މޯލްޑިވިއަންގެ އޮފީހެއް ފަޅާލައި 2 ކާގޯ ފޮށިގަނޑު ވަގަށް ނަގައިފިއެވެ.
މިކަމާ ގުޅިގެން މައުލޫމާތު ދެމުން ފުލުހުން ބުނީ ފަޅާލާފައިވަނީ ހއ. ހޯރަފުށީފައި ހުރި މޯލްޑިވިއަންގެ އޮފީހެއް ކަމަށެވެ.
ފުލުހުން ބުނީ މި އޮފީހުގެ ދޮރު ފަޅާލައި ވަދެ ވައްކަން ކޮށްފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 4 ޖަހާ އެހާކަންހާއިރުކަމަށެެވެ. ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އޮފީހުން ވަގަށް ނަގާފައިވަނީ ކާގޯ ދެ ފޮށިގަނޑުކަން އެނގިފައިވާ ކަމަށާއި އަދި މި މައްސަލައާ ގުޅިގެން މީހަކު މިހާތަނަށް ހައްޔަރުކޮށްފައިނުވާކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި މި އަހަރު ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލަތައް ކަމަށް ދާދި ފަހުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވެއެވެ. އެގޮތުން 2025 ވަނަ އަހަރު 4145 މައްސަލަ ހުށަހެޅިފައިވާކަމަށާއި މީގެތެރެއިން 2288 މައްސަލައަކީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުން ބުނެފައިވެއެވެ.
