެވެ. އިތުރު ސުވާލެއް މީޝްކާއަށް ނުކުރެވެނީސް އަނެއްކާވެސް ސީމާ ވާހަކަ ދައްކަން ފެއްޓިއެވެ.
“ހައިރާންވެފައި ދޯ ތި ހުރީ…. ރަނާ ގެއްލުނީ 2004 ވަނަ އަހަރުއެރި ސުނާމީގަ…. އެއަށްފަހުން އޭނާ ނުފެނުނު…. އޭރު އަހަރެން އަލީނާއަށް ބަނޑު ބޮޑު…. ރަނާއާއި އަހަރެންނާ ވަރަށް ގާތްވާނެ…. އެއީ ވަރަށް ބަސްއަހާ ކުއްޖެއް…. އަހަރެމެން ދެމީހުންނަކީ ބެސްޓު ފްރެންޑުންނޭވެސް ބުނެވިދާނެ…. އަލީނާ ފެނުނީމަ އަހަރެން އަބަދުވެސް ރަނާ މަތިން ހަނދާންވޭ….”
މަޑުމަޑުން ފޮޓޯތަކުގައި ފިރުމަމުން ސިޑިން މައްޗަށް އެރުމާއި އެކު ސިމާ އޭނާގެ ކޮޓަރިއަށް ވަނުމަށް ހިނގައިގަތެވެ. މާޒީގެ ހިތި ހަނދާންތަކެއް އާވުމުން ސީމާ އިނީ ވަރަށް ދެރަވެފައިކަން މިޝްކާއަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން މިޝްކާވެސް އަވަސްވެގަތީ އޭނާގެ ކޮޓަރިއަށް ދިޔުމަށެވެ.
ސީމާގެ ފަރާތުން މިއަދު އެނގުނު ވާހަކަތަކުން ކޮންމެވެސް ނުބައެއް މިކަމުގައި އުޅޭކަން މިޝްކާއަށް އިހްސާސްވިއެވެ. ނަމަވެސް ހިތުގައި ބަރާވަމުން އައި ސުވާލުތައް އެކީ އެކައްޗަކަށް ނުކޮށް ބެހެއްޓީ ސީމައްތަވެސް ހުންނާނީ ވަރުބަލިވެފައި ކަން އިހްސާސް ވާތީއެވެ. އެނދުގައި އޮށޯވެލުމަށްފަހު ނިދާލަން މަސައްކަތް ކުރިއެވެ. ނަމަވެސް މިރޭ މިޝްކާއަށް ނިދޭ ގޮތެއް ނުވިއެވެ. އެކި ޚިޔާލުތަކަށް ގެއްލި މުޅިރޭ ހަތަރު ދަމު އެއް އަތުން އަނެއް އަތަށް އެނބުރި އެނބުރި އޮވެވުނީއެވެ.
އިރުގެ ރަން ދޯދިތަކުން މުޅި ދުނިޔެއަށް އަލިކަން ލިބެމުން ދިޔައެވެ. ބެލްކަނީގެ ކުޑަދޮރުން ކޮޓަރި ތެރެއަށް އަލިވަމުން އައި އިރުވެސް މިޝްކާ އޮތީ ޚިޔާލުތަކަކަށް ގެއްލިފައެވެ. ނިދިން މަޚްރޫމްވެފައި އެހެން އޮވެ އޮވެ ވަރުބަލިވުމުން ތެދުވެ މޯޅިއަކަށް ދެމިލާ ހަށިގަނޑު ދަމާލިއެވެ. ބެލްްކަނީގެ ދޮރު ހުޅުވާލުމަށްފަހު ބޭރު ބަލާލިއެވެ. ހެނދުނުގެ ތެތްފިނިކަމުން ޖެހޭ މަޑު ވައިރޯޅިން އިހްސާސް ވަމުން އައީ ފިނިކަމެވެ. ގޭގެ ބިއްދޮށް ފަރާތަށް ނަޒަރު ހިންގާލިއިރު ކާރު ފޮހެން ސަލީމް ހުރިތަން ފެނުނެވެ.
