އޮޅުވާލައިގެން ރާއްޖެއަށް ވަގަށް އެތެރެ ކުރި 40 ފޫޓުގެ 2 ކޮންޓޭނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލަ ތަހުގީގު ކުރަމުން ގޮސް ކޮންޓޭނަރުގެ ބައިތައް ތިލަފުށިން ހޯދައިފިއެވެ.

ދިވެހި ފުލުހުން ބުނީ، ސިނގިރޭޓު ކޮންޓޭނަރު ވަގަށް ނެގި މައްސަލަ ތަހުގީގު ކުރަމުން ދާއިރު، ބަލައި ފާސްކުރުމަށް ހިންގާ އޮޕަރޭޝަންތަކުގެ ތެރެއިން ކ. ތިލަފުށީގެ އެކިއެކި ސައިޓުތައް ބެލި ކަމަށެވެ. އަދި އެގޮތުން ބަލަމުން ދަނިކޮށް އޮކްޓޯބަރު 19، 2025 ވަނަ ދުވަހުގެ އޮޕަރޭޝަންގައި އެ 2 ކޮންޓޭނަރުގެ ބައިތައް ފެނުނު ކަމަށާއި އެތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށެވެ.

2 ކޮންޓޭނަރު ސިނގިޭޓު ވަގަށް ނެގި މައްސަލަ އަކީ، މިދިޔަ އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓާ، އެ 2 ކޮންޓޭނަރު ބަލަހައްޓާން މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ހަވާލު ކޮށްފައި ހުއްޓާ ވަގަށް ނެގި މައްސަލައެކެވެ.

ވަރުގަދަ ސެކިއުރިޓީ އާއެކު ހުޅުމާލޭގައި ގާއިމު ކޮށްފައި ހުންނަ އެމްޕީއެލްގެ އިންޓަނޭޝަނަލް ޓާމިނަލްގައި ބަހައްޓާފައި ހުއްޓާ 40 ފޫޓުގެ އެ 2 ކޮންޓޭނަރު ވަގަށް ނެގިއިރު ހިލަމެއްވީ މީހަކު މިވަގުތާ ހަމައަށް ހުރިކަމަކަށް އެއްވެސް ފަރާތަކުން މައުލޫމާތެއް ދީފައެއް ނުވެއެވެ.

ފުލުހުން ބުނީ، އެ 2 ކޮންޓޭނަރު ވަގަށް ނެގި މައްސަލަ އޮކްޓޯބަރު 09، 2025 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި ކަމަށާއި އެ ހިސާބުން މައްސަލައިގެ ތަހުގީގު ފެށި ކަމަށެވެ.

ކ. ތިލަފުށީގައި ހިންގި އޮޕަރޭޝަނާ ގުޅުވައި ފުލުހުން އިތުރަށް ބުނީ، އިތުރު މީހަކު އޮކްޓޯބަރު 21، 2025 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހައްޔަރު ވެސް ކުރި ކަމަށެވެ. އެއީ 52 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ބުނި ނަމަވެސް ވަނަވަރު ހާމައެއް ނުކުރެއެވެ.

މި މައްސަލައިގައި މިހާތަނަށް 4 މީހަކު ހައްޔަރު ކޮށްފައި ވާއިރު ވަނަވަރު ހާމަކޮށް އާންމު ކުރި މީހުންގެ ތެރޭގައި މަޝްހޫރު އެޕޯލޯ ނަމުގައި ވިޔަފާރި ހިންގާ ކުންފުނީގެ ވެރިޔާ ދޭލިޔާ (އާންމު ނަން) އާއި ލޮޓަސްގެ ނަމުގައި ވިޔަފާރި ހިންގާ އާއްޓޭ (އާންމު ނަން) ހިމެނެއެވެ.

މި މައްސަލައަކީ، ފުރިހަމަ ސެކިއުރިޓީ އާ އެކު ހުރި ޕޯޓަކުން ކުރި ވައްކަމަކަށް ވުރެ ބޮޑަށް އާންމުން ފާހަގަ ކުރަނީ 'ސިނގިރޭޓް ހައިސްޓް' އެއް ކަމަށެވެ. އިތުބާރު ބައެއް މަސްދަރުތަކުން ބުނާގޮތުން ވައްކަން ކުރި މީހުން ވަނީ، ކޮންޓޭނަރު ހުސްކޮށް ބޭއަދަބީ ބަހުރުވައިން ލިޔެފައި އޮތް ލިޔުމެއްގެ ކައިރީގައި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ހުންނަވަނިކޮށް އާންމުވެފައިވާ ފޮޓޮއެއް އޭގެ ތެރޭގައި ހަރުކޮށްފައެވެ.