ކީތިރި ޤުރުއާން ބާވާލެއްވި އިރު އެއީ އަނގަބަހުން ކިޔަމުން ގެންދިޔަ އާޔަތްތަކެކެވެ. ފޮތެއްގެ ސިފައިގައި ލިޔުމުގެ މާ ކުރިންސުރެ ފެށިގެން އެ އިލްމުގެ އެކިއެކި ގާރީން ޤުރުއާނުގެ ބައެއް ބަސްތައް ވިދާޅުވަމުން ގެންދަވާފައި ވަނީ އެ ބަސްތައް ބޭނުން ކުރެއްވުމުގައި އެ ބޭބޭފުޅުން ކިޔަވާ ވިދާޅުވަމުން ގެންދެވި ޤިރާއަތުތަކާ އެއްގޮތަށް އަޑުތަކަށް ބައެއް ބަދަލުތައް އަންނަ ގޮތަށެވެ.

އޭގެ އެއް މިސާލަކީ, ބަގަރާ ސޫރަތުގައި އޮންނަ الم އާއި ޝަަރްހް ސޫރަތުގައި އޮންނަ اَلَمْ نَشْرَحْ ގެ އަލިފް ލާމް މީމް އެވެ. ބަގަރާ ސޫރަތުގައި އޮންނަ الم ގެ ކޮންމެ އަކުރެއް ވަކިން ކިޔާ އިރު ޝަރްހް ސޫރަތުގައި އޮންނަ الم ކިޔަނީ އެއްކޮށެވެ. އެ 3 އަކުރަކީވެސް އެއް އަކުރުތަކެއް ކަމަށް ވިޔަސް ކިޔުމުގައި ތަފާތު ބޮޑެވެ.

ޤުރުއާން ކިޔެވުމުގައި މައިގަނޑު 10 ޤިރާޔަތެއް އޮންނަ އިރު އެއީ މުތަވާތިރު 7 ޤިރާޔަތާއި މަޝްހަރު 3 ޤިރާޔަތެވެ. މި ޤިރާޔަތު ތަކުގެ ކިޔެވުން އެކި ގާރީން ކިޔަވާއިރު ބައެއް ބަސްތަކުގައި ތަފާތު ހުރުމަކީ އެއިން އެއްވެސް ކިޔެވުމެއް ގޯސްވާ ސަބަބެއް ނޫނެވެ.

މިސާލަކަށް އަލް ހަމްޒާ ސޫރަތުގައި يحسب ކިޔާއިރު އަލް އުތަމަނީގެ ކިޔެވުންތަކުގައި ސީނުގައި ޖަހަނީ އިބިފިއްޔެވެ. ނަމަވެސް ހަފްސް އާއި ޝައުބާގެ ކިޔެވުން ދަސްކޮށް ދެއްވި އަލް ޢާސިމް އާއި އިބްން ޢާމިރު އަދި ހަމްޒާގެ ކިޔެވުންތަކުގައި ސީނުގައި ޖަހަނީ އަބަފިއްޔެވެ. އެގޮތުން އެ ބަސް ގެނެސްފައި އޮންނަނީ يَحْسَبُ މިގޮތަށެވެ. ނަމަވެސް ވަރްޝް ގެ ކިޔެވުންތައް ދަސްކޮށް ދެއްވި ނާފިޢު އާއި ޤާލޫން އަބޫ އަމްރު އާއި އަލް ކިސާއީ އާއި އިބްނު ކަޝީރުގެ ކިޔެވުންތަކުގައި ފިލި އޮންނަނީ ސީނުގެ ތިރީގައެވެ.

މިފަދަ ކިތަންމެ ތަފާތެއް ޤިރާޔަތު ތަކުގައި ފާހަގަ ވާއިރު, މުޅި ޤުރުއާނުގައި އެބެފިއްޔާއި އޯބޯފިލި ބޭނުން ކޮށްފައެއް ނޯވެއެވެ. އެއީ ބާވާލެއްވި ގޮތެވެ.