ސަލީމްގެ ހަށިގަނޑުގެ ފުރިހަމަކަމަށް ބަލަން ހިނދުކޮޅަކަށް މިޝްކާއަށް ހުރެވުނެެވެ. ހަމުގެ ކުލަ ކަޅަކަސް ހަންގަނޑު އޮމާނެވެ. ފިރިހެންވަންތަ ކަސްރަތީ ހަށިގަނޑުގެ ފުރިހަމަކަމަށް ބަލަން މިޝްކާއަށް ހުރެވުނީ ކަޅި ޖަހާނުލައެވެ. ކާރު ފޮހެ ނިމުމަށްފަހު ކާރު ކައިރީހުރި ގޮނޑިއެއްގެ މަތީގައި އަޅުވާފައި އޮތް ޓީޝާޓެއް ނަގާ ބޮލަށް މަހާލިއެވެ. ސަލީމްގެ ހަރަކާތްތަކަށް ބަލަން ހުރެވުނުކަން މިޝްކާއަށް އެނގުނީ ސަލީމް އިސް އުފުލާލުމަށްފަހު މިޝްކާއާއި ދިމާލަށް ބަލަން ފެށުމުންނެވެ. ސަލީމްގެ ނަޒަރު ހުރި ގޮތުން މިޝްކާއަށް ތެޅިގަނެވުނެވެ. އަދި ހޭވިފައިވާ އިސްތަށިގަނޑު އަތުން ރަނގަޅު ކޮށްލަމުން އަމިއްލަ ހަށިގަނޑަށް ބަލާލެވުނެވެ. މިޝްކާ ލައިގެން ހުރި ނިދާ ހެދުމުގެ މޭމަތިން ނެއްޓިފައި ހުރި ގޮށްތަކުގައި ހިފަހައްޓައިގެން ހުރެ އަވަހަށް ކޮޓަރި ތެރެއަށް ވަނެވެ. އަދި ހެނދުނުގެ ސައި ބުއިމަށް ކާ ކޮޓަރިއަށް ދާން ތައްޔާރުވުމަށް މިޝްކާ ފާހާނާއަށް ވަނެވެ.
ކާ ކޮޓަރިއަށް އައި އިރު މޭޒު މައްޗަށް ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމުގައި ސޯފީ އަވަދިނެތި އުޅޭތަން ފެނުނެވެ. ފެންނަ ހިސާބުގައި ސީމައްތަ ނެތުމުން ސީމައްތަ ކޮބައިތޯ މިޝްކާ ސުވާލު ކޮށްލިއެވެ. ސޯފީ ޖަވާބުގައި މެޑަަމް އަދި ތިރިއަށް ނާންނަ ކަމަށް ބުންޏެވެ.
ސިޓިންގް ރޫމްގައި އިން ޓީވީ ހުޅުވާލުމަށްފަހު ސޯފާގައި އިށީނދެގެން މިޝްކާ އިނީ ސިމައްތަ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އެހެން އެ ސޯފާގައި ލެގިލައިގެން ޓީވީ ބަލަން އިނދެވުނީ ކިހާ އިރެއް ވަން ދެން ކަންވެސް މިޝްކާއަކަށް ނޭނގުނެވެ.
ސިހިފައި މިޝްކާއަށް ލޯހުޅުވާލެވުނީ އޭނާގެ ކޮނޑުގައި މީހަކު ކޮއްޓާލަމުން މިޝްކާގެ ނަމުން ގޮވާތީއެވެ. އެއްއަތް މައްޗަށް ނިދިޖެހިފައި އޮވެވުނު ގޮތުން އެއް މިޔަކަނުން ފައިބާފައިވާ ސޮނިތިކި އަތުގެ ނުފުށުން ފޮހެލަމުން އިސް އުފުލާ ބަލާލެވުނެވެ. "މިޝްކާ އަޅުގަނޑު ދަނީ.... އަދި ސައިވެސް ނުބޮމެއްނު... މެޑަމްވެސް އަދި ނާދޭ ސައިބޯކަށް... އަޅުގަނޑު އަންނާނަން ދެ ގަޑި އިރު ފަހުން.... މެޑަަމް ހޭލީމާ މެޑަމް ކައިރީ ބުނެދޭތި..." ސޯފީ ވާހަކަ ދެއްކީ އަދަބުވެރިކަމާއި އެކުގައެވެ. އާނއެކޭ ބުނުމުގެ ގޮތުން މިޝްކާ ބޯ ޖަހާލުމުން ސޯފީ ގެއިން ބޭރަށް ހިނގައިގަތެވެ.
