މާލޭގެ ދަރުމަވަންތަ މިސްކިތުގެ ފެން މޯޓަރެއް ވަގަށް ނަގައިފިއެވެ.

މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދަރުމަވަންތަ މިސްކިތުގެ ފެން މޯޓަރު ވަގަށް ނަގާފައި ވަނީ މިރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެ މައްސަލަ ޕޮލިހަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެގޮތުން ކުށް ހިނގި ތަނަށް ހާޒިރުވެ ކުށުގެ ވެށިން ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަރުމަވަންތަ މިސްކިތުގައި ހުރި 2 ފަންކާ ވެސް ވަނީ ވަގަށް ނަގާފައެވެ.

މީގެއިތުރުން މި މަހުގެ 18 ވަނަ ދުވަހު 2 މިސްކިތެއްގެ އަންހެނުން ވުޟޫ ކުރާ ބައިގެ ފެން އިސްކުރުތަކަށާއި ފާހަނަތައްޓަށް ގެއްލުންދިން މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މާލެ ސިޓީ ކައުންސިލުން މި ދެ މިސްކިތަށް ދިން ގެއްލުން މަރާމާތުކޮށްފައިވާއިރު މޭޔަރު އާދަމް އާޒިމް ވަނީ މިފަދަ ނާތަހުޒީބު އަމަލުތައް ހުއްޓުވުމަށް އާންމުންގެ އެހީތެރިކަން ބޭނުންވާކަމަށް ވިދާޅުވެފައެވެ.