މާލެ އާއި ހުޅުމާލެގައި ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި، ވައްކަމާއި ފޭރުމުގެ މައްސަލަތަކާ ގުޅިގެން މި މަހު 2،080،363 ރުފިޔާގެ އަގުހުރި މުދަލާއި ފައިސާ ހޯދައިފިއެވެ.
މާލޭގެ އެކި އަވަށްތަކުގައި ފުލުހުން ކުރި މަސައްކަތަށް ބަލާއިރު، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 21ގެ ނިޔަލަށް ވަނީ 335،338 ރުފިޔާގެ ތަކެތި ހޯދާފައެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި އެ ސްޓޭޝަނުން 173،800 ރުފިޔާގެ ތަކެތި ހޯދާފައިވެއެވެ. މީގެ އިތުރުން ހެންވޭރު ޕޮލިސް ސްޓޭޝަނުން 95،894 ރުފިޔާގެ ތަކެތި ހޯދާފައިވާއިރު، މާފަންނު ޕޮލިސް ސްޓޭޝަނުން ވަނީ 65،644 ރުފިޔާގެ ތަކެތި ހޯދާފައެވެ.
ހަމައެއާއެކު މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި ވަގަށް ނަގާފައިވާ މުދަލުގެ ތެރެއިން 1،461،315 ރުފިޔާގެ މުދާ ހޯދާފައެވެ. އެގޮތުން އެ މުއްދަތުގައި ގަލޮޅު ޕޮލިސް ސްޓޭޝަނުން ވަނީ 710،406 ރުފިޔާގެ މުދާ ހޯދާފައެވެ. ދެވަނައަށް އެންމެ ގިނަ މުދާ ހޯދާފައި ވަނީ ހެންވޭރު ޕޮލިސް ސްޓޭޝަނުންނެވެ. ހެންވޭރު ޕޮލިސް ސްޓޭޝަނުން ވަނީ 490،286 ރުފިޔާގެ މުދާ ހޯދާފައެވެ. މީގެ އިތުރުން މާފަންނު ޕޮލިސް ސްޓޭޝަނުން ވަނީ 260،623 ރުފިޔާގެ މުދާ ހޯދާފައެވެ.
މީގެއިތުރުން ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި މި މަހުގެ ފުރަތަމަ ދެ ހަފްތާތެރޭގައި ހޯދަފައިވާ ފައިސާއާއި މުދަލުގެ ތަފްސީލް ވެސް ފުލުހުން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 283،710 ރުފިޔާގެ ތަކެތި ވަނީ ހޯދާފައެވެ. މި މަސައްކަތުގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިންނާއި ދެވަނަ ފިޔަވަހީގެ ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ. ފޭސް 1 ގެ ފުލުހުން 181،910 ރުފިޔާގެ ތަކެތި ހޯދާފައިވާއިރު، ފޭސް 2 ގެ ފުލުހުން ވަނީ 101،800 ރުފިޔާގެ ތަކެތި ހޯދާފައެވެ.
މިއާއެކު މި މަހު ފުލުހުން ހިނގި ހާއްސަ އޮޕަރޭޝަންގެ ތެރެއިން 2.08 މިލިއަންގެ މުދަލާއި ފައިސާ ހޯދާފައިވާ އިރު އެންމެ ގިނަ މުދަލާއި ފައިސާ ހޯދި ސްޓޭޝަންއަކީ ގަލޮލޫ ޕލިސް ސްތޭޝަން އެވެ.
ފުލުހުން އާންމުކޮށްފައިވާ މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ގެއްލޭ މުދާ ހޯދުމަށް ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހޯދި ތަކެތީގެ ތެރޭގައި ގިނައިން ހިމެނެނީ މޯބައިލް ފޯނާއި، ލެޕްޓޮޕް ފަދަ އިލެކްޓްރޯނިކް ސާމާނުގެ އިތުރުން ނަގުދު ފައިސާއެވެ. މި ތަކެތި ހޯދުމަށްފަހު، އޭގެ ވެރިފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
