ބިންވެރިޔާ ގޯތިތަކަށް އަރާފައިވާ މަގުތަކުގެ ތާރު ކެނޑުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

އެޗްޑީސީ އިން ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން ކަނޑައަޅާފައިވާ ގޯތިތަކުގެ އިން ވަކިކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް، ގޯތި ހަވާލުކުރުން އަވަސް ކުރުމަށް އެ ކޯޕަރޭޝަނުން ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުން ކަމަށެވެ. އެގޮތުން ގޯތި ދީފައިވާ ސަރަހައްދުތަކުގެ ބިން ސާފުކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށް ދާކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން ދޫކޮށްފައި ވާ ޕްލޮޓް ތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ ވިއުގައަށް އަރާ ގޮތަށް ދޫކޮށްފައި ވާ ޕްލޮޓްތައް ދިނުން އަވަސް ކުރުމަށް އެސަރަހައްދުގައި އަޅާފައިވާ ވިއުގަ އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށް ދާކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން 150 އެއްހާ ގޯތި ފެނާއި ނަރުދަމާ ހޮޅިތަކަށް އަރަ އެވެ. އެހެންވެ، ބިމުގެ އިން ވަކިކޮށްފައި އޮތަސް، އެ ތަނުގައި އެއްވެސް މަސައްކަތެއް ނުކުރެވެއެވެ. މި މަސައްކަތް ފައްޓަވައި ދެއްވުމަށް ފަހު، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު މީޑިއާއާ ވާހަކަ ދައްކަވަމުން ވިދާޅުވީ ބާރު ސްޕީޑުގައި ޕްލޮޓްތައް އެހެން ސަރަހައްދަކަށް ބަދަލު ކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

އެޗްޑީސީން އިން ބުނީ ގޯތިތަކަށް އަރާފައިވާ ނެޓްވޯކްތައް ނެގުމުގެ މަސައްކަތަށް 200 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި، މީގެއިތުރުން މައްސަލަ ޖެހިފައި ހުރި ސަރަހައްދުތައް ފިޔަވައި އެހެން ހުރިހާ ބިންތަކަށް ހުއްދަ ދިނުމުގެ މަސައްކަތް މިހާރުވެސް ކުރަމުން ދާ ކަމަށެވެ.