ހޫދު ސޫރަތުގެ 41 ވަނަ އާޔަތް، ރާގެ ތިރީގައި ޑައިމަންޑް ބައްޓަން ފާހަގަ ކޮށްފައި

ނަމަވެސް ކިޔުމުގައި މުޅި ޤުރުއާނުގައި ވެސް އޭބޭފިލީގެ އަޑު އަންނަ ޖުމްލައެއް އޮވެއެވެ. އެއީ ހޫދު ސޫރަތުގެ 41 ވަނަ އާޔަތުގައި އޮންނަ ޑައިމަންޑް ބައްޓަމަކުން ފާހަގަ ކޮށްފައި އޮންނަ ر އެކެވެ. އެ އަކުރުގެ ތިރީގައި އެ ސިމްބަލް ނުވަތަ ޑައިމަންޑް ބައްޓަން އޮންނާތީ އެ އަކުރު ކިޔުމުގައި ނުވަތަ ޕްރަނައުންސް ކުރުމުގައި އަޑު ބަދަލުވެގެން ދަނީ އޭބޭފިލީގެ އަޑަށެވެ.

ގިނަ ޤާރީންގެ ކިޔެވުންތަކުގައި އެ އަކުރު ކިޔާ އިރު ر ގައި އީބީފިލި އަދި އާބާފިލީގެ އަޑުގެ ބަދަލުގައި ބޭނުން ކުރައްވަނީ ދޭތެރެ ދެމެދުން އޭބޭފިލީގެ އަޑަށް ދާ ގޮތަކަށެވެ. އެ ކަމާ ގުޅޭ ގޮތުން ތަޖުވީދުގެ އިލްމުވެރިން ވިދާޅުވަނީ އެއީ ބާވާލެއްވި ގޮތް ކަމަށާއި އެ އަކުރު ނުވަތަ ޖުމްލަ ކިޔާ އިރު އަލިފުގެ އަޑުވެސް އަދި ޔާ ގެ އަޑުވެސް އައިސްގެން ނުވާނެ ކަމަށެވެ. ނަމަވެސް އެ ޖުމްލަ ކިޔަން ވާނީ އަލިފާއި ޔާ އާ ދޭތެރެ ދެމެދަށް ވާގޮތަށް އޭބޭފިލީގެ އަޑަށް ދާގޮތަށް ކަމަށެވެ. އެ އަކުރަކީ އިމާލާގެ އަކުރެއް ކަމަށާއި އެހެން ކަމުން ކިޔުމުގައި ވެސް އެ މަޚުރަޖު އެގޮތަށް ގެނައުން މުހިންމު ކަމުގައި ތަޖުވީދުގެ އިމްލުވެރިން ވިދާޅުވެއެވެ.

އެ އަކުރު ކިޔަންވީ ރަނގަޅު ގޮތް ދެނެގަތުމަށްޓަކައި މަޝްހޫރު ބައެއް ޤާރީން ކަމަށް ވާ ބާސިތު, ހުސަރީ ފަދަ ބޭބޭފުޅުންގެ ކިޔެވުންތައް އަޑުއަހާލުން މުހިންމެވެ.

ޔޫސުފު ސޫރަތުގައި ވެސް މިފަދަ ޑައިމަންޓް ސިމްބަލް އެއް މީމާއި ނޫނާ ދެމެދުގައި އޮވެއެވެ. ނަމަވެސް އެ ޖުމްލަ ކިޔާ އިރު އޭބޭފިލީގެ އަޑެއް ނާދެއެވެ. އެތާނގައި ކިޔަން ޖެހެނީ ތަޖުވީދުގެ ހަމަތަކުން އިޝްމާމް ގެ އަކުރެއްގެ ގޮތުގައި ތަޝްދީދަށެވެ.

ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި ކުރިން ބުނި މިސާލު مجراها ކިޔާ އިރު ރާގެ އީބީފިއްޔާ އެކު ކިޔަސް އެއީ ވެސް ހަމަ ހެޔޮގޮތެކެވެ. ނަމަވެސް ޤިރާޔަތު ތަކުގައި ކިޔަން އެންމެ ހެޔޮގޮތެއް ކަމަށް ބުނެފައި ވަނީ އޭބޭފިލީގެ އަޑު އަންނަ ގޮތަށެވެ.