ކާމޭޒު މަތިން ތައްޓަކަށް ރޮއްޓާއެކު މަސްހުންޏާއި ކުޅިމަސްކޮޅެއް ލައިގެން ދެ ކަޅު ސައިތަށި ތައްޔާރު ކޮށްލިއެވެ. ގަޑި ބަލާލިއިރު ގަނޑިން ހެނދުނު ދިހަ ގަޑި ބައިވަނީއެވެ. ތަބަކަށް ހުރިހާ ތަށިތައް ލައިގެން މަޑުމަޑުން ސިޑިން މައްޗަށް އެރީ ސީމާގެ ކޮޓަރިއަށް ދިޔުމަށެވެ. ކޮަޓަރީގައި ޓަކި ޖަހާލުމުން ހިލަމެއް ނުވިއެވެ. ތިން ފަހަރު ޓަކި ޖާހާލުމުންވެސް އެތެރެއިން އެއްވެސް ޖަވާބެއް ނުލިބުނެވެ. އެހެންކަމުން މަޑުމަޑުން ކޮޓަރީގެ ތަޅުގައި ހިފާ ދޮރު ހުޅުވާލިއެވެ. ތަޅުނުލާ ހުރުމުން ދޮރު ވަރަށް ފަސޭހައިން ހުޅުވުނެވެ. އެނދުމަތީގައި އޮށޯވެގެން އޮތް ސީމާއަށް ދޮރު ހުޅުވުނު މަންޒަރު ފެނުމުން ބޯ ހިއްލާލަމުން ބަލާލިއެވެ. މިޝްކާކަން އެނގުމުން އަވަހަށް އައުމަށް އެދުނެވެ.
ސައި ހަދައިގެން ގެނައި ތަބައް އެކޮޓަރީ ކުޑަ ދޮރު ކައިރީހުރި މެޒުމަތީ ބެހެއްޓިއެވެ. "ހިނގާ ސައި ބޯން.... ސީމައްތަ އާދޭތޯ ވަރަށް މަޑުކޮށްފިން.... އެކަމު މިހާރު ބަނޑުން އަޑުކިޔާވަރުން ނުހުރެވިގެން މިއައީ.... ސީމައްތަ ކަޅުސައި ދޯ ބޯނީ..." މިޝްކާ ސައި ހަދައިގެން އައުމުން ސީމާއަށް އެކަމަށް އިންކާރު ކުރާކަށް ނުކެރުނެވެ. އެހެން ކަމުން އަވަހަށް އެނދުން ފައިބައިގެން ފާހާނާއަށް ދިޔައީ މޫނުދޮވެގެން އަންނާށެވެ.
ސީމާ ފާހާނާއަށް ވަނުމުން މިޝްކާ ކޮޓަަރީގެ ތެރެއަށް ވަށައިގެން ނަޒަރު ހިންގާލިއެވެ. ސީމާ އެނދުން ތެދުވި އިރު އެނދުގެ މަގަތުގައި އަލްބަމެއް އޮތްތަން ފެނުނެވެ. މިޝްކާ އެ އަަލްބަމް ނަގާ މޭޒުދޮށުގައި ހުރި ގޮނޑިއެއްގައި އިށީނދެ އަލްބަމް ހުޅުވާލިއެވެ. އެއީ އަލީނާ ތުއްތު އިރުގެ ފޮޓޯތަކެވެ. ސްކޫލުގެ އެކި ހަރަކާތްތަކުގައި ނަގާފައިވައި ފޮޓޯތަކެވެ. ފޮޓޯތަކުގައި އަލީނާ ޖައްސާފައި ހުރި ވައްތަރުތައް ލޯބިކަމުން މިޝްކާއަށް ހެވެއެވެ. ބިސްކަމުން ހީވަނީ ފުށްގަނޑެއް ހެންނެވެ. ސީމާ ފާހާނާއިން ނިކުތް އިރު މިޝްކާ ހިނިއައިސްހުރެ ފަހަރަކު ފޮޓޯއެއް ބަލަމުން ދިޔައެވެ. "ލޯބި ދޯ.... ތީ އަލީނާ ފަސް އަހަރުގަ...." ސީމާގެ އަޑު ޖެހުމުން މިޝްކާ ވާހަކަ ދައްކަން ފެއްޓިއެވެ. "އަޅެ އަލީނާ ލޯބިކަން ދޯ އޭރު... މޮޑެލާ ހިތްވާ ކަހަލަ ގޮތަކަށް އިންނަނީ...."
"މިޝްކާޔޯ... އޭރު މިޝްކާވެސް ހުންނާނީ ހަަމަ ކަަރަޔެއްހެން..." ސީމާ ހެމުން ހެމުން އައިސް މިޝްކާ ގާތުގައި ހުރި ހުސް ގޮނޑީގައި އިށީނދެ މޭޒުމަތީ ތަބަކުގައި ހުރި ތަށިތައް ނަގައި މޭޒުމަތީ އަތުރާލިއެވެ. މިޝްކާ އެ ފޮޓޯތަކަށް ބަލަމުން ސައިބޮމުން ދިޔައެވެ. ފެންނަމުން ދިޔަ ކޮންމެ ފޮޓޯއަކާއި ބެހޭގޮތުން ސީމާ މަޢުލޫމާތު ދެމުން ދިޔައެވެ.
އަލްބަމްގެ ފަހަތުކޮޅަށް ދިޔަ އިރު މިޝްކާމެން ސައިބޮއި ނިމިއްޖެއެވެ. ތަށިތައް ތަބަކަށް ލުމަށްފަހު މިޝްކާ އަލްބަމް ހިފައިގެން ހަމަޖެހިލަމުން ޖެހިގެން އޮތް ގަނޑު ހުޅުވާލިއެވެ. ލިބުނީ ހައިރާންކަމެކެވެ. ނަމަވެސް ފޮޓޯގަނޑުގެ ކަނުގައިވާ ތާރީޚުންވެސް އެއީ އަލީނާ ނޫންކަން އެނގުނެވެ. "ތީ ރަނާ.... އަަހަރެމެން އެންމެ ފަހުން ނެގި ފޮޓޯތީ... އެ ދުވަހަކީ އަލީނާ ވިހަން ވާއިރަށް އަހަރެމެން ބޭނުންވާ ސާމާނުތައް ގަންނަން މާލެއަށް އައި ދަތުރުގައި މާލޭގެ ފޮޓޯނަގާ ތަނަކުން ނެގި ގަނޑެއް ތިއީ... އޭރު އަހަރެންގެ ބަނޑަށް 7 މަސް..." ސީމާގެ ވާހަކަތައް އަޑު އަހަން އިނުމަށްފަހު ގަނޑުގެ މަތީގައިވާ ތާރީޚަށް އަދި އެއްފަހަރު މިޝްކާ ބަލާލިއެވެ. "3 ޑިސެމްބަރ 2004"
ޖެހިގެން އޮތް ގަނޑު ހުޅުވާލިއިރު ސީމާއާއި ރަނާާއާއި އެކުގައި ނަގާފައިހުރި ފޮޓޯތައްވެސް ހުއްޓެވެ. އެ ފޮޓޯތަކުގައި ސީމާގެ ބަނޑު ވަރަށް ބޮޑެވެ. ދެމީހުންވެސް ލާފައިހުރީ ގަޔަށްދޫ ކުރުތާއާއި ބެލްސެވެ.
"ތީ ރަނާ ގެއްލުމުގެ 3 ހަފްތާކުރިން އަހަރެެން މާލެ އައިސް ނެގި ފޮޓޯތަކުގެ ތެރެއިން ބައެއް ފޮޓޯ.... ރަނާ ގެއްލުނު ދުވަސް އަދިވެސް އަހަރެން ހަނދާން ހުރޭ.... އެ ދުވަހުގެ ބިރު އަދިވެސް އަހަރެންގެ ހިތުން ފިލައިގެން ނުދޭ... އަހަރެންގެ ހަޔާތުގަވެސް އެކަހަލަ ދުވަހެއް އަދި ނުދެކެން.... އަހަރެން އެންމެ ފަހުން ރަނާއާއި ވާހަކަ ދެއްކީ 25 ޑިސެމްބަރ 2004 ގައި .........
- ނުނިމޭ -